އަޅުގަނޑު ނަމާދުކުރަމެވެ. ޛިކުރުކުރަމެވެ. ތަޤްވާވެރި ވެވިއްޖެކަން އިޙްޞާޞް ކުރެވޭނީ ކިހިނަކުންތޯ؟
މިސުވާލުގެ ޖަވާބަށް ޢިލަމްވެރިން ތަފާތު ބަސްފުޅުތައް ވިދާޅުވެވެއެވެ. ތިރީގައިވާ ލިޔުމުގައި އެވަނީ މިއުންމަތުގެ މައިކަނބަލުންގެ ތެރެއިން ޢިލްމަށް އަރައިއިންނެވި ޢާއިޝަތުގެފާނުގެ ބަސްފުޅެވެ.
ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންކަމަކީ ތަޤްވާވެރިކަމެވެ. އެހެނީ މީސްތަކުންގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި އުފުލިގެންދާނީ އެމީހެއްގެ ތަޤްވާވެރިކަމުން ކަމަށްވާތީއެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންޖެހެނީ އެ ސަބަބަށްޓަކައެވެ.
ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަމުންދާ މީހަކަށް އެންމެ މުހިންމުވާނެ އެއް ކަމަކީ އެމީހަކު ކުރާ މަސައްކަތް ކާމިޔާބުވާކަން އެނގުމެވެ. އެކަން ދެނެގަނެވޭނެ މަގެއް ޢާއިޝަތުގެފާނު ވަނީ ވިދާޅުވެދެއްވައިފައެވެ.
"އަހުރެންނަށް ތަޤްވާވެރިވެވިއްޖެކަން އެނގޭނެ ގޮތަކީ ކޮބައިތޯ؟" ޢާއިޝަތުގެފާނަށް ދެންނެވުމުން ވިދާޅުވިއެވެ. "ފާފަކުރުމަށް ބިރުވެތިވެވެން ފެށުމުންނެވެ." އަދި "ފާފަކުރުމަށް ބިރުވެތިވެވޭކަން އެނގޭނީ ކިހިނަކުންތޯ؟" ސުވާލުކުރުމުން ވިދާޅުވީ "ތަޤްވާވެރިކަން އިތުރުވުމުން" ކަމަށެވެ!"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި މީސްތަކުންގެ ދަރަޖަ ކޮންމެ ގޮތަކުން މިނެކިރައި ހެދިނަމަވެސް ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިވެ އުފުލިގެންދިއުން ވަނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ.
ވީމާ ފާފަކުރަން ބިރުވެތިވެވޭ މީހަކަށްވާށެވެ! ކިތަންމެ ކުޑަކަމެއް ނަމަވެސް އެކަމަކީ ފާފައަކަސްވެދާނެ ކަމެއްކަމަށް ޝައްކެއް އޮތް ނަމަވެސް އެކަމެއް ކުރަން ބިރުވެތިވެވޭ މީހަކަށްވާށެވެ. ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދިއަ ވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން