ކުޑަކުޑަ ވާހަކައަކުން ފަށާނަމެވެ. މިއީ ވަރަށް ފަހުން ހިނގި ކަމެކެވެ. އެއީ ތަޤްވާވެރި އަންހެން ކުއްޖެކެވެ. ނަމަވެސް އޭނާގެ އެކުވެރިންގެ ތެރޭގައި ނުބައި މީހުން ތިބެއެވެ. އެހެންވެ އެމީހުންނާއިއެކު ތަންތަނަށް ގޮސް މަޖާނުކުރާތީ އެކުއްޖާއަށް ލަނޑެއް ދޭން ރާވައި ލަނޑު ދޭނެ ފިރިހެން ގްރޫޕެއް ތައްޔާރުކޮށްފައި ކެއުމަކަށް ގެންދަން މަސައްކަތްކުރިއެވެ.
އެކަން ނުއެނގިހުރެ ކެއުމަށްދާން ކުއްޖާ މަސައްކަތްކުރިއެވެ. ކާރު ދުއްވީ އަމިއްލައަށެވެ. ވަކިހިސާބަކުން އިންޖީނު ހުއްޓުނީއެވެ. އެހެންވެ އެތަނަކަށް ނުދެވުނެވެ. ނުގޮސް ލަސްވެގެން އެކުވެރިން ގުޅުމުން ލިބުނީ ފޯނު ނިވިފައިވާ ކަމުގެ ޓޯނެވެ. އެކަމަކު ފޯނެއް ނުނިވެއެވެ. ކާރުހުއްޓުނީތީ ކަންބޮޑުވި ވަރުން އެކުވެރިންނަށް ގުޅަން އެކުއްޖާއަށް ހަނދާނެއް ނުވިއެވެ.
ކޮންމެއަކަސް ފަހުން ޙަޤީޤަތް އެނގުނެވެ. އެކަމުގައި ބައިވެރިވި ފިރިހެން ކުއްޖަކާއި އުފެދުނު ގުޅުމެއްގެ ތެރެއިންނެވެ. އެކުއްޖާގެ ހުރި ރަނގަޅުކަން އެނގުމުން މާފަށް އެދި ކިޔައިދިނީއެވެ.
މިޙާދިސާއިން ޢިބްރަތް ޙާޞިލްކުރާށެވެ! ހަސަދަވެރިންގެ ކިބައިން މިފަދަ ގޮތްގޮތަށް ސަލާމަތްކަން ލިބޭނެ މީހަކަށް ވެވޭނެއެވެ. ދައްކަން މިއުޅެނީ އެކަމަށް އެދިގެން ޢަމަލުކުރަން އޮތް ގޮތުގެ ވާހަކައެވެ.
ތިމާގެ ހިތުގައި އޮންނަ ޢަދާވާތްތެރިކަން ހިތުގައި ސިއްރުކޮށްގެން ތިބެވިދާނެއެވެ. ވަރަށް ހެޔޮއެދޭކަމަށް ދައްކައިގެންވެސް އުޅެވިދާނެއވެ. އެކަންކަމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމެވެ.
ހިތަކީ ފެންނާނެ އެއްޗެއް ނޫނެވެ. ހިތް ފެނުނަސް ހިތަށް އަރާފައިބާ ކަންކަމެއް ނުއެނގޭނެއެވެ. އއެހެންވެ އަނެކާގެ ހިތުގައި އޮންނަ ޙަސަދަވެރިކަން ނުވެސް އެނގިދާނެއެވެ. އެހެނަސް އެންމެންގެ ހިތްތައް ދެކެދެނެވޮޑިގެންވާ ފަރާތަށް އެކަން ސިއްރެއް ނުކުރެވޭނެއެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ.
"ތިއަބައިމީހުންނަށް ޢަދާވާތްތެރިވާ މީހުން ތިބިކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. އެ ޢަދާވާތްތެރިން ތިއަބައިމީހުންނަށްވުރެ ބޮޑަށް ދެނެވޮޑިގެންވަނީ ތިމަން ﷲއެވެ." މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ.
އަހަރެމެން ކޮންމެ މީހެއްގެވެސް ޢަދާވާތްތެރިން ތިބޭނެއެވެ. ރުޅިއަންނަ މީހުންނާ ޙަސަދަވެރިވާ މީހުންވެސް ތިބޭނެއެވެ. ނަމަވެސް ގިނަ ފަހަރު ޢަދާވާތްތެރިންކަމުގައި ބެލެވެނީ ޙަޤީޤީ ޢަދާވާތްތެރިންނެއް ނޫނެވެ. ހެޔޮ އެދޭ މީހުންނެވެ. އަދި ގާތްއެކުވެރިންކަމުގައި ޢަދާވާތެރިންވެސް ހަދަމުއެވެ.
މިއީ އަހަރެމެން އެންމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކުރުވާ ކަންކަމެވެ. އަހަރެމެންނަށް ހެޔޮ ނަޞޭޙަތްދީ ދީނުގައިވާ ގޮތަށް ކަންކަން ކުރުވަން ބާރުއަޅާމީހުންނާއިމެދު ޝައްކު އުފައްދުވައި ބޮލުގައި ކޮންމެވެސް ނުބައި ތުހުމަތުތަކެއް އަޅުވައި އެއީ ޢަދާވާތްތެރިންކަމުގައި ވިސްނައިދެނީ ޝައިޠޯނާއެވެ. ހަމައެއާއިއެކު ނުބައި ނުލަފާ މީހުންނަކީ މާހެޔޮއެދޭނެ، މާރަނގަޅުބައެއްކަމުގައި ދައްކުވައިގެން އަހަރެމެންނާއި ކައިރިކުރުވަނީ ވެސް ހަމަ ޝައިޠޯނާއެވެ.
މިކަންކަމުން ސަލާމަތްވާން އޮތް މަގަކީވެސް ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. އެއިރުން ޢަދާވާތްތެރިން ދެނެގަތުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވަވާނެތެވެ! ހަމައެއާއިއެކު އެކުވެރިއަކާއިމެދު ނުބައި ގޮތަކަށް ޝައްކުކުރެވޭނަމަ އެޝައްކުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާށެވެ! ޙަޤީޤަތް އެނގި ޝައްކުފިލަންދެން އެމީހަކާއި ކުޑަކޮށް ދުރުހެލިވެލާށެވެ! އެއީ އެއްވެސް ގެއްލުމެއް ލިބޭނެ އަދި ނުބައެއްވެސް އޮތްކަމެއް ނޫނެވެ.
ނަމަވެސް ޙަޤީޤަތް ނުބަލައި އެއްވެސް އެކުވެރިއަކާއި ގުޅުންކަނޑައިނުލާށެވެ! ގުޅުން ކަނޑައިނުލާނަމަ ޙަޤީޤަތް އެނގި ޝައްކުފިލުމުން އެކަމުގައި ނުބައެއް ނެތްނަމަ ކައިރިވެވޭނެއެވެ. ނަމަވެސް ގުޅުން ކަނޑާލައިފިނަމަ އަލުން ގުޅުމުގެ ފުރުޞަތަށް އޮންނާނީ ހުރަސްއެޅި އެކުވެރިޔާ ގެއްލިފައެވެ.
"ތިމަން ﷲ ތިއަބައިމީހުންނަށް ރައްކައުތެރިކަން ދެއްވަވާހުށީމެވެ. އެކަމަށް ތިމަން ﷲ ފުދިވޮޑިގެންވަމެވެ." ވަޙީކުރައްވަވާފައިވާ ބަސްފުޅަށް އިތުބާރުކުރާށެވެ! އަދި އެބަސްފުޅުގެ މާނައީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެތިބޭނަމަ ﷲ ތަޢާލާ އަހަރެމެންނަށް ޙިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން