ތަނަވަސްކަން ކުޑަނަމަ ޚަރަދުކުރަން ދަތިވެދާނެއެވެ. ނަމަވެސް ދަރިން މާޔޫސް ނުވާނެވަރަށް ދަރިންނަށް ލޯތްބާއި އަޅައިލުން ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެހައިގިނައިރު މަސައްކަތުގައި އުޅެންޖެހެނީ ހެއްޔެވެ؟
މިކަމަށް ކަންބޮޑުވެ މައިންގެ ކިބައިން ލިބޭ ޝަކުވާތަކަށް ބަލާއިރު ދަރިންނަށް ވަޤުތު ނުދޭ ގިނަ ބައްޕައިން އެހައި ބިޒީއެއްވެސް ނޫނެވެ. އަދި ބިޒީ ބައްޕައިން މާގިނަ ވަޤުތުދެއެވެ.
ވީމާ އުންމީދުކުރަނީ ދަރިންނަށް ވަޤުތު ނުދެވޭ ބައްޕައިންނަށް ތިރީގައިވާ ލިޔުމުން ފައިދާކުރާނެ ކަމަށެވެ. ވިސްނައިގެން ކިޔައިފިނަމަ ރަނގަޅު ގޮތް ވިސްނޭނެއެވެ. އިން ޝާ ﷲ
"ލޯބިވާ ބައްޕާއެވެ! ބައްޕައަކީވެސް އަމިއްލަމަސައްކަތުން ފުދިގެން އުޅޭ މީހެކެވެ. އެދި ދުޢާކުރަނީވެސް މަސައްކަތް ކުރިއަރައި އަދިވެސް އިތުރަށް ތަނަވަސްކަން ދެއްވެވުމަށެވެ.
ލޯބިވާ ބައްޕާއެވެ! އަޅުގަނޑުގެ ޢުމުރަކީ 13 އަހަރެވެ. ހަގަށް 3 ކޮއްކޮ އެބަތިއްބެވެ. މިހައިދުވަސްވީއިރުވެސް ހަމައެކަނި އަޅުގަނޑުމެންނަށްޓަކައި ބައްޕަގެ އަގުހުރި ވަޤުތުން އެންމެ ހިނދުކޮޅެއްވެސް ދެއްވިއްޖެތޯއެވެ؟ ހަމަޤައިމުވެސް އަޅުގަނޑު ހަނދާނެއް ނެތެވެ.
ބައްޕަ އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ އެއްޗެއް ދެއްވައެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. މާދަމާއަކީ ރިޕޯޓްފޯމް ލިބޭނެ ދުވަހެވެ. ބައްޕަ ހަދިޔާތައް ދެއްވާނެއެވެ. އެކަމަކު ކުރިއާލައި މިނަންގަންނަނީއެވެ. އަޅުގަނޑުމެން ގޮވައިގެން އެންމެ ކުޑަމިނުން ވިލިމާލެއަށް މޫދަށް އެރިލަން ނުދުރުވޭނަމަ އެއްވެސް ހަދިޔާއެއް ނުދެއްވައްޗެވެ. ބޭނުމެއް ނޫނެވެ."
މިއީ މިދިއަ ޓާމްނިމި ރިޕޯޓް ދިނުމުގެ 1 ދުވަސްކުރިން 13 އަހަރުގެ ކުއްޖަކު އޭނާއަށް އެނގޭ ޢިބާރާތުން ލިޔެ އޭނާގެ ބައްޕައަށް ދިފައިވާ ނޯޓެއްގައިވާ ވާހަކަތަކެވެ. މިއަދުނޫހަށް ނޯޓް ޙިއްޞާކުރީ ކުއްޖާގެ މަންމައެވެ.
މަންމަ ބުނީ ކޮޓަރީގެ މޭޒުމަތީގައި "ބައްޕައަށް! އާޖަންޓް!" ޖަހާފައި ބޭއްވި ނޯޓު ކިޔާފައިވަނީވެސް ބައްޕަ ހޫނުފެނަށް ވެއްޓުނު ފަހުން ކަމަށާއި ގައިން ދިލަނެގި ފަހުން ކަމަށެވެ. އިތުރަކަށް ނުބުންޏެވެ. އެދުނީ އެންމެ ކަމަކުއެވެ. އެއީ މިފަދަ ބައްޕައިންނަށް ޢިބްރަތަކަށްވާނެ ލިޔުމެއް ނޫހުގައި ޝާއިޢުކޮށްދިނުމަށެވެ.
އެހެންކަމުން މިގެނެސްދެނީ އެމަންމަ އެދިފައިވާ ފަދަ ލިޔުމެކެވެ.
ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ.:
ވިޔަފާރިއާއިގެން ހޭބޯނާރާ މަސައްކަތްކުރަމުން ދިޔަ ބައްޕައެއްގެ ދަރިއެކެވެ. އެއްދުވަހަކު މި ބައްޕަ ގެއަށް އައިސް ގޭގައި ވެސް މަސައްކަތާއިގެން މަޝްޣޫލުވެ އުޅެނިކޮށް ދަރިފުޅު އައިސް ބައްޕަކައިރިން އެއްޗެއް އަހާލެވިދާނެތޯ އެހިއެވެ. ބައްޕަ ބުންޏެވެ. "އަހަރެން މިހުރީ ބުރަ މަސައްކަތެއްގައިކަން ކަލެއަކަށް ނޭނގޭހެއްޔެވެ؟ އަހަރެން މި ހިރަ ބިލްތައް ޗެކްކުރަން އެބަޖެހެއެވެ. އެހެރަ ޗެކްތަކުގައި ސޮއިކުރަން އެބަޖެހެއެވެ. އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން އެބެޖެހެއެވެ. އަވަހަށް ބުނާށެވެ!"
ދަރިފުޅު ބުންޏެވެ. "ބައްޕަގެ ތިޔަ ވިޔަފާރިން ގަޑިއަކަށް ލިބެނީ ކިހާ ފައިސާއެއް ހެއްޔެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރަން ކަލޭ ބަލާކަމެއް ހެއްޔެވެ؟ ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމައަށް ވާނީ ހޯދާދީފައެވެ. އަހަރެންނަށް ލިބެނީ ގަޑިއަކަށް ވިހި ޑޮލަރެވެ. ދެން އުނދަގޫ ނުކޮށް މިތަނުން އަވަހަށް ދާން އުޅޭށެވެ."
ދަރިފުޅު ބުންޏެވެ. "އަދި އިތުރު އެއް ސުވާލު ކޮށްލަން އަހަރެން ބޭނުމެވެ. ބައްޕާއެވެ! އަހަރެންނަށް ދިހަ ޑޮލަރު ދެވިދާނެތޯއެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟ މި ދިޔަ ހަފްތާގަ ކަލެއަށް ދިހަ ޑޮލަރު ދިނީމެއް ނޫންހެއްޔެވެ؟ ދެން އުނދަގޫ ނުކޮށް މިތަނުން ދާން އުޅޭށެވެ."
އެދަރިފުޅު ބައްޕަގެ ހަރުކަށި ބަހުރުވައިގެ ސަބަބުން ދެރަވެ، އެންމެފަހުން ނިދަން އޮށޯތެވެ. ބައްޕަ އޭނާގެ މަސައްކަތް ނިންމާލުމަށް ފަހު ހަމަޖެހިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާއާއި އޭނަގެ ދަރިފުޅާ ދެމެދު ހިނގި ހޫނު ވާހަކަތައް ޚިޔާލުތަކެއްގެ ސިފައިގައި އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލްވަމުން ދިޔައެވެ. އޭނާގެ ނިންޖަށް ހުރަސްއަޅަމުންނެވެ.
ދަރިފުޅާއި ދެމެދު ހިނގި ކަންތަކާއި ފުންކޮށް އޭނާ ވިސްނާލިއެވެ. ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި އުތުރިގަތެވެ. އިރުކޮޅަކުން އެ ދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް މިޞްރާބުޖެހިއެވެ. ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ" ބައްޕަ ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެ ދިހަޑޮލަރު ބާލިސް ދަށަށްލައި ރައްކާކުރިއެވެ.
އެ ދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ. ބައްޕަ ބުންޏެވެ. "ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟"
ދަރިފުޅު ބުންޏެވެ. " ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ. ބައްޕަ ތިޔަވަނީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟"
އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ. މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟ ތިބާގެ އަތުން ފައިސާދީފައި މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެން ހެއްޔެވެ؟ އެމީހުންނާއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ ބަދަލުކުރުމުގެ ވަޤުތެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަތީގައިވާ އެވާ ކުރުކުރު ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއި ހުރެ ބާއްޖަވެރި ކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.
- ޝައިޚް އަޙްމަދު ރިމާޒްގެ ދަރުސަކުން