ބައިވެރިޔާ ނަމާދުނުކުރާތީ ކަންބޮޑުވެ ޝަކުވާކުރާ ކިޔުންތެރިންގެ ތެރޭގައި ބޮޑުތަނުން ގިނައީ އަންހެނުންނެވެ. އެގޮތަށް މެދުވެރިވާ ސަބަބަކީ ފިރިން އެކަމަށް ކަންބޮޑުނުވުން ކަމަށް ބުނާކަށް ނެތީމެވެ.
ކޮންމެއަކަސް ބައިވެރިޔާ ނަމާދުނުކުރާނަމަ ކުރަން އޮތް ފުރަތަމަ ކަމަކީ ދުޢާކުރުމާއި ހަނދާންކޮށްދިނުމެވެ. އާދޭސްވެސް ކުރާށެވެ. ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިސްނާލާފައި އެފަދަ އުކުޅެއްވެސް ނިކަން ތަޖުރިބާކޮށްލައިބަލާށެވެ.
މީހަކު އޭނާގެ އަނބިމީހާގެ ގައިގައި ރޫޙާނީ ކަމެއް އުޅޭކަމަށް ފާހަގަ ކުރެވިގެން، އަނބިމީހާ ގޮވައިގެން ޝައިޚެއްގެ (ރާޤީ) ގާތަށްދިއައެވެ.
ޝައިޚް އޭނާ ކައިރީގައި ކިޔަވަންފެށިއެވެ. އަދި އިރުކޮޅެއްފަހުން ޖިންނި ޙާޟިރުވެ ވާހަކަ ދައްކަން ފަށައިފިއެވެ!!
ޖިންނި ބުންޏެވެ: "އަހަރެން މި އަންހެނާގެ ގައިން ނިކުމެދާނަމެވެ.. އެކަމަކު.. އެއީ ޝަރުޠެއްގެ މަތިންނެވެ!!"
ޝައިޚް އެކަމާ އިންކާރުކުރަމުން ބުންޏެވެ: " އެއްވެސް ޝަރުޠެއްނެތި މިއަންހެނާގެ ހަށިގަނޑުން ނުކުމެގެން ދާށެވެ!"
ޖިންނި ބުންޏެވެ: " ފުރަތަމަ އަހަރެންގެ ޝަރުޠު އަޑު އަހާށެވެ."
ޝައިޚް ބުންޏެވެ: " އެންމެ ރަނގަޅެވެ. ތިބާގެ ޝަރުޠު ބުނެދޭށެވެ."
ޖިންނި ބުންޏެވެ: " އަހަރެން މި އަންހެނާގެ ގައިން ނިކުންނާނީ، ހަމައެކަނި އޭނާގެ ފިރިމީހާގެ ގައަށް ވަނުމައްޓަކައެވެ."
އެއަޑު އިވި ފިރިމީހާ ބިރުން އޭނާ އިންތަނުން ތެދުވެވުނެވެ. އަދި ބިރުންގޮސް ތުރުތުރު އަޅަންފެށިއެވެއެވެ.!!!
ޝައިޚް ބުންޏެވެ: " ނޫނެކެވެ. ކަލެއަކަށް ތިއަކަމެއް ނުކުރެވޭނެއެވެ."
ޖިންނި ބުންޏެވެ: " އެނާގެ ހަށިގަނޑަށް އަހަރެން ވަންނަން ބޭނުންވާ ސަބަބެއް އެނގޭ ހެއްޔެވެ؟"
ޝައިޚް ބުންޏެވެ: " އެސަބަބަކީ ކޮބާ ހެއްޔެވެ؟"
ޖިންނި ބުންޏެވެ: " އެއީ އޭނާ އަކީ ނަމާދު ނުކުރާ މީހެއް ކަމުގައި ވާތީއެވެ."
ދެން ޝައިޚް އެ ފިރިހެން މީހާކުރެން އެއީ ތެދު ވާހަކައެއްތޯ އެހުމުން އެފިރިހެނާ އެކަމާ އިންކާރުކޮށް އޭނާ ނަމާދު ކުރާކަމުގައި ބުންޏެވެ.
އެހެންކަމުން ޝައިޚް ބުންޏެވެ: "އަޑުއަހާށެވެ! އަންހެނާގެ ހަށިގަނޑުން ތިބާ ނުކުންނާށެވެ. އަދި މި ދެމަފިރިންގެ ގޭ ކައިރީގައި ތިބާ ދިރި އުޅޭށެވެ. ފިރިމީހާ ނަމާދު ނުކުރާނަމަ ތިބާ އޭނާގެ ހަށިގަނޑަށް ވަންނާށެވެ."
ދެން ޖިންނި އެކަމަށް އެއްބަސްވެ އަންހެނާގެ ހަށިގަނޑުން ނިކުމެއްޖެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އަނބިމީހާ ޝައިޚަށް ޝުކުރު އަދާކުރުމައްޓަކައި ގުޅިއެވެ. އަދި ޝައިޚް، ފިރިމީހާގެ ޙާލަތާއި މެދު ސުވާލުކުރުމުން،
އަނބިމީހާ ބުންޏެވެ: " އަލްޙަމްދު لِلَّه... އަހަރެންގެ ފިރިމީހާއަކީ މިހާރު ނަމާދަށްޓަކައި މިސްކިތުގެ ދޮރުތައް ހުޅުވާލާ މީހާއެވެ. އަދި އޭނާ ނަމާދުތައް ފުރިހަމައަށް އަދާކުރެއެވެ."
ބުނެވޭގޮތުގައި މިއީ ޝައިޚް އަދި އަންހެންމީހާ ރާވައިގެން ކުރި ކަމެކެވެ. ޙަޤީޤަތުގައި އަންހެން މީހާގެ ކިބައިގައި އެކަހަލަ އެއްވެސް ބައްޔެއް ހުރީކީއެއްނޫނެވެ.
އެހެނެއްކަމަކު އެ އަންހެނާ ބޭނުންވީ، އޭނާގެ ފިރިމީހާ އަކީ ނަމާދު ޤާއިމްކުރާ ހެޔޮލަފާ މީހެއްކަމުގައި ވުމަށެވެ.
އާނއެކެވެ!
މިއީ ޞާލިޙު އަންހެނެއްގެ ވާހަކައެވެ. ފިރިމީހާދެކެ ޙަޤީޤީ ލޯބިވީ އަނބިކަނބަލެއްގެ ވާހަކައެކެވެ. ފިރިމީހާއަށްޓަކައި ދުނިޔެއާއި އާޚިރަތައްޓަކައި ބިރުވެތިވީ ހެޔޮލަފާ ޞާލިޙް އަނބިކަނބަލެއްގެ ވާހަކައެވެ!!
ނެގިފައިވަނީ: (قصص الإسلامية)
މަސްދަރު: ޢަލްޢިބަރު
(ޖިންނި އަވަލާފައި ތިބޭ މީހުންގެ ގާތު ކިޔަވައި ޖިންނި ގެނައުމުން ޖިންނި ދައްކާ ވާހަކައިގެ އަޑުއިވޭނީ ހަމައެކަނި އަވަލާފައިވާ މީހާއަށެވެ. އެހެން މީހުންނަށް އަޑުއިވޭނީ އޭނާ ބުނާ ބަހެވެ. ނަމަވެސް ޖިންނިއަށް އެތަނުގައި ދައްކާ ވާހަކައަޑުއިވޭނެއެވެ.)