ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ "ދިރާގު ރަށު އެކްސްޕޯ 2025" ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ "ދިރާގު ރަށު އެކްސްޕޯ 2025" ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ "ދިރާގު ރަށު އެކްސްޕޯ 2025" މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ފަށައިފިއެވެ.

މިއެކްސްޕޯ ރަސްމީކޮށް ފަށްޓަވައިދެއްވީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ އަލީ ރިޔާޒެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި މިއިވެންޓުގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފުވައްމުލަށް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާކެޓިންގ އޭޖެންސީ "ދަ ޓްރެވަލް ގާއިޒް" އިން އިންތިޒާމްކޮށްގެން ބާއްވާ މިއެކްސްޕޯގައި ލޯކަލް ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއި ގެސްޓްހައުސް ފަދަ ވިޔަފާރިތަކުން އެއްތަނަކުން، ރާއްޖޭގެ ހާއްސަ ކަންކަން އިޝްތިހާރުކުރާނެއެވެ. "މިއީ ރާއްޖޭގެ ސަގާފަތާއި ތާރީޚާއި ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަން އިޝްތިހާރުކުރުމަށް ބާއްވާ އިވެންޓެއް،" އެކުންފުނިން ބުންޏެވެ.

އެކުންފުނިން އިތުރަށް ބުނީ މިއެކްސްޕޯއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، ގުޅުން ބަދަހިކުރުމަށާއި ރާއްޖެ އެތެރޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އެއްބާރުލުންދިނުމުގެގޮތުން، އެފަރާތްތަކަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމެއް ކަމަށެވެ.

ފެބްރުއަރީ 13 ވަނަ ދުވަހު ފެށުނު މިއެކްސްޕޯގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ބައިވެރިވެއެވެ.

މިއަދު އޮންލައިން