ރޯދައަށް ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނަން: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 55ސ
ރޯދައަށް ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނަން: ވަޒީރު ސައީދު

ރާއްޖޭގެ އިޤްތިސާދު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން ރޭޓު އުޅެނީ 3 ޕަސެންޓަށްވުރެ ދަށުގައި ކަމަށެވެ. އެހެންކަމުން ބާޒާރުގައި އަސާސީ ބާވަތްތަކުގެ އަގު އުފުލިގެންދާ ނަމަ އެކަން ސަރުކާރުން ބަލާނެ ކަމަށް އިގްތިސާދީ ތަރައްދީއާއި ވިޔަފާރީއާއި ބޭހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި ތަކެތި އަގުބޮޑުވުމާއި ގުޅިގެން އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އަހާ ފޯރަމުގައި ވާހަކަފުޅު ދައްވަމުން ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަކީ އާންމު ރައްޔިތުންނަށް ބުރަބޮޑު ނުވާނެހެން އިންފްލޭޗަން ރޭޓު ދަށްކޮށް ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނައުން ކަމަށެވެ. އެހެންކަމުން ވަކި ރޭޓުތަކެއްގައި ތަކެތީގެ އަގު ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި އަގުތަކާ ޚިލާފަށް އަގު ބޮޑު ކުރާ ނަމަ އެކަން ބަލައި ހައްލުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މާކެޓުގެ އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްއެއް ނޫން ކުރާނެ އެކަން. ސަބަބަކީ އަސާސީ ބާވަތްތަކުގެ މުދާ އާންމު ރައްޔިތުން ހޯދުމުގައި ދަތި ހުރަސްވާނެ ހުރިހާ ކަމެއް އޮތް ގޮންޖެހުންތަކުގެ ތެރެއިންވެސް ސަރުކާރުން މިދަނީ ހައްލު ކުރަމުން." ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު ކުރިޔަށް ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު ބޮޑު ނުކުރުމަށް ސައިދު ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ވިދާޅުވީ ރައީސް މުއިއްޒުގެ ޒާމަތުގައި ކުރިމަތިލި ފުރަތަމަ ރޯދަމަސް ( މިދިޔަ އަހަރުގެ ރަމަޟާންމަސް) އަކީ ރާއްޖޭގެ ތާރީހުގައި އެންމެ ރަނގަޅަށް އެކިއެކި އައިޓަމްތައް ލިބުމުގައިވެސް އެންމެ އަގުހެޔު ދުވަސްތައް ކަމަށެވެ.

"2024 ވަނަ އަހަރުގެ ރަމަޟާންމަހަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް، އެމަނިކުފާނުގެ ސަރުކާރުން ރަމަޟާން މަހެއްގެ މިފަދަ ހުރިހާ ކަމަކަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރު. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ރަނގަޅަށް ރަމަޟާން މަހެއްގެ ކާބޯތަކެތީގެ އަގުތައް މެނޭޖްކުރެވިގެން ދިޔައީ މިދިޔަ ރަމަޟާން މަހު." ސައިދު ވިދާޅުވިއެވެ.

މި ސުވާލުގެ ޖަވާބުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި ކަންކަން ނިންމާފައި އޮންނަ އެންމެ މުހިންމު އެއް ސިފައަކީ ރަހުމަތާއި އިހުސާންތެރިކަމާއި ކުލުނުވެރިކަމުގެ ސިފައެވެ. އެގޮތުން ވިޔަފާރީގައި މަކާރާއި ހީލަތް ހަދާ މީހުންނަށް ލައުނަތާއި ހަލާކުލެވިގެންވާ ކަމަށް ޝަހީމު ވަނީ ވިދާޅުވެފައެވެ.

"ދެ މަޤާމެއްގެ މީހުންނަށް ލައުނަތާއި ނުވަތަ ހަލާކު ހުއްޓޭ މި އިބާރާތުން ވަހީކުރައްވާފައިވޭ. އޭގެތެރެއިން ފުރަތަމަ ކަމަކީ ވިޔަފާރީގައި މަކަރު ހެދުމާއި ހީލަތް ހެދުމާ މިކަންކަމުގެ ވާހަކަ." ވަޒިރު ވިދާޅުވިއެވެ.

މި ފޯރަމްގެ ހަތަރުވަނަ ބުރުގައި ބައިވެރިވާ ވަޒީރުންނަކީ:

  • އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް
  • މަތީ ތައުލާމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • އިގްތިސާދީ ތަރައްދީއާއި ވިޔަފާރީއާއި ބޭހޭ ވަޒީރު މުހައްމަދު ސައީދު
  • ފަތުރުވެރި ކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިގު އިބްރާހިމް އެވެ.

އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ފޯރަމެކެވެ. އަހާގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

މިއަދު އޮންލައިން