އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރަން 60 ކައުންސިލުން ޝައުގުވެރިވޭ: އައިޝަތު ޝިހާމު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރަން 60 ކައުންސިލުން ޝައުގުވެރިވޭ: އައިޝަތު ޝިހާމު

މާލޭގައި ޤާއިމުކުރި އިސްރަށްވެހިންގެ ނާދީއަކީ ވަރަށް ފައިދާ ކުރުވަނިވި ތަނެއް ކަމަށާއި އަތޮޅުތެރޭ އިތުރު ނާދީތައް ޤާއިމުކުރުމަށް 60 ކައުންސިލަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމުގައި ވަޒީރު ވިދާޅުވީ އިސްރަށްވެހިން އެކު އުލެލާނެ ތަންތަން ހެދުމަށް ކައުންސިލްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށާއި އެފަދަ ތަންތަން ޤާއިމުކުރުމުގެ ޝައުގުވެރިކަން 60 ކައުންސިލަކުން ފާޅުކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކަންސިލްތަކާ މަޝްވަރާ ކުރަމުން އެބަ ގެންދަން ވަކި ރަށްރަށުގައި އިސްރަށްވެހިން އެކު އުޅެލާނެ ތަންތަން ފާހަގަކުރުމަށް، އެގޮތުން ގާތްގަނޑަކަށް 60 ވަރަކަށް ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައި އެބައޮތް." އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މާލޭގައި ހުރި ނާދީގައި އިސްރަށްވެހިން އުޅޭއިރު ހިތްހަމަޖެހުން ލިބި އެކުވެރިންނާއި ބައްދަލުވެ އެކަކު އަނެކަކުގެ އިހުސާސްތައް ބޭރުވުމުގެ ސަބަބުން އެފަރާތްތަކުގެ ސިއްޚަތާއި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތައް އަންނަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މިހާރު އޮންނަ އުސޫލުގެ ތެރެއިން އިސްރަށްވެހިންނަށް އެއްވެސް އިސްކަމެއް ނުދޭ ކަމަށާއި މިސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިސްރަށްވެހިންނަށްވެސް ޕޮއިންޓު ދެވޭނެ އުސޫލެއް އެކުލާވަލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

 އިސްރަށްވެހިންގެ ހާލު ބަލައި އެފަރާތްތަކުގެ އިހުސާސްތައް ދެނެގަތުމަށް މިނިސްޓްރީގައި ހާއްސަ ޕޮލިސީއެއް އެކުލަވާލައި އިސްރަށްވެހިންނާ އެއްކޮށް މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން އިސްރަށްވެހިންގެ ޝަކުވާތައް އަޑުއަހަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް އިސްރަށްވެހިންނަށް ހާއްސަ ކުލިނިކްތައް ޤާއިމުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ.

މި ސަރުކާރުން އިސްރަށްވެހިންނަށް ދިމާވާ ހުރިހާ ގޮންޖެހުންތައް ބަލައި ހޯދައި އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަން ލިބުމުގައިވެސް އެފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލެއް މިހާރު ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ބޯހިޔާވަހިކަމުގެ ކަންތައްތަކުގެ ތެރޭގައި ދަތިކަމެއް އާދޭ، އެ ޕޮއިންޓު ދޭ އުސޫލުތެރޭގައި އެ އުމުރުފުރާއަށް ދިޔައިމަ ދެން ޕޮއިންޓު ލިބުމުގެ ދަތިކަން. ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ނިންމުވައިދެއްވާފައި މިހާރު ވަނީ އިސްރަށްވެހިންނަށް ބޯހިޔާވަހިކަމުގެ ކަންތަކުގައިވެސް ހަމަ ޕޮއިންޓު ލިބޭ ގޮތަށް ހަމަޖައްސައިދެއްވާފަ." އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު މުސްކުޅި މައިންބަފައިން ގޮވައިގެން އުޅޭ ފަރާތްތަކަށް އިތުރު ޕޮއިންޓުވެސް ލިބޭ ގޮތަށް ސަރުކާރުން ދަނީީ ހަމަޖައްސަމުންނެެވެ.

 

މިއަދު އޮންލައިން