ފެނަކައިގެ 14 އައިސްޕްލާންޓް މިފްކޯގެ ދަށަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފެނަކައިގެ 14 އައިސްޕްލާންޓް މިފްކޯގެ ދަށަށް ބަދަލުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުންދިޔަ 14 އައިސްޕްލާންޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ދަށަށް ބަދަލުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ދެ ކުންފުނީގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހުރިހާ އައިސްޕްލާންޓެއް ފުލް އޮޕަރޭޝަން ކެޕޭސިޓީއަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރުންނާއި ޓެކްނިކަލް މުވައްޒަފުން ވަނީ ފަށާފައެވެ. އަދި މި ޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މިފްކޯގެ ދަށަށް ބަދަލުކުރި އައިސްޕްލާންޓްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޮރީ އަދި ސ. ހިތަދޫގެ އައިސްޕްލާންޓްތައް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ ސަރުކާރުން މި 14 އައިސްޕްލާންޓް ފެނަކައާ ހަވާލުކުރުމުން، އެ ތަންތަން ހިންގުމުގެ ހަކަތަ ފެނަކައިގައި ނެތްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަ އައިސްޕްލާންޓްތަކުގެ އޮޕަރޭޝަން ހުރީ ހުއްޓިފައިކަންވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން