ޙައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިދައުރުގެ ތެރޭގައި އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ރައީސްގެ އިރުޝާދުފުޅާއެކު ޙައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ޙައްޖަށް މީހުންދިޔުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަސައްވުރެއް ކަނޑައަޅުއްވައިގެން އޭގެ ދަށުން މަސައްކަތް އެބަކުރަމުންދޭ. މިއަދު މިވެނި ދުވަހެއްގައި ޙާސިލުވާނެޔޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ މިދައުރުގެ ތެރޭގައި އިރާދަކުރެއްވިޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ،" ވަޒީރު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ޙައްޖަށް މީހުން ގެންދިޔުމުގެ އަގު މަތިވެފައިވާކަން ފާހަގަކުރެވޭއިރު، އަގުތައް ކުޑަކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރުގެ ވާހަކަފުޅުން ހާމަވެގެންދެއެވެ.