މިހާރަކަށް އައިސް ދޮގުބުނަން ބިރުގަންނަ މީހުން މަދުވުމުން ބައިވެރިޔާ ގާތުގައި ބުނަނީ ލޯބިވަނީ ހަމައެކަނި ބައިވެރިޔާދެކެ ކަމަށެވެ. ތިމާ މިހުރީ ވަފާތެރިކަންމަތީގައި ޘާބިތުވެގެންކަމަށެވެ. އަދި އެވަރަކުން ފުއްދައިލަނީއެއް ނޫނެވެ. އެބުނަނީ ތެދެއްކަން ޘާބިތުކޮށްދިނުމަށް ބައިވެރިޔާއަށް ނުހަނު ހެޔޮކޮށް ކަންކަންވެސް ކުރެއެވެ.
އެކަމަކު ބައިވެރިޔާ ދެކެ ލޯތްބެއް ނުވެއެވެ. ލޯބިވެރިން ގެންގުޅެއެވެ. ހިލޭ މީހުންނާއި ގުޅުން ހިންގައެވެ. ދެން މިވަނީ ކިހިނަކުން ހެއްޔެވެ؟ ދެނެގަންނަން ބޭނުންވާނަމަ ކުރިން މިދެއްކި ވާހަކަކޮޅު މިނެލާށެވެ! އެއިގެ ތެރޭގައި ކިތައް ބާވަތުގެ ފާފަ ހިމެނޭކަން އޮޅުންފިލުވަބަލާށެވެ!
ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ފާފައެކެވެ. ފާފަކުރަމުން އެކަން އޮޅުވާލަން، މަކަރުހަދަން ބުނެވޭ ކޮންމެ ބަހަކަށްވެސް ފާފަވެރިވާނެއެވެ. ކުރެވޭ ކޮންމެ ކަމަށްވެސް ފާފަވެރިވާނެއެވެ. ވީމާ ފަށަމުން ބުނިގޮތަށް ބައިވެރިޔާއަށް އޮޅުވާލައި މަކަރުހަދަމުން ކުރާ ފާފައިގެ ބުރަދަން އިތުރުވެގެންދާނެ މިންވަރާއިމެދު ވިސްނައިލާށެވެ!
ބިރުވެތިވާންވީ ބައިވެރިޔާއަކަށް ނޫނެވެ. ދުނިޔޭގައި ލިބިދާނެ އަދަބަކަށްވެސް ނޫނެވެ. ޤިޔާމަތް ދުވަހުގެ ޢަޛާބަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން