ﷲ އަށް ހިތުގެ އަޑިން ލޯބިވާ މީހަކަށް ރޭއަޅުކަން ނުކޮށް ނުހުރެވޭނެ! ޤަވާއިދުން ނުކުރެވިދާނެ ކަމުގެ ބިރު ކަނޑާލާފަ ކުރެވޭ ވަރަކުން ކުރަން އަވަހަށް ފަށާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ﷲ އަށް ހިތުގެ އަޑިން ލޯބިވާ މީހަކަށް ރޭއަޅުކަން ނުކޮށް ނުހުރެވޭނެ! ޤަވާއިދުން ނުކުރެވިދާނެ ކަމުގެ ބިރު ކަނޑާލާފަ ކުރެވޭ ވަރަކުން ކުރަން އަވަހަށް ފަށާ!

ފުރަތަމަ ކަމަކަށްވެސް ވިސްނައިލާށެވެ! ދަމުނަމާދަކީ ފަރުޟެއް ނޫނެވެ. ސުންނަތެކެވެ. ނަމަވެސް ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ނަމާދެވެ. ދެން އަމިއްލަ ނަފްސާއި ސުވާލުކޮށްލައިބަލާށެވެ! ތިމާ އެފަރާތެއް ދެކެ އެންމެ ބޮޑަށް ލޯބިވާ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވާ ޢަމަލު އަހުރެން ނުކުރީމާ އަހުރެންނަށް އެބަ ﷲ ތަޢާލާ ދެކެ ލޯބިވެވޭ ހެއްޔެވެ؟ ތެދުވެރިކަމާއިއެކު މިސުވާލަށް ޖަވާބުދޭށެވެ.  

އެއަށްފަހު ވިސްނައިލާށެވެ! ﷲ ތަޢާލާ ގެ ވަހީ ބަސްފުޅާއިމެދުގައެވެ. "އެއްވެސް ނަފްސަކަށް ނުއުފުލޭނެ ތަކްލީފެއް އެނަފްސަކަށް ނުޖައްސަވަމެވެ." އޮތް ބަސްފުޅަށެވެ. ދެން ވިސްނައިލާށެވެ. ޙައްޖުވުމަކީ ފަރުޟެކެވެ. ނަމަވެސް ވާޖިބުވެގެންވަނީ ކެރިކުޅަދާނަކަން ލިބިއްޖެނަމައެވެ. އެއިގެ މާނައިގައި ތަނަވަސްކަން ލިބިގެންވުން ހިމެނެއެވެ.  

ދަމުނަމާދު ނުކުރެވެންވީ ސަބަބެއް ނެތެވެ. ބޭނުންވަނީ އެކަން ކުރުމުގެ ނިޔަތެވެ. ކުރަން މަސައްކަތްކުރާނެ ހިތްވަރެވެ. އެކަންކުރަން ޢަޒުމް ކަނޑައެޅުމެވެ. މިއިން އެއްވެސް ކަމަކީ އެކަން ކުރަން ބޭނުންވާ މީހަކަށް ނުކުރެވޭނެވަރުގެ ކަމެއް ނޫނެވެ.  

ދެން ދުނިޔަވީ ސުވާލެއް ކޮށްލާނަމެވެ. ތިބާގެ ލޯބިވެރިޔާ އެންމެ ބޭނުންވާ، އެންމެ ރުހޭ ކަންތައް ކުރަން ތިބާ މަސައްކަތް ނުކުރާނަން ހެއްޔެވެ؟ މިޘާލަކަށް އޭނާ އެންމެ ބޭނުންވާ ސެންޓުފުޅި އޭނާއަށް ގަނެ ނުދޭނަން ހެއްޔެވެ؟ އޭނާއަށް އެންމެ މީރުވަސްދުވާ ސެންޓް ނުޖަހާނަން ހެއްޔެވެ؟ އޭނާ އެންމެ ލޯބިކުރާ ކަންކަން ކުރަން މަސައްކަތް ނުކުރާނަން ހެއްޔެވެ؟ މި ސުވާލުތަކަށްވެސް އިޚްލާޞްތެރިކަމާއިއެކު ނިކަން ޖަވާބުދީބަލާށެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތިބާ ދަމުނަމާދުނުކުރާނަމަ ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އެދޭ މީހަކަށްވާނެ ހެއްޔެވެ؟ ތިބާ އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާދެކެ ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް އެބަ އޮތް ހެއްޔެވެ؟ މި 2 ސުވާލަށްވެސް އިޚްލާޞްތެރިކަމާއިއެކު ޖަވާބު ދީބަލާށެވެ!  

މިއަދު ކަންކަން ބަދަލުވެފައިވީނަމަވެސް ރޭއަޅުކަން ނުވަތަ ދަމުނަމާދު ނުކުރާނަމަ އެމީހެއްގެ އީމާންކަން ފިރިހަމަ ނުވާކަމަށް ކުރީގެ ބޮޑެތި ޢިލްމުވެރިން ވަނީ ކަނޑައަޅުއްވަވާފައެވެ. އެހެނީ ﷲ ތަޢާލާ އަށް ލޯބިވާންޖެހޭ މިންވަރަށް ލޯބިވެވޭނަމަ، ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް ބޭނުންވާނަމަ ރޭއަޅުކަން ނުކޮށް ނުހުންނާނެތީއެވެ.  

ވީމާ ދަމުނަމާދު ނުކޮށް ނުހުންނާށެވެ! ކުރަން މަސައްކަތްކުރީމާ ހިތްވަރު ދެއްވަވާނެތެވެ. ފަށައިގަންނަ ދުވަސްވަރު ބައެއް ރޭރޭ ނުހޭލެވުނަސް ކަންބޮޑުނުވާށެވެ. ހިތްވަރުކުރީމާ ކޮންމެ ރެއަކުވެސް ކުރެވެން ފަށާނެއެވެ. އިން ޝާ ﷲ  

ތަކުރާރުކޮށްލާނަމެވެ. ދަމުނަމާދު ނުކުރާ ގިނަ ބައަކު ނުކުރަނީ ކުރަން ބޭނުންނުވާތީއެއް ނޫނެވެ. އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ނުކުރެވޭތީއެވެ. ޤަވާއިދުން ނުކުރެވިދާނެތީއެވެ. ވީމާ އަހުރެމެން ވިސްނައިލަން އެބަޖެހެއެވެ. ނިންމިގެން މިއުޅެނީ ހަމަ ރަނގަޅު ނިންމުމެއްތޯއެވެ؟ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމާއިމެދުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން