ރަމަމާން މަހުގެ ފުރިހަމަ ޘަވާބު ލިބުން އެދޭމީހާ ރަޖަބް މަހުން ފެށިގެން އެކަމަށް މަސައްކަތްކުރަންޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ރަމަމާން މަހުގެ ފުރިހަމަ ޘަވާބު ލިބުން އެދޭމީހާ ރަޖަބް މަހުން ފެށިގެން އެކަމަށް މަސައްކަތްކުރަންޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

ރަމަޟާން މަހާއި ބައްދަލުވާން ދެން މިއޮތީ އެންމެ 15 ވަރަކަށް ދުވަހެވެ. ވީމާ ރަމަޟާން މަހާއި ބައްދަލުކުރަން ވާންޖެހޭ ތައްޔާރީތައްވުމަށް އަވަސްވެގްނަމާތޯއެވެ! ތިރީގައިވާ ލިޔުމަކީ އެކަމަށް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ  

ރަޖަބް މަސް އަހުރެމެންނާއި ބައްދަލުކުރުމުން އެއިގެ މާނައަކީ ރަޖަބް މަސް ނިމި އެއްމަސް ފާއިތުވުމުން ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރާނެ ކަމެވެ. ރަޖަބް މަސް ޙުރުމަތްތެރި ކުރެއްވެވި ސަބަބުތަކުގެ ތެރެއިން އަހުރެން ފާހަގަކޮށްލަން ބޭނުންވަނީ ރަމަޟާން މަހަށް ކުރިއާލައި ތައްޔާރުވުމެވެ.  

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެކިބާވަތުގެ ކުށްތައް ކުރެވޭ މީހެކެވެ. ވީމާ ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ހުރިހާ ކަންކަން އިޞްލާޙްކުރަން ހުންނަ މީހާއަށް އެކަން އޮންނާނީ ނުކުރެވިފައެވެ. ވީމާ ރަޖަބް މަސް އައިސް ބައްދަލުކުރުމުން ފުރަތަމަ ކަމަކަށްވެސް މަސައްކަތް ފަށަންވީ ޢަމަލުތައް އިޞްލާޙްކުރުމަށެވެ. ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށެވެ.  

ހިތަށް ގެންނާށެވެ! ނަމާދުގެ ޖަމާޢަތް ފެށުމުން ދުވެފައިގޮސް ބައިވެރިވާ މީހާއަށް ހަމަނޭވާލެވޭނީވެސް އިރުކޮޅަކުންނެވެ. ޚުޝޫޢަތްތެރިވެވޭނީ މާފަހުންނެވެ. ހަމައެފަދައިން ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ތަޤްވާވެރިވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން ހުންނަ މީހަކަށްވެސް މެދުވެރިވާނީ އެފަދަ ގޮތެކެވެ. ޢަމަލުތައް އިޞްލާޙްކުރެވި ރަނގަލު ގޮތުގައި ރޯދަހިފަން ފެށޭނީ މާފަހުންނެވެ.  

ދެން ހިތަށް ގެންނާށެވެ! މީހަކު ހުރީ ބަންގިގޮވިއިރު މިސްކިތުގައެވެ. އޭނާ ބަންގިއަސް ޢިޖާބަދިނެވެ. ބަންގިދުޢާކިޔެވެ. ރަވާތިބު ސުންނަތް ކުރިއެވެ. އެއިގެ ފަހުން ޖަމާޢަތުގައި ނަމާދުކުރަންފެށީއެވެ.  

އެފަދަ މީހަކު ނަމާދަށް ތައްޔާރުވެގެން ހުންނާނެވަރު ހިތަށް ގެންނާށެވެ! އޭނާއަށް ނަމާދަށް ސަމާލުކަން ދިނުމުގެ ފުރުޞަތު ބޮޑުވެގެންދާނެވަރުވެސް ވިސްނައިލާށެވެ. އެއިރުން މިދައްކާ ވާހަކަ ވިސްނޭނެއެވެ.  

ވީމާ ރަޖަބް މަހުން ފެށިގެން ޢަމަލުތައް އިތުރަށް އިޞްލާޙްކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ޝަޢްބާން މަސް ފެށުމުން ވީހައި ގިނައިން ސުންނަތް ރޯދަތައް ހިފަން މަސައްކަތްކުރާށެވެ. ޤުރްއާން ކިޔެވުން މިހާރުންސުރެ ގިނަކުރަމުން ގޮސް ރަމަޟާން މަސް އައުމުން ފަސޭހަކަމާއިއެކު ގިނައިން ކިޔެވޭނެ މީހަކަށްވާށެވެ.  

ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ގޮތަށް ރަމަޟާން މަސް ލިބިގަނެވޭނީ އެއިރުންނެވެ. މިކަންކަން އެކުވެރިންނަސްވެސް ޙިއްޞާކުރާށެވެ. އެމީހުންނަކީވެސް ރަމަޟާން މަހަށް ތައްޔާރުވާން މިހާރުންސުރެ މަސައްކަތްކުރާ ބައަކަށް ހެދޭތޯ މަސައްކަތްކުރާށެވެ. އެއިރުން އެކަންކަމަސް ތިބާ ކުރި މަސައްކަތްތަކަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން