ޖެހިގެން މިއުޅެނީ އިންސާނުން އުފައްދަވާ ގޮތުގެ މައްސަލައެއް ނޫން! ނުބައިކަން ބޮޑުވުމުން ރަނގަޅު ސިފަތަކުގެ މައްޗަށް ނުބައި ސިފަތައް ބާރުގަދަވެގަންނަނީ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޖެހިގެން މިއުޅެނީ އިންސާނުން އުފައްދަވާ ގޮތުގެ މައްސަލައެއް ނޫން! ނުބައިކަން ބޮޑުވުމުން ރަނގަޅު ސިފަތަކުގެ މައްޗަށް ނުބައި ސިފަތައް ބާރުގަދަވެގަންނަނީ!:  ބިލާލް އައްސަދު

ތިމާ އުޅެން ބޭނުންވާހައި ގޮތަކަށް އުޅެފައި ޒަމާން ކުށްވެރިކުރުމަކީ ކުރެވޭ އެންމެ ބޮޑު އެއްނ ކުށެވެ. ޖެހިގެން މިއުޅެނީ ޒަމާނުގެ މައްސަލައެއް ނޫނެވެ. ދަރިން އުފަންވާއިރު ބައެއް މަދުވުމުގެ މައްސަލައެއްވެސް ނޫނެވެ. އިންސާނުން އަމިއްލައަށް ހޯދައިގަންނަ ކަންކަމުން އަންނަ ނުބައި ބަދަލުތަކެއްގެ މައްސަލައެވެ. 

މީސްތަކުންގެ ތެރެއިން ގިނަ ބައެއްގެ ލަދުޙަޔާތް ކެނޑިއްޖެއެވެ. ފޭރާންލުމުގައި ކޮންމެ ގޮތެއް ވަރިހަމަވެއްޖެއެވެ. މީސްތަކުންގެ ކުރިމަތީގައި ބައްދައި ދޮންދީ އަދި އެއަށްވުރެ ނުބައިކަން ބޮޑު ޢމަލުތައް ކުރަން ޖެހިލުން ނުވާން ފަށައިފިއެވެ.

އެއްވެސް ޙާލެއްގައި އެއީ ހަމަ ހުރެފައި މީހާއަށް އަންނަ ބަދަލެއް ނޫނެވެ. އެމީހާގެ ނުބައިކަން ހައްދުފަހަނައަޅައި ދިއުމުން އަންނަ ބަދަލުތަކެކެވެ. އަދި ލަދުވެތިކަން އޭނާގެ ކިބައިގައި ލައްވަވާފައިނުވާތީ އަންނަ ބަދަލެއްވެސް ނޫނެވެ. އޭނާގެ ނުބައިކަން ކުރިއަރައިދިއުމުން އޭނާގެ ކިބައި ލައްވަވާފައިވާ ރަނގަޅު ސިފަތަކުގެ މައްޗަށް ނުބައި ސިފަތައް ބާރުގަދަވެގަންނަނީއެވެ. 

މުސްލިމެއް ކާފިރެއް ކިޔާނެކަމެއް ނެތެވެ. ކުޑަކުދިން ނުތާހިރުވީމާ ތާހިރުކުރުވަނީ މައިންބަފައިންނެވެ. ނަމަވެސް ވަކިޢުމުރަކަށް އެޅުމުން މައިންބަފައިން ލައްވައި އެކަންކަން ނުކުރުވައި އަމިއްލައަށް ކުރަން ފަށައެވެ. ކުރިން ފޭރާމެއްނެތި އުޅެން ޖެހިލުންނުވި ކުދިން ވަކި ޢުމުރަކަށް ދިއުމުން ފޭރާމެއް ނެތި އުޅެން ލަދުގަންނަން ފަށާނެއެވެ. 

އެހެން އެވަނީ ކުއްޖާގެ ފިޠުރަތުގައި ލަދުގަތުން ލައްވަވާފައިވާތީއެވެ. ވީމާ ފިޠުރަތު ކުށްވެރިއެއް ނުކުރެވޭނެއެވެ. ޒަމާންވެސް ކުށްވެރިއެއް ނުކުރެވޭނެއެވެ. ފަހު ޒަމާނުގައި މީސްތަކުން ލަދުޙަޔާތްކުޑަވެގެން އުޅޭނެ ކަމަށް އޮތުމުގެ މާނައަކީ ޒަމާން މީސްތަކުންނަށް އެބަދަލު ގެންނަ ވާހަކައެއް ނޫނެވެ. މީސްތަކުންގެ ލަދުޙަޔާތް ކުޑަވެ ހިތަށް އެރިހައި ގޮތަކަށް އުޅޭ މީހުން ގިނަވާނެ ވާހަކައެވެ. 

އެކަންކަން ކުރާ މީހުން ފަހުޒަމާނުގައި ގިނަވާނެކަމަށް އޮތް ބަހުގެ މާނައަކީ މީސްތަކުންގެ ނުބައިކަން ބޮޑުވެ، ﷲ ތަޢާލާއަށް ބިރުގަތުން ނެތި، އެމީހަކު އުޅެން ބޭނުންވާ ގޮތަކަށް އުޅޭ މީހުން ގިނަވާނެކަމެވެ. ވީމާ ޒަމާނުގައި އަޅުވައި ނުބައިކަންކަން ކުރުން ހުއްދަނުކުރާށެވެ! ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ހުރިހާ ޒަމާނެއްގައިވެސް އޮންނާނީ އެއިން ކަމެއް ކޮށްފިނަމަ ފާފަވެރިވާނެ ގޮތަށެވެ. 

ވީމާ މިޒަމާނުގައި އުޅޭކުދިން އެހެން އުޅޭނެއޭ ބުނެ ދަރިން ބޭނުންވާހައި ގޮތަކަށް އުޅެން ދޫކޮށްނުލާށެވެ! އެކުދިންގެ ކިބައިގައި ލައްވަވާފައިވާ ފިޠުރަތުގެ ސާފު ރިވެތި ގޮތުގައި ކުދިން ތަރުބިއްޔަތުކުރުވާށެވެ! 

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން