ކައިވެނިކުރުން ދީނުގައި ވަނީ ވަރަށް ފަސޭހަކޮށްދެއްވަވައިފައެވެ. ނަމަވެސް ޚާއްޞަ ޙުކުމްތަކަކާއި އަދަބުތަކަކާއި އެކުގައެވެ. އެއީ އެއްވެސް ޙާލެއްގައި ތިމާގެ އެކަނި ފައިދާއަށް ބަލައިގެން ކުރަން އޮތް ކަމެއް ނޫނެވެ.
އަނބިމީހާގެ ކިބައިން ވަކި ކަންތައްތަކެއް ޙާޞިލުކުރުމުގެ ބޭނުމުގައި ކައިވެނިކުރާ މީހުން އެބަ އުޅެއެވެ. އަނބިމިހާގެ ގުނަވަންތަކަށް ވަކި ބަދަލުތަކެއް އަންނަންދެން ލޯބިވާ މީހުން އެބަ އުޅެއެވެ. އަނބިމީހާގެ ސިފަ ވަކި ގޮތަކަށް ހުރުމުން ލޯބިވާ ބައަކު އެބަ އުޅެއެވެ. އެކަންކަން ބަދަލުވުމުން އަނބިމީހާގެ ބޭނުމެއް ނެތްކަމަށް ހަދައި ވަރިކޮށްފައި އެބަ އެއްލައިލައެވެ.
ކޮންމެ ކަމަކަށް އާޔަތެއ ނުވަތަ ޙަދީޘްފުޅެއް ނެތިދާނެއެވެ. ނަމަވެސް ކޮންމެ ކަމަކާއި ގުޅިގެންވެސް ވިސްނައިފިނަމަ އެކަމަށް ބިރުވެތިވާންޖެހޭ މިންވަރާއި އެކަން އޮތް ގޮތް އެނގިގެންދާ އާޔަތްތަކާއި ޙަދީޘްފުޅުތައް ފެންނަން އެބަހުއްޓެވެ. ވިސްނޭނީ ވިސްނައި ފިކުރުކުރަން މަސައްކަތްކުރާ މީހަކަށެވެ.
ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފަތައް ބަޔާންކޮށްދެއްވަވައި ރަސޫލް ﷺ ކުރައްވަވާފައިވާ މި ޙަދީޘްފުޅުގައި ހިމެނޭ 3 ފާފަ ތިބާއަށް އެނގޭހެއްޔެވެ؟
އިބްން ޢުމަރު ރިވާކުރެއްވެވިއެވެ. ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ.
"ﷲ ގެ ޙަޟްރަތުގައި އެންމެ ބޮޑު ފާފަތަކުގެތެރެއިންވެއެވެ.
1 އަންހެނަކާއި ކައިވެނިކުރި މީހަކު އެ އަންހެން މީހާގެ ކިބައިން އޭނާގެ ބޭނުން ފުދުމުން ވަރިކުރެތެވެ. އަދި އޭނާގެ ރަން ނުދީ ހިފައިގެންދެއެވެ. (ކައިވެނީގެ ރަނަށް ދިން އެއްޗެތިވެސް އަތުލާފައި ފޮނުވާލައެވެ.)
2 މީހެއްގެ ބޭނުން ހިފުމަށްފަހު އުޖޫރަ ނުދީ ފޮނުވައިލާ މީހާއެވެ
3 މަޖަލަކަށް (ކުޅިވަރަކަށް) ޖަނަވާރު ޤަތުލުކުރާ (މަރާ) މީހާއެވެ.
Ibn Umar reported: The Messenger of Allah, peace and blessings be upon him, said,
“Among the greatest of sins to Allah is that a man marries a woman and, when he fulfills his needs with her, he divorces her and leaves with her dowry. And that a man employs another man and leaves without paying him, and finally one who kills an animal for fun.”
Source: al-Sunan al-Kubrá 14395 Grade: Hasan (fair) according to Al-Albani
--މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު