ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުން ކުޑަވެ އަދި ކެނޑިގެންދާ އެއްސަބަބަކީ މި ސުންނަތަށް ޢަމަލުނުކުރެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުން ކުޑަވެ އަދި ކެނޑިގެންދާ އެއްސަބަބަކީ މި ސުންނަތަށް ޢަމަލުނުކުރެވުން!

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތްކުރާފަދައިން ދެމަފިރިންގެ މެދުގައި ލޯބި އިތުރުވަމުންދާނެ ގޮތަށް ކަންކަން ކުރަންޖެހެއެވެ. ގުޅުން ބަދަހިވަމުންދާނެ ގޮތްތަކަށްވެސް ކަންކަން ކުރަންޖެހެއެވެ. އެއީ ހަމަ އީމާންކަން ތަޒާކުރާ ފަދައިން ތާޒާކުރަންޖެހޭނެ ކަމެކެވެ. ގަސްތައް ހައްދަން ފެންދީ ކާނާއަޅާ އުޞޫލުން ކުރަންޖެހޭނެ ކަމެކެވެ.

ދައްކަން މިއުޅެނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކުޅިވަރުތަކުގެ ވާހަކައެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކުޅިވަރެއް ނަމަވެސް ކޮންމެ ކުޅިވަރެއްވެސް ކުޅެންވާނީ ނަމާދު ވަޤުތުތަކަށް ސަމާލުކަން ދީގެންނެވެ. އެކުޅިވަރެއް ކުޅެ ނިމުމުން ނަމާދުކުރާ ގޮތަށް ކުޅިވަރު ކުޅުމެއް ނެތެވެ. ވަޤުތު ޖެހުމުން ފުރަތަމަކަމަކަށް އޮތީ ނަމާދުކުރުމެވެ.

ކުޅިވަރެއްކަމުގައި ދެކެގެން ކުޅެމުން އަންނަ ގޭމްކުޅުނު ނަމަވެސް ޢަމަލުކުރަންޖެހޭނީ އެގޮތަށެވެ. އަދި މުސްލިމުންނަކީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަންޖެހޭނެ ބައެކެވެ. ވީމާ އެކުޅިވަރެއްގެ ތެރޭގައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނެ ފުރުޞަތު ނުލިބޭ ކުޅިވަރުތައް ކުޅުމަކީ ވެސް ވިސްނައިލަން ޖެހޭނެ ކަމެކެވެ.

ދެމަފިރިން އެކުގައި ކުޅިވަރު ކުޅުމަކީ ސުންނަތެކެވެ. އެއީ ދެމަފިރިންގެ ލޯތްބާއި ގުޅުން އިތުރަށް ބަދަހިކުރަން ސުންނަތުގައި ކުރަން އޮތްކަމެކެވެ. އެކަން އެނގިގެންދަނީ ރަސޫލް ﷺ އެކަން ކުރއްވަވާފައިވާތީއެވެ.

ދަލީލަކީ ރަސޫލް ﷺ ޢައިޝަތުގެފާނާއިއެކު 2 ފަހަރުމަތިން ދުވެވަޑައިގެން ރޭސް ޖައްސަވާފައިވާތީއެވެ.

ހަމައެއާއިއެކު އިތުރަށް ވިސްނައިފިނަމަ ދެމަފިރިން އެކުގައި ކަސްރަތު ކުރުމަކީވެސް ސުންނަތެއްކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ދުވުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ކަސްރަތުލިބޭ ކަމަކަށްވާތީއެވެ.

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ރަސޫލް ﷺ އެކަން ކުރެއްވެވީ ދެކަނބަލުންގެ ގުޅުން ބަދަހިކުރެއްވެވުމަށް ކަމަށްވެފައި އަދި ސަމާސާ ކުރެއްވެވުމުގެ ގޮތުން ކަމުގައިވުމުން ދެމަފިރިން އެކުގައި ކުޅިވަރުކުޅުމާއި ތަސްރަތުކުރުން ފަދަ ހަށިގަނޑަށް ފައިދާހުރި ކަންކަން ދެމަފިރިން އެކުގައި ކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. އަދި މިކަމުގެ މުހިންމުކަން އެންމެބޮޑުވެގެންދާ ސަބަބަކީ ދެކަނބަލުންގެ ގުޅުން ބަދަހިކުރެއްވެވުމުގެގޮތުން އެކަން ކުރައްވަވާފައިވުން ކަމުގައިވެސް ފާހަގަކުރައްވައެވެ.

މިހާރަކަށް އައިސް ދެމަފިރިން އެކުގައި ކުޅިވަރުކުޅެ މަޖާކުރުން އޮންނަނީ ބޭކާރު ކަމަކަށް ހަދައިފައެވެ. އުފާކުރަންޖެހޭ މަންޒަރެއްވެސް ފެނެއެވެ. އެއީ ވަރަށް ގިނަ ދެމަފިރިން އެކުގައި ކަސްރަތުކުރަން ހިނގުން ފަދަ ކަންކަން ކުރާކަމެވެ.

މިފަދަ ކޮންމެ ކަމަކީވެސް ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަންކަމެވެ. އެހެނީ އެފަދަ ކަންކަމުގެ ސަބަބުން ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަން ލިބޭ ވަގުތުތައް އިތުރުވެގެންދާނެތީއެވެ. ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރުމަކީ ދެމަފިރިންގެ ގުޅުން ބަދަހިކުރަން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި އެންމެ މުހިންމު އެއް ކަންތަކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން