ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު އެއްކަމަކަށްވާނީ އޭނާގެ އީމާންކަން ވަރުގަދަވެފައިވުމެވެ. ކުރިމަތިވާ އެއްވެސް ކަމެއްގެ ސަބަބުން ތިމާގެ އީމާންކަމަށް އެއްވެސް ބަދަލެއް ނުއަންނަވަރަށް ތިމާގެ ކިބައިގައި އީމާންކަން ވަރުގަދަވެފައިވުމެވެ.
ކޮންމެ މީހަކުވެސް ބަލައިލަން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ތިމާއަކީ އީމާންވެގެން ހުރި މީހެއްކަމެވެ. އެހެންކަމުން މިހަދީޘްފުޅަށް ބަލައިލާށެވެ!
Abdur Rahman ibn Azhar reported: The Messenger of Allah, peace and blessings be upon him, said, “Verily, the parable of the believer, when he is afflicted by illness or fever, is only that of a piece of iron placed in the fire; its defects vanish and its goodness remains.”
Source: al-Sunan al-Kubrá 6544
Grade: Sahih (authentic) according to Al-Albani
މި ޙަދީޘްފުޅުން އެނގިގެން މިދަނީ ކިތަންމެ ބޮޑު ބަލިމަޑުކަމެއް، ގަދަހުމެއް އައުން ފަދަ ކަމެއް މެދުވެރިވިނަމަވެސް ފުރިހަމައަށް އީމާންވެގެން ހުރި މީހެއްގެ އީމާންކަމަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމެވެ. އެކަން ރަސޫލް ﷺ ސިފަކުރައްވަވާފައި އެވަނީ ދަގަނޑު އަލިފާނުން ހޫނުކުރުން (ދޮންކުރުން) ފަދަ ކަމެއްގެ ގޮތުގައެވެ. ދަގަނޑު ކިތަންމެ ވަރަކަށް ދޮންކުރި ނަމަވެސް އެއިގެ އަޞަލަށް އެއްވެސް ބަދަލެއް ނާންނަ ފަދައިން ކިތަންމެ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވިނަމަވެސް ކިތަންމެ ގިނަ ދުވަހު ބަލީގައި އުޅެންޖެހުނު ނަމަވެސް އަދި އެބަލީގައި މަރުވިނަމަވެސް ފުރިހަމައަށް އީމާންވެގެން ހުންނަ މީހާގެ އީމާންކަމަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމެވެ.
ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެކިބައިގައި އީމާންކަންހުރިމިންވަރި ކަށަވަރުކޮށްލާށެވެ! ތިމާގެ އީމާންކަމުގައި ދަގަނޑުގެ ބާރުހުރ މީހެއްކަން ކަށަވަރުކުރާށެވެ! ހަމަ އެއާއިއެކު ކިތަންމެ ބޮޑު ބައްޔެއްގައި އުޅެން ޖެހުނަސް އީމާންކަމުގައި ޘާބިތުވެ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނުން ފާސްވާން މަސައްކަތްކުރާށެވެ! އެކަން ޙާޞިލްކުރެވޭނީ ބަލިޖެހުނީވެސް ﷲ ތަޢާލާގެ މިންވަރުފުޅުންކަމާއި ޝިފާ ދެއްވެވުންވެސް ވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަން ޤަބޫލުކުރެވިގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން