މިސްކިތްތަކަކީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކެވެ. ވީމާ މިސްކިތްތަކުގެ ޙުރުމަތް ކެނޑިގެންދާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ. މިސްކިތަށް އަރާ މީހުންނަށް އުނދަގޫވާނެ ކަމެއްވެސް ކޮށްގެން ނުވާނެއެވެ. ތިމާއާއި ޖެހިގެން ނަމާދަށް ހުންނަ މީހާއަށް އުނދަގޫވާނެ ކަމެއްވެސް ކޮށްގެން ނުވާނެއެވެ. އެހެންކަމުން ސަމާލަކަން ދޭންޖެހޭ ނައެއް ކަންކަން ފާހަގަކޮށްލާނަމެވެ. މިސްކިތަށް އަރާ މީހުންނަށް އުނދަގޫވާނެ ކަންކަން ކުރުމަކީވެސް މިސްކިތުގެ ޙުރުމަތް ކެނޑުމުގެ ތެރެއިން ހިމެނިގެންދާނެ ކަންކަން ކަމުގައި ވާނެތީއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުން ވުޟޫ ގެއްލޭނެތަ؟ މިސްކިތަށް އެރޭނެތަ؟
ސުވާލުގެ ޖަވާބުގައި ފުރަތަމަ ވިސްނައިލަންވީ ކަމުގެ ޙުކުމަށެވެ. ކަމުގެ ޙުކުމަށް ބަލާއިރު ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދުންފަތުގެ އިސްތިޢްމާލްކުރުމަކީ ޙަރާމް ކަމެކެވެ. ދަލީލަކަށް ދައްކަވަނީ އެމީހެއްގެ ނަފްސަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ކުރަން ހުއްދަނޫންކަން ކީރިތި ޤުރްއާނުން އެނގެން އޮތްކަމެވެ.
ދުންފަތުގެ އިސްތިޢްމާލުކުރުމަކީ ވުޟޫ ގެއްލޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްނުވާތީ ވުޟޫ ނުގެއްލޭނެއެވެ. އެހެނަސް ދުންފަތުގެ އިސްތީޢްމާލްކުރުމަށްފަހު އަނގަސާފުކޮށް އެހެންމީހުންނަށް ވަސްނުދުވާނެގޮތް ހަދައިގެން ނޫނީ މިސްކިތަށް އެރުމަކީ ހުއްދަ ކަމެއް ކަމަކަށް އަހަރެން ނުބުނާނަމެވެ.
އަނގަ ސާފުކުރެވިދާނެއެވެ. އަނގައިން ވަސްނުދުވާ ގޮތް ހެދޭނެ ކެމިކަލްވެސް މިހާރު އެބަހުއްޓެވެ. އެހެނަސް ދުންފަތުގެ އިސްތިޢްމާލްކުރާ މީހުން ލާނޭވާގައި އެނުބައިވަސް ހުރެއެވެ. ލާނޭވާއާއިއެކު އެތެރެހަށިން ބޭރުވާ އެވަސް ކެނޑުވޭނެ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ.
އެއީ މި ޙަދީޘްފުޅުގައި މިގޮތަށް އޮތުމުންނެވެ.
abir ibn Abdullah reported: The Prophet, peace and blessings be upon him, said, “Whoever eats onions, garlic, or leeks should not approach our mosque, for the angels are offended by whatever offends the children of Adam.” Source: Ṣaḥīḥ Muslim 564
ބަލަންޖެހޭނީ މީހާ ކައިގެން ހުރީ ފިޔާ ނުވަތަ ލޮނުމިދުތޯއެއް ނޫނެވެ. ކައިގެންހުރި، ބޭނުންކޮށްގެން ހުރި އެއްޗަކުން އެހެން މީހުންނަށް ނުބައިވަސް ދުވައި އުނދަގޫވޭތޯއެވެ! މަލާއިކަތުންނަށް އުނދަގޫފުޅުވޭތޯއެވެ!
މި ޙަދީޘްފުޅުން އެނގޭކަމަކީ އިންސާނުންނަށް އުނދަގޫވާ ކަންކަން ކޮށްގެން މިސްކިތަށް ނާރަން ހަދީޘްފުޅުގައި އޮތްކަމެވެ. ފިޔައާއި ލޮނުމިދު ފަދަ ތަކެތި ކައިގެން މިސްކިތަށް ނާރަން ޙަދީޘްގައި އޮތްކަމެވެ. އަދި މީސްތަކުންނަށް އުނދަގޫވާ ކަންކަމުން މަލާއިކަތުންނަށް އުނދަގޫފުޅުވާ ކަމެވެ.
ވިސނާލަންވީ އެއްކަމަކީ މިސްކިތުގައި ދުންފަތުގެ އިސްތިޢްމާލް ކުރުމާއިމެދުގައެވެ. އެއްވެސް މީހަކު މިސްކިތުގައި އެފަދަ ކަމެއް ނުކުރަނީ ދެ ސަބަބަށްޓަކައި ކަމެވެ. ފުރަތަމަ ސަބަބަކީ މިސްކިތުގައި ތިބޭ މީހުންނަށް އެކަމުން އުނދަގޫވުމެވެ. ދެވަނަ ސަބަބަކީ މިސްކިތުގެ ޙުރުމަތަށް އިޙްތިރާމް ކުރުމެވެ.
ވީމާ ދުންފަތުގެ އިސްތީޢްމާލުކޮށްގެން މިސްކިތަށް އެރުމާއިމެދުވެސް ވިސްނައިލަންޖެހޭ ފުރަތަމަކަމަކީ ދުނިފަތުގެ އިސްތިޢްމާލްކުރުމުން އަނގައިން ނުބައިވަސްދުވާކަމެވެ. ރަނގަޅަށް އަނގަ ސާފުކޮށް މިސްކިތަށް އަރައިފިފިނަމަ ޖެހިގެންތިބޭ މީހުންނަށް އެކަމުން އުނދަގޫވާކަމެވެ. ތިމާގެ ސަބަބުން އެހެން މީހުންނަށް ނުބައިވަސްދުވައި ނަމާދުކުރަންވެސް އުނދަގޫވާކަމެވެ. ބައެއް މީހުން މޭނުބައިކޮށް އޯކަށްވެސްދަމާކަމެވެ.
ޢާންމުތަނެއްގައި އެފަދަ މީހުންނަށް ދުންފަތުގެ އިސްތިޢްމާލްކުރާމީހާ އާއި ދުރަށްދެވިދާނެއެވެ. ނަމަވެސް ނަމާދުކުރަން ސަފުގައި ހުރިމީހަކަށް ނަމާދުދޫކޮށްލާފައި ނުދެވޭނެކަން ޤަބޫލުކުރަންވާނެއެވެ.
ވީމާ ގެއިން ވުޟޫކޮށްގެން މިސްކިތަށް ދަމުން ސިގރެޓްބުއިމަށްފަހު މިސްކިތަށް އަރާނަމަ މިސްކިތަށް އެރުމުގެކުރިން ވަރަށް ރަނގަޅަށް އަނގަސާފުކޮށް އެހެން މީހުންނަށް ކުނިވަސް ނުދުވާނެގޮތް ހަދަންވާނެއެވެ. ނޫންނަމަ އެހެން ބައެއްގެ ނަމާދަށް އުނދަގޫވެދާނެކަމަށްޓަކައެވެ. ޚާއްޞަކޮށް ނަމާދަށް ހުންނައިރު އެމީހަކާއި ރަޙްމަތުގެ މަލާއިކަތުން ކައިރިވެވަޑައި ނުގަތުމުން ލިބޭނެ ދެރައަށްވެސް ވިސްނަންވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން