ރާއްޖޭގައި ބަންކަރިން ޚިދުމަތުގެ ވިޔަފާރި ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ. މިނިސްޓަރު ސަޢީދު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވުނު އަހާ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، ބަންކަރިން ޚިދުމަތުގެ ވިޔަފާރި ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށާއި މި ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ބަންކަރިން ޚިދުމަތުގެ ވިޔަފާރި ކުރިއެރުވުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން ހިމެނޭ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން، މި ދާއިރާއަށް އިންވެސްޓްމަންޓް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އިންޓަނޭޝަނަލް ބަންކަރިންގއާ ބެހޭ ބިލެއް ފަރުމާކުރެވިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި، އިރާދަކުރެއްވިއްޔާ ޓްރާންސްޕޯޓުން މަސައްކަތް ނިމުމުން، އެ އޮންނަ ތަރުތީބަކުން މަޖިލީހަށް އެ ބިލް ދާނެކަން ޔަގީން،". ވަޒީރު ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތުގެ ވިޔަފާރިއަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ދާއިރާއެއްކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. އަދި މި ވިޔަފާރި ކުރިއެރުވުމުން ރާއްޖެއަށް ބޮޑެތި އާމްދަނީތަކެއް ލިބި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތުގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުރު މުއްދަތެއްގެ ތެރޭގައި ފެންނާނެ ކަމުގެ އުންމީދު މިނިސްޓަރު ސަޢީދު ފާޅުކުރެއްވިއެވެ. އަދި މި ދާއިރާއިން ރާއްޖެ ސަރަޙައްދީ ފެންވަރުގައި ވާދަވެރި މަޤާމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އެހެންވީމަ، ބަނދަރެއް ހެދިގެން، ޓާމިނަލް ގާއިމް ކުރުމާއި އެކުގައި އިންޓަނޭޝަނަލް ބަންކަރިން ފުޅާވެގެން ދާނެ، މިވަގުތު އެސްޓީއޯއިން ވިދާޅުވާގޮތުގައި އެންމެ ބޮޑަށް އިންޓަނޭޝަނަލް ބަންކަރިންގެ ޓްރެފިކް އޮތީ ހަމައެކަނި އެއް ސަަަރަހައްދެއްގައެއް ނޫން،". އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ގައި ބަންކަރިންގެ ހިދުމަތް މި ސަރުކާރުން ވަނީ ފަށައިފައެވެ.