މި އަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ޒުވާން ޚަތީބުންގެ ޓީމަކުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ތަރާވީސް ނަމާދު އިމާމުވެ ކުރައްވާނެ ބޭފުޅުންގެ ތެރޭގައި އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފް، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ. އަދި ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅިވަޑައިގަންނަވާނީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފްއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ދެ އިމާމުންނަކީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުހައްމަދު ލަތީފްގެ ދެ ދަރިކަލުން ކަމެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މި އިންތިޒާމުގެ މައިގަނޑު އަމާޒަކީ "މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން" ކަމަށެވެ. އަދި މަދީނާގައި ކިޔަވާ ދަރިވަރެއް ކަމަށްވާ ސުލްޠާނާއި ސަލްމާނަކީ މިދިޔަ އަހަރުވެސް މަރުކަޒުގައި ތަރާވީސް ނަމާދު އިމާމުވެ ކުރެއްވި ބޭފުޅުން ކަން ފާހަގަކޮށްލެވެއެވެ.