ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) ގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފުތިތާހުކޮށްފިއެވެ.
ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފުތިތާހުކޮށްފައިވަނީ، 1446 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ސިފަމާއިން، ސިފައިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން ރޭ ކުރިއަށްގެންދިޔަ "ސިފަމާ ޢާއިލީ މާހެފުން 1446" ގައެވެ. މި ހަރަކާތުގެ ތެރެއިން، ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިފުތިތާހުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ސިފަމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ރޭ އިފުތިތާހުކޮށްފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ އެކްސް، އިންސްޓަގްރާމް، އަދި ފޭސްބުކްގެ އެކައުންޓްތަކެވެ.
ސިފަމާއަކީ ދިވެހި ސިފައިންނާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކާ ގުޅުންހުރި މުހިންމު މަގުސަދުތަކެއް ހާސިލުކުރުމަށް، ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ. ސިފަމާއިން ތަމްސީލުކުރަނީ ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ އެކުވެރި، ބަދަހި، ޢާއިލާތަކެވެ.