ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) އެންމެ ބޮޑު ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ "ރާއްޖެއަކީ އިމްޕޯޓް ޑިޕެންޑެންޓް ޤައުމެއް. ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖެއަށް ފަހި ގޮތަކަށް ގެނެވުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިދާވާނެ. އެ މުދާ ބޭނުން ކުރާ އާންމު ރައްޔިތުންނަށް ފައިދާވާނެ. އެއަކަށް ބޮޑު ޓެރިފް ރޭޓްތަކެއް ބޮޑު ބޭންޑުތަކެއް ގެނައުމެއް ބޭނުމެއް ނޫން،" ކަމަށެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފައިވާއިރު، މީގެ ސީއައިއެފް ވެލިއުއަކީ 34 މިލިއަން ރުފިޔާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިއަން ރުފިޔާ ކަމަށާއި، އެއީ ޖުމްލަ އިމްޕޯޓުގެ 1 އިންސައްތަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިފަދަ އެއްބަސްވުންތައް އެކުލަވާލާ ޢަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ޤައުމުތަކުގެ ވިސްނުން ތަފާތުވާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.