ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ވިޔަފާރިވެރިން ދީނުގެ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމަށް ވަޒީރު އިލްތިމާސް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ވިޔަފާރިވެރިން ދީނުގެ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމަށް ވަޒީރު އިލްތިމާސް ކުރައްވައިފި

ރަމަޟާންމަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށްޓަކައި ވިޔަފާރިވެރިން ވީހާވެސް ބޮޑަށް ދީނުގެ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައި، އިޙްސާންތެރިވުމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

"އަހާ ފޯރަމް" ގައި ދީނީ ނަޒަރަކުން ރަމަޟާންމަހު ތަކެތީގެ އަގު އުފުލުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، "އިސްލާމްދީނުގެ ހުރިހާކަމެއްވެސް ބިނާވެފައިވާ އެންމެ މުހިންމު އެއް ސިފައަކީ އިޙްސާންތެރިކަމުގެ ސިފަ" ކަމަށެވެ.

މިގޮތުން ވިޔަފާރިކުރުމުގައިވެސް އަނެކުންނަށް ފަސޭހަކޮށްދިނުމަށް މަސައްކަތްކުރުމަށް ވަޒީރު ބާރުއަޅުއްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް ރަމަޟާންމަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ވިޔަފާރިވެރިން ވީހާވެސް ބޮޑަށް ދީނުގެ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް އިޙްސާންތެރިވުމުގައިވެސް ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން ކަންކަން ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މިއީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ޖަވާބެކެވެ.

މިއަދު އޮންލައިން