ކިތަންމެ މުސްކުޅިވެފައި ތިބިނަމަވެސް ދަރިންގެ ކިބައިން އެންމެ ބޮޑު އުފަލެއް ލިބޭ ކަންތައް އެނގޭ ހެއްޔެވެ؟ އެކަމަށް އެންމެ ރުފިޔާއެއްވެސް ޚަރަދުކުރާކަށްވެސް ނުޖެހޭނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކިތަންމެ މުސްކުޅިވެފައި ތިބިނަމަވެސް ދަރިންގެ ކިބައިން އެންމެ ބޮޑު އުފަލެއް ލިބޭ ކަންތައް އެނގޭ ހެއްޔެވެ؟ އެކަމަށް އެންމެ ރުފިޔާއެއްވެސް ޚަރަދުކުރާކަށްވެސް ނުޖެހޭނެ!

މައިންނަށް ހެޔޮކޮށް ހިތަންވީ ސަބަބުތައް ބައިވަރެވެ. ފުރަތަމަ ސަބަބަކީ އެކަމަށް ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރު އަޅުއްވަވާފައިވާ މިންވަރެވެ! އެކަމަށް އަންގަވާފައިވާވަރު ބޮޑުކަމެވެ. 

ހަމަ އެއާއެކު މިފާހަގަކުރަނީ މައިންގެ ކިބައިގައިވާ އެންމެ ޚާއްޞަ އެއް ސިފައެވެ. 

މައިންނާއިމެދު މުޅި ދުނިޔެވެސް އެއްވެސްވާ ކަމެއް އެބައޮތެވެ! އެއީ ދަރިއަކު ކޮންމެ ގޮތަކަށް އުޅެފައިވެސް ކޮންމެ ކަމެއް ކޮށްފައިވެސް މައިމީހާގެ ގާތުން މާފަށް އެދިއްޖެނަމަ ހިތްހެޔޮކަމާއެއެކު މާފުކުރަން އަވަސްވެގަންނަ ކަމެވެ. ބައްދާލަން ބޭނުންވެއްޖެ ލޯބިން ބައްދައިލާ ކަމެވެ. 

މައިންނަށްވުރެ ގިނައިން އަދި ފަސޭހައިން އެހެން އެއްވެސް މީހަކު މާފުނުކުރާކަން ކުރެވިފައިވާ ހުރިހާ ދިރާސާތަކުންވެސް އެނގެއެވެ. އަދި މައިން މާފުކުރުމަށްފަހު ކުރިން ދަރިފުޅު ކުރި ކަންކަމަށް ޝަކުވާ ނުކުރާކަންވެސް ފާހަގަކުރެއެވެ. 

ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި މައިން ކިތަންމެ މުސްކުޅިވެފައިތިބިނަމަވެސް މައިންގެ ގައިގައި ދަރިފުޅު ލޯބިން ބައްދައިލުމަކީ މައިންނަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭ ކަންތަކެވެ. ކިތަންމެ މުސްކުޅިވީނަމަވެސް މައިން އެކަމަށް ބޭނުންވާނެއެވެ. 

އަހުރެމެން އެންމެ ބޮޑަށް ލޯބިވާންވީ ﷲ ތަޢާލާއަށެވެ. އެކަމަށް ކުރަންއޮތްކަމަކީ އެކަލާނގެ ޙަޟްރަތަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު އެންމެ ބޮޑަށް ލޯބިވާންވީ މައިންބަފައިންނަށެވެ. ޚާއްޞަކޮށް މައިންނަށެވެ. ވީމާ ތިމާ މަންމަ ދެކެ ލޯބިވާކަން ޢަމަލުން ދައްކަން މަސައްކަތްކުރާށެވެ! ހެޔޮކޮށް ހިތާށެވެ! އުފާވާނެ ހުރިހާ ކަމެއްވެސް ކޮށްދޭށެވެ! އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން