ދިވެއްސެއްގެ މޭ ބަދަލުކުރުމަށް ޒަކާތު ފަންޑުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި: ޝަހީމު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދިވެއްސެއްގެ މޭ ބަދަލުކުރުމަށް ޒަކާތު ފަންޑުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި: ޝަހީމު

ދިވެއްސެއްގެ މޭ ބަދަލުކުރުމަށް ޒަކާތު ފަންޑުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ރޭ ބޭއްވި އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި އޭގެ ފައިދާވެސް ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ، އެގޮތުން މިދިޔަ އަހަރު ޒަކާތު ފަންޑުން ދިވެއްސެއްގެ މޭ ބަދަލުކުރުމަށް ދެ މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވުނު ކަމަށް ވަނީ ވިދާޅުވެފައެވެ.

"މަހެއްހާ ދުވަހުގެ ކުރިން ލިވާ ޓްރާންސްޕްލާންޓޭޝަނަށް ޒަކާތު ފަންޑުން ހަރަދުކުރިން އެއްމެ ފަރުދަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ. އެމީހާވެސް ﷲ ގެ އިރާދަކުރެއްވިއްޔާމުން ދިރިއުޅުމުގެ އުއްމީދު އާ ވެގެން ދިޔައީ." ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު ބޯން މެރޯ ހެދުމަށް ބޭނުންވާ ކުދިންނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ގިނައިން ޒަކާތް ލިބުމުން ރައްޔިތުންނަށް އޭގެ މަންފާ އަބަދުވެސް ކުރާނެ ކަމަށެވެ. އަދި ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ގާނޫނީ ރައްކާތެރިކަމެއް ހޯދުމަށް ޒަކާތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތުގެ ގާނޫނެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މުވައްސަސާތަކުގެ އަގު ވައްޓާލަން އެކި ވާހަކަތައް މީހުން ދައްކާ ކަމަށެވެ. އެކަމަކު ރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއި އެކުގައި ހިންގާ އެއް މުވައްސަސާއަކީ ޒަކާތާއި ބެހޭ އިދާރާއާ ކަމާއި މެދުގައި ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރުންނާއި ސުވާލުކުރެެއްވުމުގެ ފުރުސަތު އާއްމުންނަށް ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަކާތު ހައުސްއަކީ އަކީ އެންމެ އަމާނަތްތެރިކަމާއެކު ހިނގާ މުއައްސަސާކަމަށާއި އެތަނުގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދެއްކި ނަމަވެސް، އެތަނުގެ އަމާނަތްތެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ.

"ދިވެހިރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުންގެ ޒަކާތު ހައުސްއޭ މިއީ. މުއައްސަސާގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދައްކާނެ. އެކަމަކު ދިވެހިރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާކަމާމެދު އަޅުގަނޑު ޝައްކުނުކުރަން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަކާތަށް ހޭލުންތެރިކުުރުމަށް ޒަކާތު ހައުސްއިން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ތާރިހުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުން އަހަރުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވެދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

 

 

 

މިއަދު އޮންލައިން