މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓް ގުޅިގެން ފާނަ އަދި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މަސްވެރިކަމާބެހޭ ވުޒާރާގެ އެދިލެއްވުމަކަށް އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި ފާނަ އާއި ހުއިފިލަނޑާ އާލާކުރާނެ ގޮތުގެ އިތުރުން، އެ ދިރޭތަކެއްޗަށް ބޭނުންވާ ކާނާ ތައްޔާރުކުރާނެ ގޮތާއި، ކާނާ ބަލަހައްޓާނެ ގޮތް ދަސްކޮށްދޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. އަދި މި ޕްރޮގްރާމަކީ ފާނަ އަދި ހުއިފިލަނޑާގެ ސްޓޮކް ދަށްވަމުން ދިއުމާ ގުޅިގެން، އެ ދިރޭތަކެތި އާލާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ކ. މަނިޔަފުށީގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުންނެވެ. މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާބެހޭ ވުޒާރާގެ 20 މުވައްޒަފުން ބައިވެރިވެއެވެ.
7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމާބެހޭ ވުޒާރާއިން ޗައިނާއާ ގުޅިގެން ކުރިއަށްގެންދާ މިބާވަތުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.