ކުރެވޭ ކުށްތަކާއި އިޞްލާޙްކުރަންޖެހޭ ކަންކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ ހެޔޮލަފާ އަނބިންނަށް! އެކަން ޤަބޫލުނުކުރާ މީހަކަށް ގާތީ ރަނގަޅު ދިރިއުޅުމެއް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކުރެވޭ ކުށްތަކާއި އިޞްލާޙްކުރަންޖެހޭ ކަންކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ ހެޔޮލަފާ އަނބިންނަށް! އެކަން ޤަބޫލުނުކުރާ މީހަކަށް ގާތީ ރަނގަޅު ދިރިއުޅުމެއް ނުލިބުން!

ބައެއް މީހުން ދެކެނީ ކައިވެނިކުރަންޖެހޭނީ ތިމާގެ މައްޗަށް ބަސްނުކިޔާނެ، ތިމާ ބުނާހައި ގޮތަކަށް ކަންކަންކުރާނެ މީހަކާއި ކަމަށެވެ. އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަން ޖެހެނީ އެފަދަ ކައިވެންޏަކުން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. 

އެހެނީ ކައިވެނިކުރުމުގެ ބޭނުމަކަށްވާންޖެހޭނީ ތިމާގެ ކިބައިގައި ހުންނަ އުނިސިފަތަކާއި ކުރެވޭ ކުށްތައް ބަޔާންކޮށްދީ އަދި ތިމާގެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކޮށްދޭނެ މީހަކު ތިމާގެ ޙަޔާތަށް ގެނައުމެވެ. ވީމާ ތިމާ ކުރާހައި ކަމަކަށް ރުހި ތިމާ އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން ދޫކޮށްލާނެ މީހަކާއި ކައިވެނިކުރުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ 

ފިރިމީހާ އަމުރުކުރާތީ ކަންބޮޑުވުމުގެ ކުރިން އެއަމުރަކީ އެކަމަށް ޢަމަލުކުރުމުން ތިމާއަށް ފައިދާކުރާނެ ކަމެއްތޯ ބަލަންވާނެއެވެ. ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ކަމެއްނަމަ އަވަހަށް ބަލައިގަނެ ޢަމަލުކުރާށެވެ! ހަމައެފަދައިން އަނބިމީހާ ދޭ ނަޞީޙަތަކީ އެކަމަށް ޢަމަލުކުރުމުން ތިމާއަށް ފައިދާކުރާނެ ކަމެއްތޯ ބަލަންވާނެއެވެ. ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ކަމެއްނަމަ އަވަހަށް ބަލައިގަނެ ޢަމަލުކުރާށެވެ! 

އަނބިންނަށް އޮތީ ހަމައެކަނި ކިޔަމަންތެރިވުން ކަމަށް ނުދެކޭށެވެ! ހެޔޮ ނަޞޭޙަތް ދިނުމުގެ ޙައްޤު އަނބިމީހާއަށްވެސް ލިބިގެންވެއެވެ. ތިމާއަށް ކުރެވޭ ކުށްތަކާއި އިޞްލާޙްކުރަންޖެހޭ ކަންކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީވެސް ހެޔޮލަފާ އަނބިންނަށެވެ! ވީމާ އެކަނބަލުން ދޭ ނަޞޭޙަތް ބޮލާލައި ޖަހަން ހެޔޮނުވާނެއެވެ! އެގޮތަށް ކަންތައް ކުރާ މީހަކަށް ގާތީ ރަނގަޅު ދިރިއުޅުމެއް ނުލިބުމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން