ޙަރާމް ތަކެތި ކެވިފައިވާ މީހުންގެ ދުޢާވެސް ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ. އިޚްލާޞްތެރިކަމާއެކު ކުރަން އޮތީ އެންމެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 41ސ
ޙަރާމް ތަކެތި ކެވިފައިވާ މީހުންގެ ދުޢާވެސް ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ. އިޚްލާޞްތެރިކަމާއެކު ކުރަން އޮތީ އެންމެ ކަމެއް!

ބައެއް މީހުންނަކީ ކުރިން ތަޤްވާވެރިކަން ކުޑަ ބައެކެވެ. އެހެންވެ ޙަރާމް ތަކެތި ކައިބޮއި ހެދެއެވެ. އެކަންކަން ވިސްނި ފަހުން ތަޤްވާވެރިވި ނަމަވެސް ތިމާ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެކަމަށް ވިސްނޭނަމަ އެއީ ޝައިޠޯނާގެ ކިބައިން ލިބޭ ވިސްނުމެކެވެ. ތައުބާވުމުން ޝިރުކުރުމުގެ ފާފަ ފިއސަވައިދެއްވަވާއިރު ކުރެވިފައިވާ އެހެން ފާފައެއް ފުއްސަވައި ނުދެއްވަވާނެ ކަމަށް ވިސްނުމެއްވެސް ނެތެވެ.  

ތިރީގައިވާ ލިޔުމުން އެކަން ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ   

عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ تَعَالَى عَنْهُ قَالَ: قَالَ رَسُوْلُ اللهِ: ((إِنَّ اللهَ تَعَالَى طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبَاً وَإِنَّ اللهَ أَمَرَ المُؤْمِنِيْنَ بِمَا أَمَرَ بِهِ المُرْسَلِيْنَ فَقَالَ(يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحاً) [المؤمنون: الآية51] ، وَقَالَ(يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ) [البقرة: الآية172] ثُمَّ ذَكَرَ الرَّجُلَ يُطِيْلُ السَّفَرَ أَشْعَثَ أَغْبَرَ، يَمُدُّ يَدَيْهِ إِلَى السَّمَاء، ِ يَا رَبِّ يَا رَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَغُذِيَ بِالحَرَامِ فَأَنَّى يُسْتَجَابُ لذلك)) [رواه مسلم] 

މާނައީ:

އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.  

"ހަމަކަށަވަރުން އީ އެންމެ ރަނގަޅު ފަރާތެވެ. (އެބަހީ: އެންމެހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ.) ރަނގަޅު އެއްޗެއް މެނުވީ، އެއިލާހު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއިލާހު މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ، ރަސޫލުންނަށް އަމުރުކުރެއްވި ފަދައިންނެވެ.  

ފަހެ، ﷲ تعالى ވަޙީކުރެއްވިއެވެ. "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ފަރިއްކުޅުއްވާށެވެ. އަދި ޞާލިހު ޢަމަލުކުރައްވާށެވެ.” އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެއޭ އިމާންވި މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި (ޙަލާލު) ރަނގަޅު ތަކެތިން ކައި އުޅޭށެވެ". 

ދެން އެއަށްފަހު، ދަތުރު ދިގުވެ، ބޯހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ އެކަލޭގެފާނު ޒިކުރުކުރެއްވިއެވެ. އެމީހާ ދެއަތް މައްޗަށް ނަގައި ދުޢާކުރެއެވެ. “އޭ ތިމަންގެ ރައްބެވެ! އޭ ތިމަންގެ ރައްބެވެ!” އެހެނަސް އޭނާ ކަނީ ޙަރާމްތަކެއްޗެވެ. އަދި ބޮނީ ޙަރާމްތަކެއްޗެވެ. އަދި ލަނީ ޙަރާމް ފޭރާމެވެ. އަދި ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟!" 

ހަދީޘުން ލިބޭފައިދާތައް:  

1.    މި ހަދީސްގައި ޒިކުރުކުރެވިފައިވަނީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ހަތަރު ސަބަބެއް ލިބިފައިވާ މީހެއްގެ ވާހަކައެވެ. އެއީ އޭނާއަކީ ދަތުރުވެރިއެއްކަމުގައިވުމާއި ބޯހޭވި، ހިރަފުހުން ތަތްތެޅިފައިވާ ނިކަމެތި ޙާލެއްގައިވުމާއި، ދެއަތް އުފުލުމާއި، އަދި ރުބޫބިއްޔަތުގެ އިސްމުފުޅު އެދި ދެންނެވުމެވެ. 

މި ސަބަބުތަކުގެ ތެރެއިން ސަބަބެއް އައިސްފިނަމަ ދުޢާ އިޖާބަ ކުރައްވާނެ ކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުން އެނގެ އެވެ. ނަމަވެސް މިފަދަ މީހަކު، އޭނާގެ ކެއުމާއި ބުއިމާއި ހެދުން ލުމާއި އެނޫން ވެސް ކަންކަމުގައި ޙަރާމް ގޮތުގައި ހޯދާ ތަކެތި ބޭނުން ކުރާ ކަމުގައި ވާނަމަ އޭނާގެ ދުޢާ އިޖާބަ ނުކުރެއްވޭނެ ކަން އަބޫ ހުރައިރާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ މި ހަދީޘުން އެނގެ އެވެ. 

އެކަމަކު ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ. 

2.    މި ހަދީޘް ފައްޓަވާފައި ވަނީ ﷲ އަކީ އެންމެހާ ރަނގަޅު ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ ކަލާނގެ ކަމާއި، އެހެންކަމުން ރަނގަޅު އެއްޗެއް ނުވަތަ ރަނގަޅު ކަމެއް މެނުވީ އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަން ބަޔާން ކުރައްވަމުންނެވެ. ރަނގަޅު ތަކެއްޗާއި ކަންކަން ނުވަތަ ޠައްޔިބާތު އަކީ ކިލަނބު ކަމެއް މުޑުދާރު ކަމެއް ނެތް ސާފު ތާހިރު ތަކެއްޗާއި ކަންކަމެވެ. ﷲ ގަބޫލު ކުރައްވަނީ ރަނގަޅު ހަލާލު ތަކެއްޗެވެ. ޢަމަލުތަކާއި ބަސްތަކާއި ގަބޫލު ކުރުންތަކާއި މުދާތަކާއި އަދި އެނޫން އެއްޗެއް ނުވަތަ ކަމެއް ވިއަސް އެއިން ރަނގަޅު ތަކެއްޗެވެ. މިއާ ޚިލާފަށް ނުބައި ކަންކަން ގަބޫލު ނުކުރައްވާނެ އެވެ. އަލްމާއިދާ ސޫރަތުގެ 100 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެއެވެ. "ނުބައި ކަންތަކުގެ ގިނަކަން، ތިބާ އަޖައިބު ކޮށްލިއަސް، ނުބައި ކަންތަކާއި ރަނގަޅު ކަންތައް ހަމަހަމަ ވެގެނެއް ނުވެ އެވެ." އެއަށް ފަހު އެ އާޔަތުގައި އަންގަވަނީ ތަޤުވާވެރި ވުމަށެވެ. އެއީ ދިންނަވައި ނަސީބު ލިބުމަށްޓަކައި ކަމަށެވެ.  

3.    ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ!

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން