އަހުރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކަށް އޮތީ ތަޤްވާވެރި ހެޔޮލަފާ މީހެއްގެ ގޮތުގައި މަރުވާން މަސައްކަތްކުރުމެވެ. ނަމަވެސް އެންމެ ގިނަބައަކަށް މިއަދު އެންމެ ބޮޑަށް އިހްމާލުވެވެނީ އެކަމަށެވެ.
މިއަދު ގިނަ އަދަދެއްގެ ޒުވާނުން އަދި ބޮޑެތި މީހުންވެސް މަރުވަމުން އެދަނީ ނަރަކައަށް ވައްދަވާނެ ކަމުގެ ޢަލާމާތްތައް ފެންނަންހުރި ޙާލަތުގައެވެ. މިއީ އެންމެ ހިތާމަހުރި ކަންތަކެވެ. ނަރަކައަށް ވައްދަވާނެ މީހުންނާއި ސުވަރުގެ ވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް އިސްލާމް ދީނުގެ ޙުކުމްތަކަށް ބަލައިފިނަމަ ނަރަކަ ޙައްޤުވާ ބައަކުގެ ކިބައިން އެކަމުގެ ސިފަތައް ފެންނަމުންދާ ކަމަށް ބުނެވިދާނެއެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަކުރަން ޖެހެނީ ނަމާދު ނުކުރުމެވެ. ނަމާދަށް ރައްކައުތެރިނުވުމެވެ.
ނަމާދުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާ އެންމެ ބޮޑު ފަރުޟެވެ. އެހެންކަމުން ނަމާދުކުރުމަކީ އެއްވެސް މީހަކު ތިމާއަކީ މުސްލިމެއްކަމަށް ބުނާހައި ހިނދަކު ހިތަށްއެރީމާ ކޮށްލާފައި ހިތަށް އެރީމަ ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫންނެވެ.
އެކަމުގެ ދަލީލަކީ:
بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ މާނައީ، "މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ."
ދެން އޮތީ އެންމެ ގިނައިން ކުރެވޭ އެންމެ ބޮޑުފާފައިގެ ވާހަކައެވެ. އެއީ ފާހިޝް ޢަމަލުތައް ކުރުމާއި ޒިނޭކުރުމެވެ.
ފާހިޝް ޢަމަލުތައް ކުރުމާއި ޒިނޭކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. މިކަމުގެ ދަލީލަކީ:
ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ.
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ [النور : 19]
މާނައީ: ހަމަކަށަވަރުން މުއުމިނުންގެ މެދުގައި ފާޙިޝުކަންތައް ފެތުރިގެން ދިޔުމަށް ލޯބިލުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ"
ދެން ދައްކަން މިޖެހެނީ އެއީ ފާފައެއް ކަމަށް މިހާރަކަށް އައިސް މީހުންނަށް ޤަބޫލުވެސް ނުކުރެވެ ކަންތަކުގެ ވާހަކައެވެ. އެއީ މިއުޒިކާއި ލަވައަށް ލޯބިކޮށް އެއީ ހިތްހަމަ ޖެހުން ކަމުގައި ޤަބޫލު ކުރުމެވެ.
މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ދަލީލަކީ:
ﷲ ވަޙީކުރައްވާފައިވަނީ:
وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6]
މާނައީ ”އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބައަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ."
ދެންވެސް އޮތީ ހަމައެފަދަ ކަމެކެވެ. އެއީ ދީނުގައި ވާގޮތަށް ހެދުން އަޅައިގެން ދީނުގައިވާ ފަދައިން ޢަމަލުތައް ބެހޭއްޓޭތޯ މަސައްކަތް ކުރާ ޒުވާން ފިރިހެނުންނާއި އަންހެނުނަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ވާހަކައެވެ.
މިއީ ވެސް އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ދަލީލަކީ:
إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ މާނައީ: ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާއަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.
މަރުވުމަށްފަހު އަލުން ދިރޭނެކަން ޤަބޫލު ކުރަން ހެއްޔެވެ؟ މިފަދަ ޢަމަލުތައްކުރާ މީހަކަށް ތައުބާވުމުގެ ފުރުޞަތު ނުލިބި މަރުވެއްޖެނަމަ އޭނާގެ އެކުވެރިން އޭނާ ވަޅުލުމަށްފަހު އެނބުރި ދާއިރު އެމީހުންގެ ފައިވާނުގެ އަޑުވެސް އެމައްޔިތާއަށް އިވިގެންދާހިނދު އޭނާގެ ކައިރިއަށް މަލާއިކަތުން ވަޑައިގެން އޭނާގެ ދުނިޔެވީ ރެކޯރޑް ސާފުކުރެއްވެވުމަށްފަހު، އޭނާގެ ދުނިޔެވީ ރެކޯޑަކީ ކުށުގެ ރެކޯޑެއްކަމުގައި ވެއްޖެނަމަ ނަރަކައިގެ ހޫނުވަޔާއި ހާސްކަމާއި، ކައްވަޅުގެ ހަނިކަން ނުވަތަ ނުތަނަވަސްކަން ހަމަ ވަގުތުން އޭނައަށް ކުރިމަތިވާނެއެވެ. ސުބުހާނަﷲ
(މިއީ ދިސަލަފިއްޔާގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައިވާ މަޢުލޫމާތު އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.)