ބޮޑެތި ފާތައް ކުރަމުން ދުނިޔޭގައި އުޅޭމީހުން ދަންނާށެވެ! މިއަދު ޤާނޫނުތަކަށް ފިލައިގެން ހުރެ ބޭނުން ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. ނަމަވެސް ތިބާގެ މައްޗަށް ތިބާ އަމިއްލައަށް ގޮތް ނިންމައި ކަރުނައަޅަމުން ނަރަކައަށް އަމިއްލައަށް ވަންނާނެ ދުވަސް ކުރިއަށް އެބައޮތެވެ.
ޤިޔާމަތް ދުވަހުގެ އެންމެ ޚާއްޞަ އެއްކަމަކީ ކޮންމެ މީހެއްގެވެސް ޙިސާބް ބައްލަވާނީ ﷲ ތަޢާލާއެވެ. ނަމަވެސް އެމީހަކާއިމެދު ގޮތް ނިންމާނީ ޚުދު އެމީހެކެވެ. އެމީހަކީ ސުވަރުގެ ޙައްޤު މީހަކުކަން ނުވަތަ ނަރަކަ ޙައްޤު މީހަކުކަންވެސް ނިންމާނީ އެމީހެކެވެ. އެހެނީ ނަރަކައަށް ވަންނަން ޖެހޭ މީހުން ނަރަކައަށް ވަންނާނީވެސް ސުވަރުގެ ލިބުން ޙައްޤު މީހުން ސުވަރުގެ ވަންނާނީވެސް އެކަމަށް ރުހި ޤަބޫލުވެގެންނެވެ.
ކޮންމެ މީހެއްގެ އަތަށްވެސް އެމީހަކު ކުލަ ޢަމަލުތަކުގެ ފަތް ﷲ ތަޢާލާ ދެއްވަވާނެތެވެ. އެއިގައިވާ ކަންތައްތައް ނުވަތަ އެމީހަކަށް ދުނިޔޭގައި ހުރެ ކުރެވިފައިވާ ޢަމަލުތައް އެއްވެސް އުނިއިތުރުވުމެއް ނެތި އެމީހަކަށް ފެންނާނެއެވެ. އެފަތުގައި އެވަނީ ތެދު ޙަޤީޤަތްކަން އެމީހަކަށް ޤަބޫލުކުރެވި އެކަމަށް އިޢްތިރާފްވެވޭނެއެވެ.
މިކަން އެނގިގެންދަނީ މިފަދަ އާޔަތްތަކުންނެވެ:
"ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟"
"އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއަކު ތިމަންމެން ނުވަމުއެވެ."
"އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ."
"އަދި ބާޠިލް ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލް ވާހަކަ ދައްކައި އުޅުނީމުއެވެ."
"އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ."
"ކަން (އެބަހީ: މަރު) ތިމަންމެންނާ ހަމައަށް އަތުވެއްޖައުމަށް ދާނދެނެވެ."
(އަލް މުއްދަޘިރް؛ 42،43،44،45،46،47)
މިއީ ނަރަކައަށް ވަންނަންޖެހޭ މީހުން ވާނެ އިޢްތިރާފެވެ. މިއާޔަތްތަކުން އެނގިގެންދަނީ އެމީހުންނަށް ނަރަކައަށް ވަންނަން ޖެހުނީ އެމީހުން ކުރި ކުށްތަކުގެ ސަބަބުންކަން އެމީހުން ޤަބޫލުކުރާނެކަމެވެ. ނަރަކައަށް ވަންނާނީ އެކަން ޤަބޫލުކުރާ ޙާލުގައިކަމެވެ.
ވީމާ ކޮންމެ މީހަކުވެސް ނަރަކައަށް އެވަންނަނީ އެމީހާގެ ކުށް ޤަބޫލުކުރާޙާލުގައެވެ. ދުނިޔޭގައި އުޅެމުން މިގެންދަނީ އެކަން އެނގިތިބެއެވެ.
މީސްތަކުންނޭވެ! ތިބާކުޅަ ޢަމަލުތަކުގެ ފަތް ތިބާގެ އަތަށް ލިބި ފަތް ހުޅުވައިލުމުން ތިބާ ކުޅަ ޢަމަލުތައް އެހުންނަނީ ތިބާއަށް ފެންނާށެވެ! ތިބާ ދުނިޔޭގައި ހުރެގެން ކުރި ފާފަތައް ދުނިޔޭގައި ސިއްރުވެގެންވީ ނަމަވެސް އެދުވަހު އެހުރިހާ ފާފަތަކެއް ތިބާއަށް ފެނިގެންދިއުމުން ލަދެއް ނުގަންނާނަން ހެއްޔެވެ؟ ދެރައެއްވެސް ނުވާނަން ހެއްޔެވެ؟
ތިބާ މީހެއްގެ ޙައްޤަކަށް އަރައިގެންފައި ދުނިޔޭގައި ފިލާހުރީއެވެ. އެދުވަހުން އެމިހާ، ތިބާގެ ކިބައިން އޭނާގެ ޙައްޤުތައް ހޯދަން އައުމުން ފިލަން ދުވާނީ ކޮންތަނަކަށް ހެއްޔެވެ؟ ފިލޭނެ ހެއްޔެވެ؟
މީސްތަކުންނޭވެ! މިކަންކަމަށް މިއަދު ވިސްނައި ބިރުވެތި ނުވިނަމަ އެމީހަކަސް ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަރަކައިން ސަލާމަތް ނުވެވިއްޖެ މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަދިވެސް ވަޤުތު އެބައޮތެވެ! ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން