އެކަން ހިނގީ ހިރާ ފަރުބަދައިގައެވެ! ޖަބަލް ނޫރު (ހިރާފަރުބަދަ) އަކީ އެތަނަކުން އިސްލާމް ދީނުގެ ނޫރު ފައުޅުވެގެންދިއަތަނެވެ. އެހެނީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު ފުރަތަމަ ވަޙީއާއިގެން ރަސޫލް ﷺ ގެ އަރިއަހަށް ވަޑައިގެންނެވީ އެފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށެވެ. ޤުރްއާނުން ފުރަތަމަ ބާވައިލެއްވެވުނު އާޔަތްތައް ބާވައިލެއްވެވުނީ އެތަނުގައެވެ.
މިއީ އެފަރުބަދައަށް ﷲ ތަޢާލާ ދެއްވެވި މަތިވެރި ޝަރަފެކެވެ. ޤުރްއާން ދެމިއޮތްހައި ދުވަހަކު (ދުނިޔެ ނިމެންދެން) މީސްތަކުން އެކަމުގެ ވާހަކަ ދައްކާނެއެވެ.
ވީޑިއޯ:
"މީލާދީ ސަނަތުން 610 ވަނަ އަހަރުގެ ރޭ ތަކުގެ ތެރެއިން ރެއެކެވެ. ރަސޫލާ ﷺ އިންނެވީ 634 މީޓަރު މަތީގައި ހިރާ ހޮހޮޅައިގައެވެ. އެއީ އޭރު މައްކާގެ މީހުން ދިރިއުޅުނު ސަރަހައްދާއި 4 ކިލޯމީޓަރު ދުރުގައި ހުރި ހޮހޮޅައެކެވެ. ރަސޫލާ ﷺ މާތް ﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާ ފިކުރުކުރައްވަނީއެވެ.
މިހެން އިންނަވަނިކޮށް 600 ވަރަފުޅު ލިބިގެންވާ ބިޔަ މަޚްލޫޤެއް މުޅި އުދަރެސް ބައްދާލައިފިއެވެ. އެ ވަރަފުޅުތަކުން މުތާއި އަލިމަހުގެ ވިދުމުން އަރާފަދަ ކުލަތައް އަރަމުން ދިޔައެވެ. އެ އާދަޔާޚިލާފު މަޚްލޫޤަކީ ޖިބްރީލް عليه السلام އެވެ. އުޑުތަކުގެ އަމީން، ޖިބްރީލް عليه السلام އެކަލޭގެފާނުގެ ގައިކޮޅުގައި ބާރަށް ބައްދަވާ ފިއްތަވާލެއްވުމަށްފަހު ވިދާޅުވިއެވެ. "اقرأ ކިޔަވާށެވެ". އެހިނދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. އަނެއްކާ އެއަށްވުރެ ބާރަށް ބައްދަވާ ފިއްތަވާލެއްވުމަށްފަހު ވިދާޅުވިއެވެ. "اقرأ ކިޔަވާށެވެ". އެހިނދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. ތިންވަނަ ފަހަރުވެސް ޖިބްރީލް عليه السلام ވިދާޅުވިއެވެ. "اقرأ ކިޔަވާށެވެ". އެހިނދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. އެހިނދު ޖިބްރީލްގެފާނު ނަބިއްޔާ ﷺ އަށް މާތްﷲގެ ވަޙީ ބަސްފުޅު ފޯރުކޮށްދެއްވިއެވެ."
- މުޙައްމަދު މައޫން
ލިންކުގައިވާ ވީޑިއޯއަކީ ހިރާފަރުބަދަ އާއިބެހޭ މުހިންމު މަޢުލޫމާތު ހިމަނުއްވައި މުޙައްމަދު މައޫން ޝަރީފް ޢަލީ ތައްޔާރުކުރައްވާފައިވާ ވީޑިއޯއެކެވެ.
ގުޅުންހުރި ވީޑިއޯ: