މިއަދު މީސްތަކުންނަށް ލަނޑުދީ ނުވަތަ ކެހިދީ، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަމުން އުޅެވިދާނެއެވެ. އެހެނަސް އެއްވެސް މީހަކަށް އެއްވެސް ބާރެއް ލިބިގެން ނުވާނެ އެދުވަހުން (ޤިޔާމަތް ދުވަހު) ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ!
ޤިޔާމަތް ދުވަހުގެ މައިދާނުގައި ކަރުގައި ބޮޑެތި ހަރުފަތައް އޮޅާލެވިގެން ތިބޭ ބައަކުވެސް ފެންނާނެއެވެ. ބޮޑެތި ބިންތައް ކަރުގައި އޮޅިގެންވާ ބައަކުވެސް ފެންނާނެއެވެ. ސަލާމަތްވާން ފޮޅައިލުމުގެ އެއްވެސް ބާރެއް ލިބިގެނެއް ނުމެވާނެމެއެވެ. މިއަދު ކެހިވެރިވާ މީހަކު ކެހިވެރިވާށެވެ! މާދަމާ ޚަލްޤުތަކުންގެ މެދުގައި ﷲ އެމީހަކު ފަޟީޙަތްކުރައްވާނެތެވެ.
ކީރިތި ރސޫލާ ޙަދީޘްފުޅު ކުރއްވަވާފައިވެއެވެ! "ހަމަކަށަވަރުން، ޤިޔާމަތް ދުވަހު ކޮންމެ ކެހިވެރިއަކަށް ދިދައެއްވާނެއެވެ. އަދި ގޮވޭނެއެވެ. މިއީ އެވެނި މިވެނި މީހެއްގެ ކެހިވެރިކަމެވެ." متفقٌ عَلَيه"
މީސްތަކުން މިއަދު ދެކެނީ އަނެކާއަށް ކެހިދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އެކަކު އަނެކަކަށް ކެހިދެމުން ގޮސް ދެމަފިރިން އެކަކު އަނެކަކަށް ކެހިދެނީއެވެ. މައިންބަފައިން ދަރިންނަށް ކެހިދެނީއެވެ. ދަރިން މައިންބަފައިންނަށް ކެހިދެނީއެވެ. އަދި ލޯބިވެރިންކަމަށް ބުނާ މީހުންވެސް އެކަކު އަނެކަކަށް ކެހިދެނީއެވެ.
މިހިސާބުން ނިމެނީއެއް ނޫނެވެ! ﷲ ތަޢާލާއަށާއި މީސްތަކުންނަސް ތެދުވެރިވާން ﷲ ތަޢާލާ ގަންދީ ހުވާކޮށްގެން ތިބެމެ ﷲ ތަޢާލާގެ އެންގެވުންތައް ބޮލާލައި ޖަހަނީއެވެ. ހިތުން އިސްލާމްދީނަށް ކެހިދެނީއެވެ. ނަމަވެސް އެއީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.
އަދި ކީއްހެއްޔެވެ؟ މިބުނިފަދައިން މީސްތަކުންނަށް ކެހިދޭ މީހުން ދެކެން ތިބޭށެވެ! ކެހިވެރިންގެ ޢަމަލުތައް ﷲ ތަޢާލާ ފަޟީޙަތްކުރއްވަވާނެ ދުވަސް އޮތީ ދާދިގާތުގައެވެ.
ކެހިވެރިންނޭވެ! ކެހިދިނުން އަވަހަށް ހުއްޓައިލާށެވެ! ޙަދީޘްފުޅުގައިވާފަދައިން ކެހިވެރިކަމުގެ ދިދަ ލިބިގެންވާ މީހަކު ކަމުގައިވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން