ސުންނަތް ރޯދައެއް ހިފަން ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލަން ހެޔޮ ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސުންނަތް ރޯދައެއް ހިފަން ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލަން ހެޔޮ ނުވާނެ!

ޝަޢުބާން މަހަކީ އެމަހެއްގައި ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަ އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވި މައްސަރެވެ. ފާއިތުވަމުން މިދަނީ ޝަޢްބާން މަހުގެ ދުވަސްތަކެވެ. އެހެންކަމުން ސުންނަތް ރޯދަހިފުން ގިނަކުރަން މަސައްކަތްކުރަން ހިތްވަރުދިނުމުގެ ގޮތުން މިގެނެސްދެނީ ސުންނަތް ރޯދަތައް ނުހިފައި ދޫކޮށްލަން ހެޔޮނުވާނެ ބައެއް ސަބަބުތަކެވެ.  

ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ ހިފުން ފަރުޟުކުރައްވަވައި އަދި ރަމަޟާން މަސް ނިމުމުން ޝައްވާލް މަހުގައި 6 ރޯދަހިފުމާއި އަދި ކޮންމެ ހަނދުމަހެއްގެ 3 ދުވަހުގައާއި އަދި ހަފްތާގެ ދެ ދުވަހު ރޯދަހިފުމަކީ ސުންނަތެއް ކަމުގައި ލެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެއީ ކީއްވެގެން ކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!  

އެކަމުގެ މުހިންމު އެއް ސަބަބު ކަމުގައި އަހުރެންނަށް ވިސްނެނީ އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން އަބަދުވެސް އިތުރަށް ބަދަހިވަމުން ދިއުމެވެ. މިޘާލަކަށް ބަލާނަމަ ރޯދަ ހިފުމަކީ ﷲ ތަޢާލާ އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަމެވެ. ހިފާ ރޯދައަށް ޘަވާބު ދެއްވެވުމުގައި އިމެއް ނެތެވެ. މާނައަކީ އެއީ ދެއްވަވާ ޘަވާބުގެ ޢަދަދު ކަނޑައެޅިގެންވާ އަޅުކަމެއް ނޫނެވެ.  

އެހެނީ ރޯދައަށް ޘަވާބު ދެއްވަވާނެ ވަރު މަލާއިކަތުންނަށްވެސް އެނގިވަޑައިގެންނެއް ނުވެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

ވީމާ އަހުރެން އިލްތިމާސްކުރަން ބޭނުންވަނީ ވީހާގިނައިން ސުންނަތް ރޯދަތައް ހިފަމުން ގެންދިއުމަށެވެ. ސުންނަތް ރޯދަ ޤަވާއިދުން ހިފުމަކީ ތަޤްވާވެރިންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސުންނަތް ރޯދަ ޤަވާއިދުން ހިފާ މީހާ އެ އަންގައިދެނީ އެމީހަކު ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް ބޭނުންވެގެން ހުރި މިންވަރެވެ. ޤިޔާމަތް ދުވަހު ވީހައި ގިނައިން ހެޔޮ ޢަމަލުތައް  ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށްދާން ބޭނުންވާ މިންވަރެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން