ކުރީ އަހުރުގެ ރަމަޟާން މަސް ނިމިގޮސް މިއަހަރުގެ ރަމަޟާން މަސް ދާދިއަވަހަށް ބައްދަލުކުރާނެއެވެ. ކުރީ އަހަރުގެ ރަމަޟާން މަހު ރޭއަޅުކަންކުރި މީހުންގެ ތެރެއިން ރޭއަޅުކަން ކުރުމުގައި ދެމިތިބެވުނީ ވަރަށް މަދު ބައަކަށެވެ. އަނެއް ބައަކު ވަނީ އިހްމާލްވެފައެވެ.
އިހްމާލްވެވުނު މީހުންނަށް ބުނެލަން އޮތީ މިހާރުން ފެށިގެންވެސް ހީވާގިވެލާށެވެ! ޢިޝާ ނަމާދަށްފަހު ސުންނަތުގެ 4 ރަކްޢަތް ކުރަން ފަށާށެވެ. ވިތުރިވެސް ކުރަންފަށާށެވެ! ފަތިސްނަމާދުގެ އިހުސުންނަތަށާއި ފަތިސްނަމާދަށް ސަމާލުކަންދޭންފަށާށެވެ! ރަމަޟާން މަހާއި ބައްދަލުވުމުން ބުރައަކަށްނުވާނީ އެއިރުންނެވެ.
އަބަދުވެސް ހަނދާންކޮށްދެވޭ ފަދައިން ރަމަޟާން މަސް ކާމިޔާބުކުރެވޭނީ ކުރިއާލައި އެކަމަށް ތައްޔާރުވާ ބައަކަށެވެ. ރަމަޟާން މަސް ފެށުމުން ވީހާގިނަ އަޅުކަން ކުރަން ނިޔަތްގަނެގެން މިހާރުންސުރެ މަސައްކަތް ނުފަށައި ރަމަޟާން މަސް ކާމިޔާބުކުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ރަމަޟާން މަހާއި ގުޅުވައިގެން ސުވާލެއްކޮށްލާނަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ކޮޅަށް ތިބެގެން ރަމަޟާން މަހު ދަމުނަމާދުކުރަމުއެވެ. ބައެއް މީހުން ހަމައެހައިގިނައިރު ކޮޅަށް ތިބެގެން އިރާކޮޅު ތަރާވީޙް ނަމާދު ކުރުމަށްފަހުގައިވެސް ދަމުނަމާދުކުރެއެވެ.
ވާހަކަދައްކަން މިއުޅެނީ ތަރާވީހް ނަމާދާއި ދަމުނަމާދުކުރާތީ ކަންބޮޑުވާ ވާހަކައެއް ނޫނެވެ. ފާހަގަކުރަން މިއުޅެނީ ރަމަޟާން މަސް ފާއިތުވުމުން ވިތުރިވެސް ނުކުރެވޭ ކަމެވެ. ފަތިސް ނަމާދުގެ 2 ރަކްޢަތްކުރަން 5، 10 ވަރަކަށް މިނިޓް ހޭދަނުކުރެވޭ ވާހަކައެވެ، ކަންނެތްވެ ނިދަން އޮންނަ ވާހަކައެވެ.
އަނެއްކާވެސް ސުވާލުކޮށްލަން ބޭނުންވަނީ މިކުރެވޭ ކަންކަން އެބަ ދެކޮޅުޖެހޭ ހެއްޔެވެ؟
މީސްތަކުންނޭވެ! އަހުރެމެންނަށް މިކުރެވޭ ކަންކަމާއި ކަންކަމުގައި ޢަމަލުކުރެވޭ ގޮތުގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ނޫންހެއްޔެވެ؟ ހަމައެކަނި ވަކިމަހެއްގައި ނުބައި ނުބޮއި ކެތްތެރިވެފައި އެހެން މަސްތަކުގައި މިފާހަގަކުރި ފަދަ ކުދިކުދި ކަންކަމުގައި ކެތްތެރި ނުވީމާ ތިބާއަކީ ކެތެރިއަކަށްވެވޭނެ ހެއްޔެވެ؟
ހަމައެފަދައިން ރަމަޟާންމަހު ފަރުޟު ނަމާދުތަކުގެ އިތުރުން މިބުނި މަގުން ސުންނަތްވެސް ކޮށްފައި ރަމަޟާންމަސް ދިއުމުން ފަތިސްނަމާދާއި އެހެން ފަރުޟު ނަމާދުތައް ނުކުރީމާ އިސްލާމްކަން ކޮބައިހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކަށްވެވުން ކޮބައިހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން