ހެޔޮލަފާ ފިރިން ކުރާ ހިތުން އަމިއްލައަށް ކައްކާޒަމާނެއްގަ ގެއަށްދެވޭއިރު މޭޒުމަތީގަ ކާއެއްޗެތި އަތުރާފަ ނެތިގެން ޝަކުވާކުރުމަކީ މިޒަމާނަށްވެސް ފެތޭކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ހެޔޮލަފާ ފިރިން ކުރާ ހިތުން އަމިއްލައަށް ކައްކާޒަމާނެއްގަ ގެއަށްދެވޭއިރު މޭޒުމަތީގަ ކާއެއްޗެތި އަތުރާފަ ނެތިގެން ޝަކުވާކުރުމަކީ މިޒަމާނަށްވެސް ފެތޭކަމެއް ނޫން!

ރަނގަޅަށް ވިސްނައިލާށެވެ! އިންސާނުންގެ ވިސްނުން ކުރިއަރައިދާވަރަކަށް ދިރިއުޅުމުގެ ކަންކަމަށްވެސް ބަދަލުތައް އަންނާނެއެވެ. އެގޮތުން މިހާރު އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ތެރޭގައި ވަޤުތު ލިބޭނަމަ ފިރިން ހެއްކުންވެސް ހިމެނެއެވެ.  

އެއީ ހެޔޮ ބަަދލެއްކަމަށް ބުނީމާ މިތާތިބި ހުރިހާ ފިރިހެނުން އަހުރެންދެކެ ރުޅިއަންނަންވީއެއް ނޫނެވެ. ވިސްނާލަންވީއެވެ. އަހުރެމެންގެ ދީނަށް ބަލައިފިނަމަ އާމްދަނީ ހޯދުމަކީ ފިރިންގެ މަސްއޫލިއްޔަތެކެވެ. އަނބިންލައްވައި މަސައްކަތްކުރުވަން ބާޒާރަށް ނެރުމެއް ނެތެވެ. ނަމަވެސް މިއަދު އަހުރެމެންނަށް މިވަނީ އެކަންވެސް ރީތިކަމަކަށް ހަދައިފައެވެ. އަނބިން ބާޒާރަށް ނެރެފީމުއެވެ.   

މިހެން ބުނީމާވެސް ރުޅިއަންނަންވީއެއް ނޫނެވެ. ހަމަ ވިސްނާލަންވީއެވެ. މާރުކޭތަކަށް ދިއަޔަސް ފިހާރައަކަށް ވަނަސް އަންހެނުން ވަޒީފާގައި މަސައްކަތްކުރާތަން ނުފެނޭހެއްޔެވެ؟ އެއީ ބާޒާރަށް ނެރުން ކަމަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟

މިހިސާބުން މައުޟޫއަށް ޖެހިލާނަމެވެ.  

ފުރަތަމަ ފާހަގަކުރިފަދައިން ބައެއް ފިރިން އެމީހުންގެ އަނބިން ކައްކައިދިނަސް އަމިއްލައަށް އެބަ ކައްކައެވެ. އެކަންކުރަނީވެސް ހަމަކުރާހިތުން އަމިއްލައަށެވެ. މިފަދަ ޒަމާނެއްގައި ގެއަށްދެވޭއިރު މޭޒުމަތީގައި ކާއެއްޗެތި އަތުރާފައި ނެތިގެން ޝަކުވާކުރުން ވާނީ ކޮންކަހަލަ ކަމަކަށް ހެއްޔެވެ؟ އަހުރެންނަށް ބުނެވޭނީ އެއީ މިޒަމާނަށް ފެތޭ ކަމެއް ނޫންކަމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަހުރެމެންނަކީ މުސްލިމުންނެވެ. ރަމަޟާން މަހުގެ އިތުރުން ސުންނަތް ރޯދަތައްވެސް އަހަރެމެން ހިފަމުއެވެ. ރޯދަހިފާ ކޮންމެ ދުވަހަކު މަދުވެގެން 14، 15 ގަޑިއިރު އަދި ބައެއް ޤައުމުތަކުގައި 18، 20 ގަޑިއިރުވެސް އެއްވެސް އެއްޗެއް ނުކައި ނުބޮއި އެބަ ތިބެމުއެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމްނަތެރިވެ ރޯދަހިފުމަށެވެ.  

ހަމަ އެމީހާ ގެއަށް އައިސް ވަންނައިރު ކާން ހަދާފައި ނެތުމުން މުޅި ގޭތެރެ އެބަ ޤިޔާމަތްކޮށްލައެވެ. ދުލުން ނުބައިބަސްތައް ބުނެ، އަދި ބައެއް މީހުން އަންނަ ރުޅީގައި ހަމަ އެމީހާ މަސައްކަތްކޮށްގެން ހޯދާފައިހުރި އަގުބޮޑު ތަކެތިވެސް އެބަ ހަލާކުކުރެއެވެ. އަނބިންނަށް އަނިޔާވެސް ކުރެއެވެ.  

އެކަން އެކުރަނީ ރަމަޟާން މަހު ރޯދަ ހިފަން އެންގެވި ﷲ ތަޢާލާ، ކެތްތެރިކަން އިސްކުރުމަށާއި އަނބިންނަށް އޯގާތެރިވެ ހެޔޮކޮށް ހިތަން އަންގަވާފައިވަނިކޮށެވެ. ނިކަން ބުނެބަލާށެވެ. ކުރެވޭ ކަންކަން އެބަ ދެކޮޅުޖެހޭ ހެއްޔެވެ؟  

ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭމީހާ މިކަންކަމަށް ވިސްނައިލާށެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްވެސް ކޮށްލާށެވެ! ﷲ ތަޢާލާ ރުހިވޮވޮޑިގަންނަވާ އަޅަކަށް ވެވޭނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން