ޢުމްރާއަށް ދާ ފަރާތްތަކަށް ބީއެމްއެލްއިން 1500 ޑޮލަރުގެ ލިމިޓް ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޢުމްރާއަށް ދާ ފަރާތްތަކަށް ބީއެމްއެލްއިން 1500 ޑޮލަރުގެ ލިމިޓް ދިނުމަށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރުގެ ލިމިޓް ދިނުމަށް ނިންމާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 10 ވަނަ ދުވަހު އިޢުލާންކުރެއްވި ގޮތަށް، ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި ދޫކުރާ އިތުރު ލިމިޓެކެވެ. ބީއެމްއެލްއިން ބުނާ ގޮތުގައި މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް މި ލިމިޓް ދޫކުރެވޭނެއެވެ.

ޢުމްރާ ގްރޫޕްތަކާއެކު ދަތުރުކުރާ ފަރާތްތަކަށް މިކަން ފަހިކޮށްދިނުމަށްޓަކައި، ޢަމަލުކުރަންވީ ގޮތުގެ ތަފްޞީލު ބޭންކުން ވަނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައެވެ. އަދި ވަކިން ދަތުރުކުރައްވާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީއާއި ޓިކެޓް ކޮޕީ ފޮނުވުމުން ކާޑު ލިމިޓް ހަމަޖައްސައިދޭނެކަމަށް ބޭންކުން ވަނީ އަންގާފައެވެ.

މީގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 އެމެރިކާ ޑޮލަރުގެ ލިމިޓް ލިބޭނެކަމަށާއި، ހުރިހާ ޢުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކާނެކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން