ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ޤައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، "އަހަރުތަކެއް ފަހުން ދިވެހި ޙާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ޤައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން" ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިކަން ޙަޤީޤަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންއިން ކަމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ޙާޖީންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން