ރޯދަމަހާ ގުޅިގެން މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް، އެ ބަދަލުތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ އާންމުކޮށްފައެވެ.
ވެމްކޯއިން މިއަދު އާންމުކުރި މަޢުލޫމާތުތަކާ އެއްގޮތަށް، މާލޭގައި ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށެވެ. މި ބަދަލު އަންނާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ހުޅުމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށެވެ. ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށެވެ.
ވެމްކޯ އިން ބުނެފައިވަނީ ހުޅުމާލެ އަދި ވިލިމާލޭގައި މި ބަދަލުތައް ގެންނާނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށާއި ރައްޔިތުން މި ބަދަލުތަކަށް އަހުލުވެރިވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް މާލޭގެ ގަޑިތަކަށް ބަދަލު ގެންނަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައިވެސް ވެމްކޯގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލު ގެންނައިރު މި ބަދަލުތަކަށް ރައްޔިތުން ސަމާލުވެ، އެއްބާރުލުން ދިނުމަށް ވެމްކޯއިން އެދިފައިވެއެވެ.