އެކަކު އަނެކަކަށް ބަދުދުޢާކުރުމަކީ މުޅި ޢާއިލާއަށް ނުތަނަވަސްކަން ކުރިމަތިވާކަމެއް! ބަލިވުމާ އަތްމަތިދަތިވުމުގެ އިތުރުން ކުރިއެރުން ހުއްޓި ނިކަމެތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެކަކު އަނެކަކަށް ބަދުދުޢާކުރުމަކީ މުޅި ޢާއިލާއަށް ނުތަނަވަސްކަން ކުރިމަތިވާކަމެއް! ބަލިވުމާ އަތްމަތިދަތިވުމުގެ އިތުރުން ކުރިއެރުން ހުއްޓި ނިކަމެތިވާ ކަމެއް!

ބައެއް މީހުން އަންނަ ރުޅިއާއިއެކު އަނެކާއަށް އަޑުއިއްވައި ބަދުދުޢާކުރެއެވެ. އަނެއްބައަކު ކުރަނީ ސިއްރުންނެވެ. އަޑުނުއިއްވައި ހިތުންނެވެ. އަޑުނުއިއްވައި ހިތުން ކުރިޔަސް އެކަނިހުރެ ސިއްރުން ކުރިޔަސް ބަދުދުޢާކޮށްފިނަމަ އެކުރެވެނީ ނުބައިކަންބޮޑު، ގެއްލުންހުރި ކަމެކެވެ.

ބައެއް ޢާއިލާތަކަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ އަމިއްލައަށް ކުރެވޭ ކަންކަމުންނެވެ. އެގޮތުން ކުރެވޭ އެއްކަމަކީ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް އެކަކު އަނެކަކަށް ނުބައިބަސްބުނެ ބަދުދުޢާ ކުރުމެވެ. މިއީ ވަރަށް ގެއްލުން ބޮޑު އަދި ނުބައިކަންވެސް ބޮޑު ކަމެކެވެ.

އެފަދަ ކަންކަން ނުކުރާށެވެ! އެކެއްގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ ރިވެތި ގޮތުގައި ވާހަކަދައްކާށެވެ. މަޝްވަރާކުރާށެވެ. އެއް ގެއެއްގައި އުޅޭއިރު ކޮޓަރިތައް ޖެހިޖެހިގެން ހުންނަނަމަ އަނެކާއަށް އުނދަގޫވާނެ ކަމެއްވެސް ކުރެވިދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވިނަމަވެސް ރުޅި އިސްނުކޮށް އެފަދަ ކަމެއް ތަކުރާރުނުކުރަން ބުނާށެވެ. އަދި އެހެން މީހުންނަށް އުނދަގޫވާނެ ކަންކަން އެކަކުވެސް ނުކުރާށެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ޢާއިލީ ގުޅުން ބާއްވައި، އެގުޅުން ދަމަހައްޓައިގެން އުޅުމަކީވެސް އަޅުކަމެކެވެ. ޢާއިލީ ގުޅުމަކީ ކަނޑައިގެންވާނެ ގުޅުމެއް ނޫނެވެ. ނަމަވެސް ގިނަ ފަހަރަށް ކުރެވޭ ކަމަކީ ހިތްހަމަނުޖެހޭއިރަށް ގުޅުން ކަނޑައިލުމެވެ. ޙަސަދަވެރިންނަށް ބަދަލުވުމެވެ. އެއިރުން އެކުރެވެނީ ބޮޑު ފާފައެކެވެ.

ޙަސަދަވެރިވެ ބަދުދުޢާކުރުމުގެ ސަބަބުން މުޅި ޢާއިލާއަށް ނުތަނަވސްކަން ކުރިމަތިވެއެވެ. އެއްބައަކު ބަލިވެދާނެއެވެ. އަނެއްބައަކަށް އަތްމަތިދަތިކަން ކުރިމަތިވެ ރިޒުޤް ދަތިވެދާނެއެވެ. އަނެއް ބައެއްގެ ކުރިއެރުން ހުއްޓިދާނެއެވެ. މިފަދަ އެތައް ކަމެއް ކުރިމަތިވެދާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަ ބައަކަށް އެއްގެއެއްގައި އުޅެން ޖެހުމުން ތަފާތު މައްސަލަތައް ކުރިމަތިވާނެއެވެ. ވިސްނައިލަންވީ ކަމަކީ އެއްގެއެއްގައި އުޅެންޖެހުނީ އަޚުންކަމުގައިވީތީ ކަމެވެ. ވީމާ އަޚުވަންތަކަން ދަމަހައްޓައި ތަޤްވާވެރިނަކްމުގައިވާން މަސައްކަތްކުރާށެވެ.

ތަޤްވާވެރިންކަމުގައި ވެވިއްޖެނަމަ ޖަޒާއަކީ ސުވަރުގެއެވެ. ސުވަރުގެ ވެއްދެވުމުން ޖާގައިގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ. އެއީ ދުނިޔެއާއި އުޑުތަކަށްވުރެވެސް މާތަނަވަސްކަންބޮޑު ތަނެކެވެ. އެއްވެސް މީހަކަށް އަނެކަކާއިހުރެ އެއްވެސް އުނދަގުލެއްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެކަން ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގި ޔަޤީންވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

 

މިއަދު އޮންލައިން