ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ބައިވެރިޔާ ޝަކުވާކުރާނަމަ އެއީ ބޮލަށް އުނދަގޫކުރާ މީހެއް ކަމަށެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް މުޅިން ތަފާތެވެ. ރަނގަޅަށް އަޑުއަހާށެވެ! ކުރިމަތިވާ ކަންކަމާއި ގުޅިގެން ދެމަފިރިންގެ މެދުގައި ބަހުސް ނުކުރެވޭނަމަ އެކަން ދެމިއޮންނާނީ ދަރަންޏެއްގެ ގޮތުގައެވެ.
މާނައަކީ އެދަރަނި އަދާކުރަންޖެހޭ ދުވަހެއް އަންނާނެއެވެ. އެއީ ކަންކަން ގޯހުން ގޯހަށްގޮސް ބޮމެއްފަދައިން ފަޅައިގެންދާ ދުވަހެވެ. ދެމަފިރިންގެ މެދުގައި މައްސަލަޖެހި މަޝްވަރާ ނުކުރެވި ހުރި ކަންކަމުގެ ދިގު ލިސްޓް އެދުވަހު ކިޔައިލެވޭނެއެވެ.
ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށް މަޝްވަރާކުރެވޭނީ އެކަކު ޝަކުވާ ކުރުމުންނެވެ. ވީމާ ޝަކުވާ ނުކުރާނަމަ އެކަމެއް އަނެކާގެ ހިތުގައި ބޮޑު ހިލައެއް ފަދައިން އޮންނާނެއެވެ. ލިސްޓް ދިގުވާވަރަކަށް އެހިލަ ދާނީ ބޮޑުވަމުންނެވެ. ހިލަ ބޮޑުވެ ބަރުވަމުން ދިއުމުގެ ނަތީޖާއަކަށްވާނީ އެބޮޑު ބުރަ އުފުލަން ހިތަށް ކެތް ނުކުރެވިގެން ހިލަ ގޮއްވައިލުމެވެ. އެޙާލަތުގައި ހިތްވެސް ބޮމެއް ފަދައިން ގޮވާނެއެވެ.
އެއިގެ ބަދަލުގައި މަޝްވަރާކުރެވޭނަމަ ކަންކަން ދާނީ ޙައްލުކުރެވެމުންނެވެ. ހިތް ދާނީ ސާފުވަމުންނެވެ. އެއްވެސް ބުރައެއް އުފުލާކަށް ހިތަކަށް ނުޖެހޭނެއެވެ.
ވީމާ ހިތަށް ލިބޭ ނުތަނަވަސްކަމަކާއި ގުޅިގެން ބައިވެރިޔާ ޝަކުވާކުރުމާއިމެދު ރަނގަޅު ގޮތުގައި ވިސްނާށެވެ! ރުޅި ނައިސް މަޝްވަރާކުރާށެވެ! މަޝްވަރާކުރުމަކީ ދެމަފިރިންގެ މެދުގައި ޖެހޭ ކުނިތައް ނައްތާލައި ގުޅުން ރަނގަޅު ގޮތުގައި ކުރިއަށް ގެންދަން އެންމެ ބޮޑަށް މަގުފަހިވާ ސަބަބެވެ. ވީމާ ބައިވެރިޔާ ޝަކުވާ ކުރާނަމަ އޮތީ ރުޅިއައުމެއް ނޫނެވެ. އުފާކުރުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން