މިހާރަކަށް އައިސް ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކުރަން ބޭނުންވާ އަންހެނުން އަންނަނީ ގިނަވަމުންނެވެ. ގިނަ އަންހެނުން އެކަމަށް ބޭނުންވަނީ ނުބައި ނިޔަތެއްގައެއްވެސް ނޫނެވެ. ކޮންމެ ގޮތަކަށް އެކަމާއިމެދު ދެކޭބައަކު އުޅުނަސް ކަމުގެ ޙަޤީޤަތް ވަރަށް ތަފާތެވެ.
އަހުރެން މިހެން މިބުނަނީ އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ މީހުންނާއި ސުވާލުކުރުމުން ދައްކާ ވާހަކައިގެ މައްޗަށް ބުރަވެއެވެ.
އެމީހުންގެ ކިބައިން އެނގެނީ އެމީހުންނަކީ ލޯބީގެ ޙަޔާތުގައި ނުވަތަ ޒަވާޖީ ހަޔާތުގައި ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ބައެއް ކަމެވެ. އެމީހުންނަށް ޤަބޫލުކުރެވެނީ ގިނަ ފިރިހެނުންނަކީ ހަރުދަނާ ދިރިއުޅުމަކަށްވުރެ އެމީހުންގެ އަމިއްލަ އިޙްޞާޞްތަކަށް އިސްކަންދޭ ބައަކު ކަމެވެ.
ވީމާ އަލުން މީހަކާ ގުޅޭއިރު އެގޮތަށް ކަންތައް ނުކުރާނެ ރަނގަޅު ފިރިހެނަކާއި ގުޅެން ބޭނުންވަނީ ކަމެވެ. ކައިވެނިކޮށް އުފަލުގައި ދިރިއުޅޭ މީހަކުނަމަ އެއީ ކުރިން މިބުނި ސިފަތައް ނެތް ރަނގަޅު މީހަކުކަން އެމީހުންނަށް ޔަޤީންކުރެވެނީއެވެ. ވީމާ ތަށީގެ އެއްފަޅިންވެސް ފުއްދާލައިގެން ތިބެން ބޭނުންވަނީއެވެ.
އެއްވެސް ޙާލެއްގައި އަހުރެން މިދެއްކީ ހުރިހާ އަންހެނުންގެ ވާހަކައެއް ނޫނެވެ. ނުރަނގަޅު ނިޔަތުގައި ކަންކަންކުރާ އަންހެނުންވެސް ތިބޭނެއެވެ. އަހުރެން މިދެއްކީ ކައިވެނިކޮށް ރަނގަޅު ގޮތުގައި ދިރިއުޅެން ބޭނުންވާ ހެޔޮލަފާ އަންހެނުންގެ ވާހަކައެވެ.
އަހުރެންގެ ނަޞީޙަތަކީ ދެވަނަ އަންތބަކަށް ރަނގަޅު އަންހެނަކު ބޭނުންނަމަވެސް މިހާރު އިން އަނބިމީހާއަށް ހެޔޮކޮށް ހިތައި އުފަލުގައި ބައިންދަން މަސައްކަތްކުރާށެވެ! އޭނާގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރާށެވެ! ހިލޭ އަންހެނުން ފަހަތުން ދުވެ ތިމާގެ އަގުވައްޓައި ނުލާށެވެ! އެއިރުން ތިބާއަށް މާރަނގަޅު ފުރުޞަތުތައް ލިބޭނެއެވެ. އިން ޝާ ﷲ
އަދި އެއްވާހަކަ ބުނެލާނަމެވެ! އަނބިމީހާއަށް ހެޔޮކޮށް ނުހިތައި އާވާރާ ދިރިއުޅުމެއް އުޅޭ ފިރިހެނުންނަށް ރުހޭނީ ހަމަ އޭނާ ފަދަ އަޚްލާޤެއް ނެތް އަންހެނުންނެވެ. ސަބަބަކީ ކުރިން މިބުނިފަދައިން ރަނގަޅު ހެޔޮލަފާ އަންހެނަކު އޭނާ ބަލައިނުގަންނާނެތީއެވެ. ނުރަނގަޅު ދެމީހަކު ގުޅިއްޖެނަމަ ހަނގުރާމަކުރަންޖެހުން ނޫންކަމެއް ނުއޮންނާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން