އެންމެ ބޮޑު ތަނަވަސްކަމާއި އެންމެ ބޮޑު ދަރުމަ ލިބެން އޮތް ކުޑަކުޑަ ޢަމަލުނުކޮށް ކަންނެތްވެފަ ދިރިއުޅެން ދަތިވެގެންނާއި އާޚިރަތް ނުލިބިދާނެތީ ކަންބޮޑުވެގެން ކުރާނީ ކޮން ފައިދާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
އެންމެ ބޮޑު ތަނަވަސްކަމާއި އެންމެ ބޮޑު ދަރުމަ ލިބެން އޮތް ކުޑަކުޑަ ޢަމަލުނުކޮށް ކަންނެތްވެފަ ދިރިއުޅެން ދަތިވެގެންނާއި އާޚިރަތް ނުލިބިދާނެތީ ކަންބޮޑުވެގެން ކުރާނީ ކޮން ފައިދާއެއް؟

ގިނަ ބައަކު އުލެނީ ކުރަން އެންމެ ފައިދާހުރި ދުޢާ ނުއެނގިގެންނެވެ. އަނެއް ބައަކު އުޅެނީ ކުރަން އެންމެ ފައިދާހުރި އަޅުކަން ނުއެނގިގެންނެވެ. އަހުރެން ބުނާނީ ކުރަން އެންމެ ފައިދާހުރި އަޅުކަން އެނގެން އެބައޮތެވެ. ފުރަތަމަ ކަމަކަށް ކުރަން އެންމެ ފައިދާހުރި އަޅުކަންކުރާށެވެ! އެއަސްފަހު ދުޢާކުރާށެވެ! ރަނގަޅު ތަރުތީބަކުން ކުރިއަށް ގެންދާށެވެ! 

ތިބާއަކީ މަސްވެރިއެއް ކަމަށްވާނަމަ ކަނޑުގައިވާ ހުރިހާ މަސްބޭނުމަށްވުރެ ފައިދާހުރި ކަމެއް އެބައޮތްކަން އެނގޭ ހެއްޔެވެ؟ ތިބާއަކީ ރަނުގެ ވިޔަފާރިކުރާ މީހެއްނަމަ ދުނިޔޭގައިވާ ހުރިހާ ރަނަށްށްވުރެ ފައިދާހުރި ކަމެއް އެބައޮތްކަން އެނގޭ ހެއްޔެވެ؟ މިހެން ގޮސް ހުރިހާ އެންމެން ކުރާ ހުރިހާ މަސައްކަތަކާއިގުޅުވައިގެންވެސް މިސުވާލުކުރެވިދާނެއެވެ. 

މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބު ހުރިހާ މުސްލިމުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާއެއްޗަކަށްވުރެ އަގުހުރި އެއްޗެކެވެ. މާނައަކީ ދުނިޔޭގައިވާ ރަނާއި ރިއްސާއި ހުރިހާ މަޢުދަންތަކާއި ފައިސާތަކާއި އެންމެހައި ތަކެތީގެ އިތުރުން ކަނޑުތަކާއި ކަނޑުތަކުގައި ވާހައި އެއްޗަކާއި ކަނޑުތަކުގެ އަޑީގައިވާ ތެލާއި ގޭހާއި މިހެންގޮސް ހުރިހާ އެއްޗަކަށްވުރެ މާއަގުހުރި އެއްޗެކެވެ، އެކަން ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. 

އަހުރެން ތަކުރާރުކޮށް މިކުރާ ސުވާލަކީ އެކަން އެނގިތިބެ ފަތިސްނަމާދަށް ނުހޭލަނީ ކީއްވެގެން ހެއްޔެވެ؟ ފަތިސްނަމާދުގެ އިހުސުންނަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެހައިގިނަ ޘަވާބާއި ދަރުމަ ލިބެން އޮތް، އެންމެ 3 މިނިޓުންވެސް ކޮށްލެވެން އޮތް އަޅުކަމެއް ނުކުރަނީ ކީއްވެގެންހެއްޔެވެ؟ 

މިއީ ފަތިސްނަމާދަށް ނުހޭލައި ފަތިސްނަމާދުގެ އިހުސުންނަތް ނުކުރާ މީހުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ތިމާއަކީ ހަމަ ޙަޤީޤަތުގައިވެސް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް އެދޭނަމަ މިއީ ފުރަތަމަވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. 

ތިބާ ކުޅަ ޢަމަލުތަކުގެ ފަތް ތިބާގެ ކުރިމަތީގައި ހުޅުވައިލެވޭނެކަން އެއީ އެންމެންނަށްވެސް ޔަޤީންކަމެކެވެ. ހުޅުވައިލެވޭއިރު ވީހައިގިނަ ހެޔޮ ޢަމަލުތަކުން އެފަތް ފުރިގެންވާތަން ދެކެން ބޭނުންނުވާނީ ކާކުހެއްޔެވެ؟ 

ވިސްނައިލާށެވެ! މުޅި ޢުމުރުގައި އަޅުކަންކޮށްފައި ދިއަނަމަވެސް ތިމާއަށް ކުރެވުނު އަޅުކަން ގިނަވެގެން ޤިޔާމަތް ދުވަހު އުޅޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހުންނާނެނަމަ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނަށް އެދުވަހުން ބިރުފުޅުން އުޅުއްވަވާކަށް ނުޖެހުނީއެވެ. އެހެނަސް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ފިޔަވައި ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުން އެދުވަހު ތިއްބަވާނީ އިންތިހާއަށް ބިރުފުޅުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ކިތަންމެ ކުޑަކުޑަ ކަމަކަށް އެދިގެން ނަމަވެސް ދަންނަވާލަން ކެރިވަޑައިނުގަންނަވާނީ އެހެންވެގެންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤިޔާމަތް ދުވަހުގައި ތިމާއަށް ކާމިޔާބު ލިބެން އެދޭމީހަކުނަމަ ފަތިސްނަމާދާއި ފަތިސްނަމާދުގެ އިހު ސުންނަތް ދޫކޮށްނުލާށެވެ! މީޒާނުގައި ތިބާގެ ކޮޅަށް ބުރަކަން ބޮޑުވެގެންދާނީ އެންމެ ބުރަދަންހުރި ޢަމަލުތައް ކޮށްގެންނެވެ. އެންމެ ގިނައިން ޘަވާބު ދެއްވަވާނެ ޢަމަލުތައްކޮށްގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން