ލޯބިވެގެން ނުއުޅޭށޭ ބުނެވޭ ބަހުގެ މާނައަކީ މީހަކު ދެކެ ލޯބި ނުވާން ބުނުމެއް ނޫނެވެ. އެބަހުގެ މާނައަކީ ލޯބިވާނަމަ ކައިވެނިކުރުން އަވަސްކުރަން ބުނުމެވެ. ކައިވެނިނުކޮށް ގުޅިގެން އެކުގައި ނުއުޅެން ބުނުމެވެ. ކައިވެނިކުރުމުގެ ކުރިން ކައިވެނީގެ ބަރަކާތް ނަގާނުލުމަށް ނަޞޭޙަތްތެރިވުމެވެ.
ދެ މީހަކު ލޯބިވެއްޖެނަމަ އަނެކާ އިންތިހާއަށް ރީތިވެގެންދާނެއެވެ. އޭނާގެ ކިބައިގައި ހުތުރު އެއްވެސް ސިފައެއް ނެތްކަމަށްވެސް ޤަބޫލުކުރެވޭނެއެވެ. އެކަކު އަނެކަކަށް ބޭނުންވާ މިންވަރު ބޮޑުވެ ތަޢްރީފްކުރުމުގައި ހައްދު ފަހަނައަޅައިދެއެވެ. އަނެކާފަދަ ދެވަނަ އިންސާނެއް ދުނިޔޭގައި ނެތްކަމަށް ޤަބޫލުކުރެވެއެވެ. އަދި އަނެކާ ދައްކާ ވާހަކަތަކަށްވެސް ހަމަ އެހައިމެބޮޑަށް ތަޢްރީފް ކުރެވޭނެއެވެ. ހަމައެއާއިއެކު އެކުގައި ގިނަވަޤުތުހޭދަކުރަން ބޭނުންވާނެއެވެ.
މިއީ ކޮންމެ މީހަކަށްވެސް މެދުވެރިވާނެ ކަންކަމެވެ. އިންސާނުން އުފައްދަވާފައިވަނީ މިކަންކަން މިހެން މެދުވެރިވާނެ ގޮތަށެވެ. އެކަންކަން އެހެން އެވަނީ އިންސާނުންގެ ހަށިގަނޑުގައިވާ ހޯމޯންސްތަކާއި ސެލްތަކުގެ ސަބަބުންނެވެ. ވީމާ އެއީ އެއްވެސް މީހެއްގެ ކުށަކުން މެދުވެރިވާ ކަންކަމެއް ނޫނެވެ.
ކުށަކަށް ބަދަލުވެގެންދަނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކައިވެނިނުކޮށް ލަސްކުރުމުންނެވެ. ކައިވެނިކުރުމަށް އަވަސްވެގަންނަޖެހެނީ އެހެންވެގެންނެވެ. ހަށިގަނޑުގައި އުފެދޭ ޖަޒުބާތުތަކާއި ދެކޮޅަށް ހަނގުރާމަކުރުމަކީ ގިނަ ބައަކަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އަދި ހިތްވަރުކުރަން މަސައްކަތްކުރިނަމަވެސް އެއީ މާގިނަ ދުވަހަކަށް ކެތްކުރެވޭނެ ކަންކަމެއް ނޫނެވެ.
މިއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަންކަމެވެ. މިކަންކަން ކުރިމަތިވެގެން އަންނަ ދުވަސްވަރު ސަމާލުކަންދީގެން އަވަހަށް ކައިވެނިނުކޮށްފިނަމަ އެދެމެދަށް ޝައިޠޯނާ ވަދެގަނެ އޭނާގެ މަޤްޞަދު ޙާޞިލްކުރުވާނެއެވެ.
ޔަޤީންކުރާށެވެ! ހިލޭ އަނހެނަކާއި ފިރިހެނަކު އެކަހެރިވެއްޖެނަމަ 3 ވަނަ ފަރާތަކަށް ޝައިޠޯނާ އެތަނުގައި ހުންނާނެއެވެ. ދެމީހުންގެ އިޙްޞާޞްތަކާއި ކުޅޭނެއެވެ. ކުޅެމުން ކުދިކުދިކަންކަމުން ގޮސް ޒިނޭއާއި ހަމައަށް ދެމީހުން ގެންދުވާނެއެވެ. ޒިނޭކުރަން ފެށުމުން ދުވެފިލާނެއެވެ. އެއީ އެތަނަށް ﷲ ތަޢާލާ ކޯފާ ބާވައިލައްވަވައިފާނެކަން އެނގޭތީއެވެ.
މީހަކު ދެކެ ލޯބިވުމަކީ ކުށެއް ނޫނެވެ. އަދި އެއީ ފާފައެއްވެސް ނޫނެވެ. ފާފައަކަށް ބަދަލުވެގެންދަނީ މި ބަޔާންކުރި މަރުޙަލާތަކުގައެވެ. އެކަންކަމަށް ސަމާލުކަން ނުދެވުމުންނެވެ. ވީމާ އެންމެންނަށްވެސް، ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ބުނެލަން އޮތީ މީހަކު ދެކެ ލޯބިވެވިއްޖެނަމަ ކައިވެނިކުރުން އަވަސްކުރާށެވެ. އަނެކާ ދަސްކުރަން މަޑުކުރާ މުއްދަތުގެ ތެރޭގައި ފާފަކުރެވި ދުނިޔެއާއި އާޚިރަތް ނަގައިނުލާށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން