ހިތުގަ ޤުރްއާނަށް ލޯތްބާ ޔަޤީންކަން އިތުރުކުރެވޭނީ ޤުރްއާނުގައިވާ ކަންކަން އެނގޭ ވަރަކުން! އުނދެނި ދަސްކުރި ވަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24މ 29ސ
ހިތުގަ ޤުރްއާނަށް ލޯތްބާ ޔަޤީންކަން އިތުރުކުރެވޭނީ ޤުރްއާނުގައިވާ ކަންކަން އެނގޭ ވަރަކުން! އުނދެނި ދަސްކުރި ވަރަކުން!

ކޮންމެ މުސްލިމަކަށް ކީރިތި ޤުރްއާނަކީ ކޮން އެއްޗެއްކަން އެނގޭނެއެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅު ކަމާއި ޤިޔާމަތާއި ހަމައަށް ދެމިގެންދާނެ މުޢްޖިޒާތްކަން އެނގޭނެއެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުން އޮތީ ކީރިތި ޤުރްއާނަށް ލޯބިކުރެވުނު ވަރަކުންކަންވެސް އެނގޭނެއެވެ.  

ސުވާލަކީ ލޯބިއިތުރުނުވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ މާނައާއި ތަފްސީރު ނުކިޔޭތީއެވެ. އެފޮތުގައިވާ މުޢްޖިޒާތްތަކަށް ނުވިސްނޭތީއެވެ. ތިރީގައިވާ ލިޔުމަކީވެސް ވިސްނައިފި މީހަކަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ކީރިތި ޤުރްއާނުގައިވާ ޢަދަދުގެ މުޢްޖިޒާތްތަކާއި މީލާދީ ކަލަންޑަރު- 

الحمد لله وحده، والصلاة والسلام على من لا نبي بعده وآله وصحبه. 

ކީރިތި ޤުރުއާނުގައިވާ ތަފާތު ވައްތަރުތަކުގެ މުޢުޖިޒާތްތަތައް ދެނެގަތުމަށް މީސްތަކުން ވަރަށް ޝައުޤުވެރިވެއެވެ. އެގޮތުން އެންމެ ބޮޑަށް ވާހަކަދެކެވޭ އެއް ވައްތަރަކީ ޢަދަދުގެ މުޢުޖިޒާތްތަކެވެ. މަޖައްލާތަކާއި ނޫސްތަކާ އަދި އިންޓަނެޓުގައިވެސް މިކަމާ ގުޅުންހުރި އެތައް ލިޔުންތަކެއްވަނީ ޝާއިޢުކުރެވިފައެވެ. އެގޮތުން ލަފްޒުތައް ތަކުރާތުވެފައިވާ ގޮތާއި، ނުވަތަ އެލަފްޒާ އޭގެ އިދިކޮޅު ލަފްޒު އެއް ޢަދަދަކަށް ތަކުރާރުވެފައިވާކަމަށް ބުނެ ހެދިފައި ލިސްޓުތައް ވަނީ އާންމުވެފައެވެ. އޭގެތެރޭގައި “يوم” (ދުވަސް) 365 ފަހަރު ތަކުރާރުވެފައިވާކަމަށާއި، “شهر” (މަސް) 12 ފަހަރު ތަކުރާރުވެފައިވާ ކަމަށް ބުނެފައިހުރެއެވެ. އަދި މީގެ އިތުރުންވެސް “الملائكة والشياطين” (މަލާއިކަތުންނާއި ޝައިޠާނުން) އާއި ” الدنيا والآخرة “(ދުނިޔެއާއި އާޚިރަތް) އަދި މިނޫންވެސް ލަފްޒުތައްވެސް އެބައިމީހުން މިފަދައިން ޢަދަދު ކުރެއެވެ.

ވަރަށް ގިނަ މީހުންނަށް ހީވެފައިވަނީ މިއީ ޞައްޙަ ވާހަކައެއް ކަމަށެވެ. އަދި މިއީ ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެބައިމީހުންނަށް ހީވެފައިވެއެވެ. އެހެނެއްކަމަކު ބަސްމަގުގެ ބަލާޣާތްތެރިކަމާއި މުޢުޖިޒާތުގެ ތަފާތު އެބައިމީހުންނަށް ނޭނގެނީއެވެ. ފޮތެއް ލިޔާއިރު ވަކި ލަފްޒުތަކެއް ވަކި ޢަދަދަކަށް ގެނައުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. މިކަމުގައި އަޖައިބުކުރުވަނިވި ކަމަކީ ކޮބައި ހެއްޔެވެ؟ ﷲގެ ފޮތުގައިވާ މުޢުޖިޒާތްތަކަކީ ކޮންމެ މުއައްލިފަކަށްވެސް ގެނެވޭފަދަ ބަސްމަގުގެ ބަލާޣާތްތެރިކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެއަށްވުރެ މާ ފުން، މާ ތަނަވަސް ކަންކަމެވެ. ނަމަވެސް އެފޮތުގެ މުޢުޖިޒާތަކީ އެންމެ ބަލާޣާތްތެރި އަދި އެންމެ ފަޞާޙާތްތެރި ޢަރަބިންނަށްވެސް އެޤުރުއާނާއެއްފަދަ އެއްޗެއް ނުގެނެވުމެވެ. ނުވަތަ އެފަދަ ދިހަ ސޫރަތްވެސް ނުގެނެވުމެވެ. ނުވަތަ އެފަދަ އެންމެ ސޫރަތެއްވެސް ނުގެނެވުމެވެ.  

ހަމައެކަނި ޢަދަދުތަކެއް ބަޔާންކުރުމަށްވުރެވެސް ބައެއް މީހުން މިކަން ބޮޑުކޮށްލައިފިކަން ދެނެގަންނަށް އެބަޖެހެއެވެ. އެގޮތުން ބައެއްމީހުން މިފަދަ ޢަދަދުތައް ޖަހައިގެން “އިސްރާއީލުގެ ދަޢުލަތް ވެއްޓޭނެ ވަގުތު” ހޯދިއްޖެކަމުގެ ދައުވާ ކުރެއެވެ. އަދި އަނެއް ބަޔަކު “ޤިޔާމަތް ވާނެ ވަގުތު” ދެނެގަނެވިއްޖެ ކަމުގެ ދައުވާވެސް ކުރެއެވެ. ﷲ ތަޢާލާގެ ފޮތާ ގުޅުވައިގެން މިފަދައިން ހަދަހަދައިގެން ފެތުރޭ އެންމެ ފަހުގެ އެއް ވާހަކައަކީ “ނިއުޔޯކުގެ ޓަވަރުތައް ގޮއްލާލުމުގެ ޙާދިޘާ” ޤުރުއާނުގައި ބަޔާންވެގެންވާކަމުގެ ވާހަކައެވެ! އެއީ ތައުބާ ސޫރަތުގެ އާޔަތްތަކުގެ ޢަދަދާއި، ސޫރަތްތައް އައިސްފައިވާ ތަރުތީބުން އެސޫރަތުގެ ޢަދަދާ އަދި އެސޫރަތް ހިމެނެނީ ޤުރުއާނުގެ ކިތައްވަނަ ފޮތުގައި ކަމަށް ރިޢާޔަތްކޮށް ހަދާފައިވާ ބުހުތާނެކެވެމިއީ ﷲ ތަޢާލާގެ ފޮތް ކުޅޭކުޅޭ އެއްޗަކަށް ހެދުމެވެ. މިފަދައިން ކަންކަން މިވަނީ ޙަޤީޤަތުގައި ﷲ ތަޢާލާގެ ފޮތުގެ މުޢުޖިޒާތަކީ ކޮބައިކަމާމެދު މީސްތަކުން ޖާހިލުވެފައިވުމުންނެވެ. 

މިފަދަ މީހުން ޢަދަދުތަކާމެދު ދައްކާފައިވާ ވާހަކަތައް ދިރާސާކޮށް ބެލުމުން އެނގިގެން ދަނީ ބައެއް ލަފްޒުތައް އެބައިމީހުން ޢަދަދު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމެވެ. އަދި ބައެއް ކަލިމަތައް ގުނުމުގައި ހިތުހުރި ގޮތަކަށް ބަލާފައިވާކަމެވެ. އެއީ އެބައިމީހުން ބޭނުންވާ ގޮތަށް ނަތީޖާ ނެރުމަށެވެ. އަދި އެއީ ﷲ ތަޢާލާގެ ފޮތުގައިވާ ގޮތްކަމަށް އެބައިމީހުންނަށް ހީވެފައިވާ ގޮތެވެ.

ޑރ. ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ.

ޑރ. އަޝްރަފް ޢަބްދުއްރައްޒާޤު ޤަޠަނާ ވަނީ ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުޢުޖިޒާތާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފައެވެ. އަދި ” رسم المصحف والإعجاز العددي، دراسة نقدية في كتب الإعجاز العددي في القرآن الكريمގެ ނަމުގައި ފޮތެއް ވަނީ ނެރުއްވާފައެވެ. މިފޮތް ނިންމަވާލައްވަމުން ތިން ފޮތަކަށް ހަވާލާ ދެއްވާފައިވެއެވެ. އެއީ:

1.    ބާސިމް ޖަރާރުގެ “إعجاز الرقم 19

2.    ޢަބްދުއްރައްޒާޤު ނައުފަލުގެ” الإعجاز العددي في القرآن

3.    ޢަދުނާނު އައްރިފާޢީގެ “المعجزة

އެއަށްފަހު މުއައްލިފަށް މިދިރާސާގެ ނަތީޖާއެއްގެ ގޮތުން ޙާޞިލުވި ކަންކަން ބަޔާންކުރައްވާ ލިޔުއްވާފައިވެއެވެ. 

"އަޅުގަނޑުގެ މިދިރާސާއިން ވާޞިލުވި ނަތީޖާއަކީ މިފޮތްތަކުގައި ހުށަހަޅައިދީފައިމިވާ ޤުރުއާނުގެ ޢަދަދުގެ މުޢުޖިޒާތުގެ މިފިކުރަކީ އެއްގޮތަކަށްވެސް ޞައްޙަ އެއްޗެއް ނޫންކަމެވެ. ކިޔާމީހާއަށް އެއީ ޞައްޙަ ވާހަކަތަކެއްކަން ޘާބިތުކޮށްދިނުމަށްޓަކައި މިފޮތްތައްވަނީ ޝަރުޠުތަކެއްގެ މައްޗަށް ބިނާކޮށްފައެވެ. އެގޮތުން މިޝަރުޠުތައް ބައެއް ފަހަރު އުންމަތުގެ އިޖުމާޢުން ޘާބިތުވެފައިވާ ކަންކަމާ ޚިލާފުވެފައިވެއެވެ. މުޞްޙަފް ލިޔެފައިވާ ރަސްމުލް ޢުޘްމާނީއާ ޚިލާފުވެފައިވެސްވެއެވެ. މިއީ އެގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ހަމައެފަދައިން ބައެއް މުޞްޙަފުތަކުގައި ކަލިމަތައް ލިޔެފައިވާ ގޮތަށް ގެނައުމަށްފަހު އެހެން މުޞްޙަފުތަކުގައި އެކަލިމަ އޮންނަ ގޮތަށް ރިޢާޔަތްކޮށްފައެއް ނުވެއެވެ. އަދި އެއްގޮތް ކަލިމަތަކާއި އިދިކޮޅު ކަލިމަތައް ބެލުމުގައި ޢަރަބި ބަހުގެ ޤަވާޢިދުތަކާވެސް ޚިލާފުވެފައިވެއެވެ.'" 

[(ص: 197) دمشق ، منار للنشر والتوزيع ، الطبعة الأولى ، 1420هـ1999 / ]

ޑރ. ޢަބްދުއްރައްޒާޤު ނައުފަލް ކަލިމަތައް ޢަދަދު ކުރުމުގައި އަދި ކަލިމަތައް ގުނުމުގައި އިޚްތިޔާރު ކޮށްފައިވަނީ ބޭނުންވާ ޢަދަދު ދިމާވާނެފަދަ ޝަރުޠުތަކެއް ކަމަށް ޑރ. ފަހުދު އައްރޫމީ ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން އެބޭފުޅާ ވިދާލުވެފައިވެއެވެ.

ހަމަކަށަވަރުން ޤުރުއާނުގައި “اليوم” (ދުވަސް) ވާރިދުވެގެން އައިސްފައިވަނީ 365 ފަހަރެވެ. އެއީ އަހަރެއްގައިވާ ދުވަސްތަކުގެ ޢަދަދަށެވެ.” މިކަން ޘާބިތުކޮށްދިނުމަށް ޖަމާކޮށްފައިވާ ލަފްޒުތަކަކީ “اليومއާއި “يوماއެވެ. އަދި “يومكم” (ތިޔަބައިމީހުންގެ ދުވަސް) އާއި “يومهم” (އެބައިމީހުންގެ ދުވަސް) އަދި “يومئذ” (އެދުވަހުން) ވަނީ ނުހިމަނާ ދޫކޮށްލާފައެވެ. އެހެނީ އެލަފްޒުތައް ހިމެނިނަމަ އެޢަދަދު ދިމާނުވީހެވެ! ހަމައެފަދައިން ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދިފައިވާ، “الاستعاذةމިލަފްޒު 11 ފަހަރު ޛިކުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެލަފްޒު ގުނުމުގައި ހިމަނާފައިވަނީ “أعوذ” (މިއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.) އާއި ” فاستعذ” (ފަހެ، ﷲ ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!) އެވެ. “عذت” (ރައްކާތެރިކަން ލިބިގަންނަމެވެ.) ، “يعوذون” (ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ.) ، “أعيذها” (އެކަމަނާ ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ.) އަދި ” معاذ الله” (ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ.) ހިމަނާފައެއް ނުވެއެވެ. 

[ބައްލަވާ: "اتجاهات التفسير في القرن الرابع عشر" (2 / 699 ، 700)،  بيروت، مؤسسة الرسالة، الطبعة الثانية 1414هـ ] 

ﷲ ތަޢާލާގެ ފޮތުގައި ޛިކުރުކުރައްވާފައިވާ ޙިސާބަކީ އަހަރުތައް ފާއިތުވެގެން ދިޔުމުގައި ބަދަލުވުމެއް ނެތް ކަނޑައެޅި ބަޔާންވެގެންވާ ޙިސާބެވެ. އެއީ ހަނދުގެ ޙިސާބެވެ. 

ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅާމެދު ދަންނައެވެ. 

﴿وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا﴾ [سورة الكهف ٢٥]

މާނައީ: “އެއުރެންގެ ހޮހޮޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިއްބެވެ.”

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާނީ 300 އަހަރަކީ އިރަށް ނިސްބަތްވާ އަހަރު (solar years) ކަމަށެވެ. އަދި 309 އަހަރަކީ ހަނދުމަހުގެ އަހަރު (lunar years) ކަމަށެވެ. މިބުނުމަށް ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ވަނީ ރައްދު ދެއްވާފައެވެ. ޝެއިޚުގެ ރައްދުގައި ބަޔާންކޮށްދެއްވާފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙިސާބަކީ ހަނދުމަހުގެ ޙިސާބުކަމެވެ.

ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله ވިދާޅުވިއެވެ. 

﴿وَازْدَادُوا تِسْعًا﴾ (މާނައީ: "އިތުރަށް ނުވަ އަހަރު") މިބަސްފުޅުގެ މުރާދަކީ 309 އަހަރު އެބައިމީހުން އެތަނުގައި ތިބުމެވެ. 

މީހަކު ބުނެފާނެއެވެ. "309 އަހަރޭ ނުބުނީ ކީއްވެ ހެއްޔެވެ؟" 

ފަހެ، ޖަވާބަކީ މީގެ މާނައަކީ ހަމަ މިއީއެވެ. (އެބަހީ: އާޔަތުގައި އެވަނީ ހަމަ 309 އަހަރުގެ ވާހަކައެވެ.) އެނެއްކަމަކު މާތްވެގެންވާ ޤުރުއާނަކީ އެންމެ ބަލާޣާތްތެރި ފޮތެވެ. ފަހެ، އާޔަތްތަކުގެ ނިމުން އެއްގޮތް ކުރެއްވުމުގެ ގޮތުން ވަޙީކުރައްވާފައިއެވަނީ ﴿ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا﴾ އެވެ. އަދި އެއީ ބައެއް މީހުން ބުނާ ފަދައިން އިރުގެ އަހަރުން 300 އެއީ ހަނދު މަހުގެ އަހަރުން އިތުރު ނުވަ އަހަރަށް ވާތީއެއް ނޫނެވެ. ފަހެ، ހަމަކަށަވަރުން ﷲ ތަޢާލާގެ ބަސްފުޅުގެ މުރާދަކީ އެއީ ކަމަށް އަހަރެމެންނަށް ހެކި ނުވެވޭނެއެވެ. ﷲ ތަޢާލާގެ ބަސްފުޅުގެ މުރާދަކީ އެއީ ކަމަށް ހެކިވާނީ ކާކު ހެއްޔެވެ؟ އިރު އަހަރުގެ 300 އަހަރު، ހަނދުމަހުގެ 309 އަހަރާ އެއްވަރުވީ ކަމުގައިވިޔަސް، ފަހެ ﷲ ތަޢާލާގެ މުރާދަކީ އެއީ ކަމަށް ހެކި ނުވެވޭނެއެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙިސާބަކީ ހަމަ އެންމެ ޙިސާބެކެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ޙިސާބުގެ ޢަލާމާތްތަކަކީ ކޮބާ ހެއްޔެވެ؟

ޖަވާބަކީ: އެއީ ހުޅެވިހަނދެވެ. އެހެންކަމުން އަހަރެމެން ބުނާނީ، އިރުގެ އަހަރުން 300 ކަމަށާއި ހަނދުގެ އަހަރުން އިތުރު ނުވަ އަހަރު ކަމަށް ބުނާ ބަހަކީ ޟަޢީފު (ބަލިކަށި) ބުނުމެކެވެ.

ފުރަތަމައީ: ހަމަކަށަވަރުން ﷲ ތަޢާލާގެ މުރާދަކީ އެއީ ކަމަށް އަހަރެމެންނަށް ހެކި ނުވެވޭނެއެވެ.

ދެވަނައީ: ހަމަކަށަވަރުން ﷲ ތަޢާލާގެ ޙަޟްރަތުގައި މަސްތަކާއި އަހަރުތައް ބިނާވެގެންވަނީ ހަނދުމަހުންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. 

﴿هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ …﴾ [سورة يونس ٥]

މާނައީ: "އެއިލާހީ އަލިކަމެއްކަމުގައި އިރު ލައްވާ، ނޫރެއްކަމުގައި ހަނދު ލެއްވި އިލާހެވެ. އަދި އެހަނދު ހިނގުމަށް މަންޒިލުތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ" 

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿يَسْأَلُونَكَ عَنِ الْأَهِلَّةِ  قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ …﴾ [سورة  البقرة ١٨٩]

މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ”. – ޝައިޚުގެ ބަސްކޮޅު ނިމުނީއެވެ. –

[تفسير سورة الكهف] 

ހަނދާއި ހުޅެވިހަނދަށް ބަލައިގެން (މަސްތަކާއި އަހަރުތައް) ޙިސާބުކުރުމަކީ ނަބީބޭކަލުންނާއި އެބޭކަލުންގެ ޤައުމުތަކުގެ މީސްތަކުންވެސް ކޮށްއުޅުނު ކަމެކެވެ. ނަމަވެސް އިރަށް ބަލައިގެން (މަސްތަކާއި އަހަރުތައް) ޙިސާބުކުރުމަކީ ޖާހިލު ދީންތަކަށް ތަބާވީ މީހުން ކޮށްއުޅުނުކަމެކެވެ. މިއަދު ވަރަށް ގިނަ މުސްލިމުންވެސް އެބައިމީހުންނަށް ތަބާވާކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. 

﴿لَا يَزَالُ بُنْيَانُهُمُ…﴾ ތައުބާ ސޫރަތުގެ މިއާޔަތުން އެމެރިކާގެ ޓަވަރުތައް ގޮވި ޙާދިޘާއަށް ދަލީލުކުރާ ކަމަށް ބުނާ މީހުންނަށް ރައްދު ދެއްވާ ޑރ. ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ.

ފަސްވަނައީ: މިކަން (އެއާޔަތާ ގުޅުވާފައިވާ ގުޅުވުން) ބިނާކޮށްފައިވަނީ އިރުގެ ޙިސާބުތަކަށެވެ. (އެބަހީ: މީލާދީ އަހަރެށެވެ.) އެއީ ކާފިރު އުންމަތްތަކުން ވާރުތަ ކޮށްފައިވާ އެއްޗެކެވެ. އަދި އެއީ އިތުބާރު ހިފޭފަދަ ގޮތަކަށް ނަބިއްޔުންގެ އަރިހުން އެނގިގެން އައިސްފައިވާ އެއްޗެއް ނޫނެވެ. އަދި ހަމަކަށަވަރުން ޝަރުޢުގައި ޢިތުބާރު ހިފޭ ޙިސާބަކީ ހަނދާއި ހުޅެވިހަނދުގެ ޙިސާބެވެ. އަދި އެއީ ފާޅުކަން ބޮޑު އެއްޗެކެވެ. ނަބީބޭކަލުންގެ ޝަރީޢަތްތަކުގައި ބޭނުން ކޮށްފައިވާ ޙިސާބަކީ ހަނދާއި ހުޅެވިހަނދަށް ބިނާކޮށްފައިވާ ޙިސާބުކަމަށް ދަލީލުކޮށްދޭ އެއް ޙަދީޘަކީ ވާޘިލާ ބުން އަލްއަސްޤަޢު رضي الله عنه ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  

(أُنْزِلَتْ صُحُفُ ‏‏إِبْرَاهِيمَ ‏عَلَيْهِ السَّلَام ‏‏فِي أَوَّلِ لَيْلَةٍ مِنْ رَمَضَانَ ، وَأُنْزِلَتْ التَّوْرَاةُ لِسِتٍّ مَضَيْنَ مِنْ رَمَضَانَ ، وَالْإِنْجِيلُ لِثَلَاثَ عَشْرَةَ خَلَتْ مِنْ رَمَضَانَ ، وَأُنْزِلَ الْفُرْقَانُ لِأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ)) ] أخرجه أحمد ( 4 / 107 ) ، والبيهقي فيالسنن “( 9 / 188 ) ، وسنده حسن ، وذكره الألباني فيالصحيحة  “( 1575 )]

މާނައީ: ”އިބްރާހީމް عَلَيْهِ السَّلَام ގެ ޞުޙުފު ބާއްވައިލެއްވުނީ ރަމަޟާން މަހުގެ ފުރަތަމަ ރޭގައެވެ. އަދި ތައުރާތު ބާއްވައިލެއްވުނީ ރަމަޟަން މަހުގެ ހަރޭ ފާއިތުވުމަށް ފަހުއެވެ. އަދި އިންޖީލް ބާއްވައިލެއްވުނީ ރަމަޟާންމަހުގެ ތޭރަ ރޭ ފާއިތު ވުމަށްފަހުއެވެ. އަދި ފުރްޤާން (ޤުރުއާން) ބާއްވައިލެއްވުނީ ރަމަޟާން މަހުގެ  ސައުވީސް ރެއަށް ފަހުއެވެ." 

ހަނދާއި ހުޅެވިހަނދަށް ބަލައިގެން ޙިސާބުކުރުމުން ނޫނީ މިކަމެއް ނޭނގޭނެއެވެ. އަދިވެސް މިކަމަށް ދަލީލުކުރާ ޙަދީޘެއް ޞަޙީޙުލް ބުޚާރީއާއި ޞަޙީޙް މުސްލިމުގައި އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. 

قَدِمَ النَّبِيُّ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏الْمَدِينَةَ ‏فَرَأَى ‏‏الْيَهُودَ ‏‏تَصُومُ يَوْمَ عَاشُورَاءَ فَقَالَ: ((مَا هَذَا ؟)) قَالُوا: هَذَا يَوْمٌ صَالِحٌ، هَذَا يَوْمٌ نَجَّى اللَّهُ ‏‏بَنِي إِسْرَائِيلَ ‏‏مِنْ عَدُوِّهِمْ فَصَامَهُ ‏‏مُوسَى …  [أخرجه البخاري (2004) ومسلم[ (1130)

މާނައީ: "ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަދީނާއަށް ވަޑައިގެންނެވިއިރު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފަނިކޮށް ދެކެވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިއީ ކޮން ރޯދައެއް ހެއްޔެވެ؟” އެބައިމީހުން ދެންނެވިއެވެ. “މިއީ ހެޔޮ ދުވަހެކެވެ. މިއީ ﷲ ތަޢާލާ ބަނީ އިސްރާޢީލުގެ މީހުން އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަހެވެ. ފަހެ، މޫސާގެފާނު (އެދުވަހު) ރޯދަ ހިއްޕެވިއެވެ"

އަދި އެބައިމީހުން އިރަށް ބަލައިގެން ޙިސާބު ނުކުރާކަމަށް އަލްޙާފިޡު رحمه الله ޞަރީޙަކޮށް ވިދާޅުވެފައިވެއެވެ. [ބައްލަވާ: الفتح   ( 4 / 291 )، ( 7 / 323 )]

﴿هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ…﴾ [سورة يونس ٥]

މާނައީ: "އެއިލާހީ އަލިކަމެއްކަމުގައި އިރު ލައްވާ، ނޫރެއްކަމުގައި ހަނދު ލެއްވި އިލާހެވެ. އަދި އެހަނދު ހިނގުމަށް މަންޒިލުތަކެއް މިންވަރުކުރެއްވިއެވެ" 

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿٣٨﴾ وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ﴿٣٩﴾ [سورة يس]

މާނައީ: "އަދި އިރު، އެއަށް ކަނޑައެޅި ޤަރާރުވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހު މިންވަރުކުރައްވާފައިވާ ގޮތެވެ. [38] އަދި ހަނދަށް ތިމަންރަސްކަލާނގެ މަންޒިލުތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) [39]" 

އަންނަނިވި އާޔަތްތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

އެހެންކަމުން ހަނދަށް ބަލައިގެން ޙިސާބު ކުރުމަކީ އުންމަތްތަކުގެ މެދުގައި އެންމެ މަޝްހޫރުވެފައިވާ އަދި އެންމެ ބޮޑަށް އެނގިފައިވާ ގޮތެވެ. އަދި އެއީ އެންމެ ކުށް މަދު ގޮތްވެސް މެއެވެ. އަދި އިރަށް ބަލައިގެން ހަދާ ޙިސާބުތަކަށްވުރެ ޞައްޙަކަން ބޮޑު ގޮތްވެސް މެއެވެ. އަދި އެއީ ޙިސާބު ކުރުމެއް ނެތި މީސްތަކުންނަށް ބަލަން އެނގޭ ގޮތެއް ވެސް މެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. 

﴿وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ …﴾ [سورة يونس ٥]

މާނައީ: "(އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ" 

ނަމަވެސް އިރާ ބެހޭ ގޮތުން އެފަދައިން ވަޙީނުކުރައްވައެވެ. އެހެންކަމުން ޙައްޖުގެ މައްސަރުތަކާއި، ރޯދައާއި، ޢީދުތަކާ އަދި އިސްލާމީ މޫސުމްތައް ބިނާވެފައިވަނީ ހަނދުގެ ޙިސާބުތަކުގެ މައްޗަށެވެ. މިއީ ﷲ ތަޢާލާގެ ޙިކްމަތްވަންތަކަމާއި ރަޙްމަތުން އެއިލާހުގެ ދީން ޙިމާޔަތްކުރައްވާފައިވާ ގޮތެވެ. އެހެނީ މީސްތަކުންނަށް ހަނދަށް ބަލައިގެން އެބައިމީހުންގެ ދުވަސްތައް ޙިސާބުކުރަން އެނގޭނެއެވެ. އަދި އޮޅުމެއް ނެތި އެކަން ދެނެގަނެވޭނެއެވެ. އަދި އޭގެ ސަބަބުން އަހުލުކިތާބީން އެބައިމީހުންގެ ދީނުގެ ތެރެއަށް ވެއްދިފަދަ އިޚްތިލާފުތަކާއި ދެބަސްވުންތަކުން ދީން ރައްކާތެރިވާނެއެވެ.  [مفتاح دار السعادة، ص 538 ، 539 ގައިވާ ޝައިޚުގެ ބަސްކޮޅު ނިމުނީއެވެ.] 

އިބްނުލްޤައްޔިމު رحمه الله ގެ ބަސްކޮޅުގެ ފަހަތުބައިން، އަހުލުކިތާބީން ތަބަޢަވީ އިރުގެ ޙިސާބުތަކަށް ކަމަށް ދޭހަވެދާނެއެވެ. އަބްނުލްޤައްޔިމުގެ މިބަސްކޮޅުން ރައްދު ދެއްވަމުން އަލްޙާފިޡު އިބްނު ޙަޖަރު އެވަނީ ޞަރީޙަކޮށް އެކަން ބަޔާން ކުރައްވާފައެވެ. [ބައްލަވާ: الفتح ( 7 / 323 )]

ޙަޤީޤަތުގައި އެބައިމީހުންގެ ޝަރުޢުގައި އޭގެ ބޭނުމެއް ނުކުރެއެވެ. ނަމަވެސް އެއީ މާ ފަހުން އެބައިމީހުންގެ ތެރެއިން އައި ޖާހިލުން ގެނައި އެއްޗެކެވެ.” – ޑރ. ޚާލިދު އައްސަބްތުގެ ބަސްކޮޅު ނިމުނީއެވެ. – 

﴿يَسْأَلُونَكَ عَنِ الْأَهِلَّةِ …﴾ [سورة  البقرة ١٨٩]

މާނައީ: "ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ..".

މިއާޔަތާ ގުޅޭގޮތުން ޝައިޚު އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

"އުންމަތްތަކަށް ކަނޑައެޅިގެންވާ ވަގުތުތަކަކީ އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ ކަނޑައެޅުއްވި ވަގުތުތަކެވެ. – އެއީ ހުޅެވިހަނދެވެ. – ފަހެ، އެއީ މުޅި ޢާލަމަށްވާ ވަގުތުތަކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿ مَوَاقِيتُ لِلنَّاسِ…﴾ [سورة  البقرة ١٨٩]

މާނައީ: "އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި"

ފަހުން މިއައި ކަންކަމުގެ ތެރެއިން ފަރަންޖީންގެ ކަލަންޑަރާމެދު ދަންނައެވެ. ފަހެ، އޭގާއި އެކަށީގެންވާ އަޞްލެއް ނެތެވެ. އަދި އެއީ ހަމަޖެހޭ އެއްޗެއް ނޫނެވެ. އަދި އެއީ ޝަރުޢުވެގެންވާ އެއްޗެއްވެސް ނޫނެވެ. އަދި ހަމައެހެންމެ، ބައެއް މަސްތަކުގައި 28 ދުވަސް، ބައެއް މަސްތަކުގައި 30 ދުވަސް އަދި ބައެއް މަސްތަކުގައި 31 ދުވަސް ވާތީ ފެންނާނެއެވެ. އެހެނެއްކަމަކު މިފަރަޤު އައުމަށް އެކަށީގެންވާ ސަބަބެއް ފެންނާކަށް ނެތެވެ. އަދި ހަމައެއާއެކު މިމަސްތައް ދެނެގަނެ ވަގުތު ކަނޑައެޅުމަށް މީސްތަކުން ރުޖޫޢަވާނެ ޙިއްސީ ޢަލާމާތެއް ނުވެއެވެ. އެއާ ޚިލާފަށް ހަނދު މަހުގައި ކޮންމެ މީހަކަށްވެސް އެނގޭނެ ޙިއްސީ ޢަލާމާތެއް ވެއެވެ." – ޝައިޚުގެ ބަސްކޮޅު ނިމުނީއެވެ. – [

تفسير البقرة ( 2 / 371 )]

﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ…﴾ [سورة  التوبة ٣٦]

މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲ ގެ ޙަޟްރަތުގައި ބާރަ މަހެވެ…”

މިއާޔަތް ތަފްސީރު ކުރައްވަވަމުން އަލްޤުރުޠުބީ رحمه الله ވިދާޅުވެފައިވެއެވެ.

"މިއާޔަތުން ދަލީލުކޮށްދެނީ ހަމަކަށަވަރުން އަޅުކަންތަކާއި ގުޅޭ ޙުކުމްތަކާއި އެހެނިހެން ކަންކަމުގައި ތަބަޢަވުން ވާޖިބުވެގެންވަނީ ޢަރަބިން ތަބަޢަވަމުން އައި މަސްތަކާއި އަހަރުތަކަށްކަމެވެ. ޢަޖަމީންނާއި، ރޫމީން އަދި ޤިބްޠުން ތަބަޢަވީ މަސްތަކަކަށް ނޫނެވެ. އަދި މަސްތަކުގެ ޢަދަދު 12 އަށްވުރެ އިތުރުވެގެންވެސް ނުވާނެއެވެ. އެހެނީ (އެބައިމީހުން ތަބަޢަވީ މަސްތަކުގައި) ޢަދަދުތައް ތަފާތުވެގެންވެއެވެ. އޭގެތެރޭގައި ބައެއް މަސްތަކުގައި 30 ދުވަހަށްވުރެ އިތުރުވެއެވެ. އަދި މަސްތަކުގައި އެއަށްވުރެ މަދުވެއެވެ. ނަމަވެސް ޢަރަބިންގެ މަސްތަކުގައި 30 ދުވަހަށްވުރެ އިތުރެއް ނުވެއެވެ. ބައެއް މަސްތަކުގައި ބައެއްފަހަރު މަދު ވެއެވެ. އެއީ ވެސް ވަކި ޚާއްޞަ މަސްތަކެއް ނޫނެވެ. މަސް ފުރިހަމަވުމާއި މަދުވުން ބިނާވަނީ ހަނދުގެ ދައުރުވުމަށެވެ"

[تفسير القرطبي ( 8 / 133 ) ]

والله أعلم

 

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން