ކައިވެނިތައް ފޭލްވެ ރޫޅުން ގިނަވަނީ ބައިވެރިޔާގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތައް އެނގޭއިރުވެސް އެކަމަށް ނުބަލައި ރީތިކަމަށް ބަލައިގެން ކައިވެނިކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކައިވެނިތައް ފޭލްވެ ރޫޅުން ގިނަވަނީ ބައިވެރިޔާގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތައް އެނގޭއިރުވެސް އެކަމަށް ނުބަލައި ރީތިކަމަށް ބަލައިގެން ކައިވެނިކުރާތީ!

ކައިވެނިކުރަން ބޭނުންވުމުން އަނބިމީހާގެ ކިބައިގައި ހުންނަން ބޭނުންވާ ކަމަށް ތިމާއަމިއްލައަށް ބުނާ ޝަރުޠުތަކަށް ސަމާލުކަން ދެވެނީ މަދުމީހަކަށެވެ. އެހެންކަމުން ގިނަ ބައަކު ކައިވެނިކުރަނީ ޝަރުޠުތައް ފުރިހަމަނުވާ މީހުންނާއިއެވެ.  

މިޘާލަކަށް އުފާވެރިކަން ނަގާށެވެ! އެންމެންވެސް އުފާވެރިކަން ބޭނުންވެއެވެ. މިޒަމާނުގައި އުފާވެރިކަން ލިބެން މިއޮތީ ތަނަވަސްކަން ލިބިގެންނެވެ. ތަނަވަސްކަން ލިބެން މިއޮތީ އާމްދަނީ ހޯދަން މަސައްކަތްކުރުމުގެ ހިތްވަރު އެމީހެއްގެ ކިބައިގައި ހުރި ވަރަކުންނެވެ.  

ހަމަ އެއާއިއެކު އެންމެ މުހިންމީ ރިވެތި އަޚްލާޤެވެ. ކޮންމެ މީހަކުވެސް ބުނާނީ ތިމާ ބޭނުންވަނީ ރިވެތި އަޚްލާޤެއް ލިބިގެންވާ މީހަކާއި ކަމަށެވެ. ބުއްދިވެރިން ތަނަވަސްކަމުގެ ކުރިއަށް ނެރޭނީވެސް ރިވެތި އަޚްލާޤެވެ. ސަބަބަކީ ތަނަވަސްކަން ކުޑަނަމަވެސް އުފަލުގައި ދިރިއުޅެވިފައި އަޚްލާޤް ގޯސްނަމަ ދިރިއުޅުމަކީ ޠޫފާނަކަށް ވެގެންދާތީއެވެ.  

ހަމައެއާއިއެކު ތަޤްވާވެރިކަމާއި ހިތްހެޔޮކަމާއި ހީވާގިކަމާއި ކިޔަމަންތެރިކަމާއި މިހެން ގޮސް ހުރިހާ ރަނގަޅު ސިފަތަކެއްވެސް ފާހަގަކުރެއެވެ.  

ދެން އޮތީ އެންމެ މުހިންމު ބައެވެ. މިހުރިހާ ސިފަތަކެއް ފާހަގަކޮށް ކައިވެނިކުރަން ބޭނުންވަނީ މިސިފަތައް ހުންނަ މީހަކާއި ކަމަށް ބުނެފައިވެސް ގިނަ ބައަކު ކައިވެނިކުރަނީ މިސިފަތަކަށް ބަލައިގެނެއް ނޫނެވެ. ހަށިގަނޑުގެ ސިފައަށް ބަލައިގެންނެވެ. ރީތިކަމަށް ބަލައިގެންނެވެ.  

ނަތީޖާއަކަށްވަނީ ދާދި އަވަހަށް ދެމަފިރިންގެ މެދުގައި މައްސަލަޖެހެން ފެށުމެވެ. މައްސަލަތައް ގިނަވެ ދާދި އަވަހަށް ކައިވެނި ރޫޅިގެންދާކަމެވެ.  

ވީމާ އަހުރެން ބުނާނީ ހަށިގަނޑުގެ ސިފައަށް ނުވަތަ ރީތިކަމަށް ބަލައިގެން ކައިވެނިކުރުމަކީ އުފާވެރި ޒަވާޖީ ހަޔާތެއްގައި ދިރި ނުއުޅެވޭނެ ކަމަށެވެ. އަނެއްކާވެސް މިބުނަނީ މައްސަލައެއްގެ ވާހަކައެވެ. މިކަންކަމަކީ ގިނަ ބައަކު އަމިއްލައަށްވެސް ޤަބޫލުކުރާ ކަންކަމެވެ. ވީމާ ޢަމަލުނުކޮށްފައި ކައިވެނި ނާކާމިޔާބުވެގެން ކަންބޮޑުވީމާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން