ޝަޢުބާން މަހަކީ އެމަހެއްގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވި މައްސަރު ކަމަށްވުމުން އެކަމަށް މަސައްކަތްކުރަން އެބަޖެހެއެވެ. އެހެންވެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލަމެވެ.
މިހާރު ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ސުންނަތް ރޯދަހިފާނަމަ އިތުރު 2 ދުވަހު ނުވތަ 1 ދުވަހުނަމަވެސް ރޯދަހިފަން މަސައްކަތްކުރާށެވެ! މިޘާލަކަށް އާދީއްތަ ދުވަހާއި ހޯމަ ދުވަހު، ނުވަތަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ފަދަ ގޮތަކަށެވެ.
އެކުގައި އުޅޭ ކުދިން ނުވަތަ ގޭގެ މީހުން މިފަދަ ކަމެއްގައި ބައިވެރިވާނަމަ އިތުރު ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ. އެކުވެރިން ގެންގުޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކަސް ހަދަންޖެހޭނީވެސް ސުވަރުގެ ހޯދަން މަސައްކަތްކުރުމުގައި އެކަކު އަނެކަކަށް ވާގިވެރިވުމެވެ.
ހިތާމައަކީ ސުންނަތުން ޘާބިތުވާންހުރި މިފަދަ ކަންކަމަށް (ޝަޢުބާން މަހު ވީހާ ގިނައިން ރޯދަހިފުން ފަދަ ކަންކަމަށް ޢަމަލުނުކޮށް ޘާބިތުވާން ނެތް ކަންކަންކުރަން އުޅެވޭ ކަމެވެ. މިހެން ބުނަން މިޖެހެނީ ރަޖަބް މަސް ލައިގަތުމުން މިވެނި އެވެނި ކަމެއް ކުރަން ހިތްވަރުދީ މަސައްކަތްކުރެވުނުކަން ފާހަގަކުރެވުނީތީއެވެ.
ރަޖަބްމަހާއި ބެހޭ ގޮތުން ޑރ. އިޔާޟް ވިދާޅުވެފައިވާ ތިރީގައިވާ ބަސްފުޅުން ޢިބްރަތް ޙާޞިލުކުރައްވާށެވެ!
ރަޖަބު މަހަކީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވަވާފައިވާ ހަތަރު މަހުގެ ތެރެއިން ހިމެނިގެންވާ އެއް މަހެވެ.
ރަސޫލާ (ﷺ) އިސްރާއާއި މިއުރާޖްގެ ދަތުރުފުޅު ކުރެއްވެވީ ރަޖަބު މަހުގައެވެ.
މިއީ މުޅި އިސްލާމީ ތާރީޚުގައިވެސް ހިނގައި ދިއަ އެންމެ މުހިންމު އެއް ކަންތަކެވެ. ރަސޫލާ (ﷺ) އިސްރާއާއި މިއުރާޖް އަށް ދަތުރުފުޅު ކުރެއްވެވީ ރަޖަބު މަހުގެ 27 ވިލޭރެއެވެ. އެރެއަކީ ރަސޫލާ (ﷺ) ހަތްއުޑަށް ދަތުރުފުޅު ކުރެއްވެވި ރެއެވެ.
- ނަމާދު ފަރުޟު ކުރެއްވެވީ ރަޖަބު މަހު
ކޮންމެ ދުވަހަކު މާތް ﷲ ގެ ޙަޟްރަތައް ފަސް ވަގުތު ނަމާދު ކުރެއްވުމަށް މީސްތަކުންނަށް ގޮވާލެއްވުމަށް، ރަސޫލާ (ﷺ) ގެ މައްޗަށް އެކަލާނގެ އަމުރު ކުރެއްވެވިއެވެ. މިއަމުރުފުޅު ކުރެއްވެވީ އެކަލޭގެފާނުގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި، ރަޖަބު މަހުގެ 27 ވިލޭރޭގައެވެ.
އެހެންކަމާއިއެކުގައިވެސް ރަޖަބްމަހުގެ ދުވަސްތަކުގައި ވަކި ޚާއްޞަ އަޅުކަމެއް ކުރަންއޮތްކަން ސުންނަތުން ފެންނަން ނެތުމުން އަޅުކަންކުރުމުގައި ރަޖަބްމަހަކީ ހަމަ އެހެން މަސްތައް ފަދަ މަހެކެވެ. އެހެން މަސްތަކުގައި ފަދައިން ވީހައި ގިނައިން އަޅުކަންކުރަންވީއެވެ.
----ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް