އަޅުކަމުގެ މައްސަރު ގާތްވަނީ! އެންމެ ބޮޑަށް ތައްޔާރުވާންވީ ފާފައަކަށްވެދާނެ އެންމެ ޢަމަލެއްވެސް ނުކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
އަޅުކަމުގެ މައްސަރު ގާތްވަނީ! އެންމެ ބޮޑަށް ތައްޔާރުވާންވީ ފާފައަކަށްވެދާނެ އެންމެ ޢަމަލެއްވެސް ނުކުރަން!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދާދި ގާތްވެއްޖެކަމަށް ބުނުމަށްވުރެ މިހާރު ރަނގަޅުވާނީ އައިސް ޖެހިއްޖެ ކަމަށް ބުނުމެވެ. އެހައިވެސް ކައިވެފައިވާތީއެވެ.

ރަމަޟާން މަހަކީ ރޯދަހިފުމުގެ މައްސަރެވެ. ވީހައި ގިނަ އަޅުކަން ކުރުމުގެ މައްސަރެވެ. ރަމަޟާން މަހަކީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުހެލުމަށް ލިބޭ އެންމެ މަތިވެރި ފުރުޞަތެވެ. ރަމަޟާން މަހަކީ އެމަހުގެ އެންމެ ރެއެއްގައި އަޅުކަންކުރުމުން 1000 މައްސަރުގެ ޘަވާބު ޙާޞިލުކުރެވެން އޮތް މައްސަރެވެ.

ރަމަޟާން މަހަކީ އެމަހެއްގައި އެންމެ ގިނަ ޢަދަދެއްގެ މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާނެ މައްސަރެވެ. ރަމަޟާން މަހަކީ އެންމެ ގިނަ ބައަކު ޖަމާޢަތުގައި ނަމާދުކުރާނެ މައްސަރެވެ. އެންމެ ގިނަ ދަރުސްތައް ބޭއްވޭނެ މައްސަރެވެ. އެންމެ ގިނައިން ޤުރްޢާން ކިޔަވާނެ މައްސަރެވެ. މިފަދަ ހުރިހާ ކަންކަމާއި ގުޅިގެންވެސް މަލާއިކަތުންގެ ބޮޑެތި ފައުޖުތައް ބިމަށް ފައިބައިވަޑައިގަންނަވާނެތެވެ. ހަމައެއާއިއެކު ލައިލަތުލްޤަދުރިވިލޭރެއަކީ ބިންފުރި އިތުރުވެގެންދާނެ ވަރަށް މަލާއިކަތުން ފައިބައި ވަޑައިގަންނަވާނެ ރެއެވެ.

ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މިފަދަ މައްސަރެއްގައި ކިތަންމެ ކުޑަ ނަމަވެސް ފާފައަކަށްވެދާނެ އެއްވެސް ޢަމަލެއް ކުރަން ހެޔޮނުވާނެއެވެ. ވީމާ ރަމަޟާން މަހަށްޓަކައި އެންމެ ބޮޑަށް ވާންޖެހޭ ތައްޔާރީއަކީ އެއްވެސް ފާފައެއް ނުކުރަން ވާންޖެހޭ ތައްޔާރީއެވެ. ވީމާ ކުޑަ ފާފައެއް ކަމަށް ހީކޮށް ދޮގެއް ނުބުނެ ހުންނަންވެސް މަސައްކަތްކުރާށެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން

ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މިގެނެސްދެނީ ހުރުމަތްތެރިކުރެއްވެވިގެންވާ މައްސަރުތަކުގަ ފާފަކުރަން ބޮޑަށް ބިރުގަންނަންވީ ސަބަބުތައް ބަޔާން ކުރައްވައި ޝައިޚް އަބޫބަކުރު ޒައުދު ވިދާޅުވެފައިވާ ބަސްކޮޅެކެވެ. ޙުރުމަތްތެރިވެގެންވާ 4 މަހަކީ ޛުލްޤައިދާ، ޛުލްޙައްޖު، މުޙައްރަމް އަދި ރަޖަބް މަހެވެ.

އަހަރެމެން މިހާރު މިވަނީ ޙުރުމަތްތެރިވެގެންވާ 4 މަހުގެ ތެރެއިން ރަޖަބް މަހުގައެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ﷲ ތަޢާލާ އަންގަވާފައިވަނީ މިވެނި އެވެނި ނުބައި ޢަމަލުތައް ނުވަތަ ޙަރާމްކަންކަން ނުކުރުމަކަށް ނޫނެވެ.

އަންގަވާފައިވަނީ ތިއަބައިމީހުން މަގުފުރެދިގެން ނުދިއުމަށެވެ. އެއިގެ މާނައަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމެވެ. ޙަރާމްކުރެއްވެވި އެއްވެސް ކަމެއް ނުކުރުމަށެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ އެންމެހައި ކަންކަމަށް ރައްކައުތެރިވުމަށެވެ.

މިކަންކަމަށް ރައްކައުތެރި ނުވެވިއްޖެނަމަ އެމީހަކު އެދަނީ މަގުފުރެދިގެންނެވެ. "ތިއަބައިމީހުން މަގުފުރެދިގެން ނުދާށެވެ!" އޮތް ބަސްފުޅު އެގޮތަށް އެއޮތީ މަގުފުރެދިގެންދަނީ މީސްތަކުން ކަމުގައިވެފައި ފާފަކުރުމުން ފާފަވެރިވާނީ އެމީހަކު ކަމުގައިވާތީއެވެ.

މީސްތަކުން މިއަދު ޣާފިލުވެފައިވާވަރުން ޙުރުމަތްތެރިވެގެންވާ މައްސަރެއް ފެށުނު ނަމަވެސް އެކަން އެނގޭ ކަމަކަށް ނުވެއެވެ. ބަލައިލުމެއް ނެތި އުޅޭނެހައި ގޮތަކަށް އުޅެމުން ގެންދަނީއެވެ. ފާފަތައް ކުރަން ބިރެއް ނުގަނެއެވެ.

މިގޮތަށްވެސް ވިސްނައިލާށެވެ. އެއްވެސް މީހަކު ހަރަމްފުޅުގެ އަރިއަހުގައި ފާފައެއް ކުރާނެ ހެއްޔެވެ؟ ނުކުރާނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޙުރުމަތްތެރިވެގެންވާ ތަނަކަށްވާތީއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވަވާފައިވާ މައްސަރެއްގައި ފާފަކުރަން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟

ފާފަކުރަން ބިރުގަންނަން ޖެހޭނީ ހަމައެކަނި ޙުރުމަތްތެރި ކުރެއްވެވި 4 މަހަކު ނޫނެވެ. އަހަރުގެ 12 މަހުގައެވެ. 12 މަހުގެ ކޮންމެ ދުވަހެއްގައެވެ. މިބުނަނީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަނުކުރަން އިތުރަށް ސަމާލުކަންދޭންޖެހޭނެ ވާހަކައެވެ. ވީމާ އޮޅުވައިނުލާށެވެ.

-- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން