އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއްކަމަކީ ދުނިޔެއަކީ ކުށުގެ ވެށްޓެއްކަމެވެ. އެފަދަ ވެށްޓެއްގައި ދިރިއުޅޭނަމަ ކުށެއް ނުކުރަން ހުންނަ މީހަކަށްވެސް ކޮންމެވެސް ވަރެއްގެ ކުށްތަކެއް ކުރެވޭނެއެވެ. އަދި ޤަޞްދަކާއި ނުލައި ކުރެވޭ ކުށްތައްވެސް ހުންނާނެއެވެ. ދިރިއުޅުމާއިގެން ކުރިއަށްދާންވާނީ އެކަންކަން ޤަބޫލުކުރުމާއިއެކުގައެވެ. ހަމަ އެއާއިއެކު ތިމާއަށްވެސް ކުށްކުރެވޭނެކަން ޤަބޫލުކުރުމާއިއެކުގައެވެ.
ފިރިމީހާކަމަށްވުމަކީ ނުވަތަ އަނބިމީހާކަމަށްވުމަކީ އަނެކާ ބޭނުންވާނެ ގޮތަށް ހުރިހާ ކަންކަން ކުރެވޭނެ ސަބަބެއް ނޫނެވެ. ހިތްހަމަނުޖެހޭނެ ގޮތަށްވެސް ކަންކަން ކުރެވޭނެ އެވެ. އަދި ކުށްވެސް ކުރެވޭނެއެވެ.
އަހަރެމެން އެންމެންނަކީ ވެސް އިންސާނުންކަމުގައިވީތީއެވެ. އެންމެންނަށްވެސް ކުށް ކުރެވޭނެތީއެވެ. ތިމާއަށްވެސް ކުށް ކުރެވޭނެއެވެ. ބައިވެރިޔާއަށްވެސް ކުށް ކުރެވޭނެއެވެ. ވީމާ އަނެކާއަށް ކުށެއް ކުރެވުމަކީ "ބޯމައްޗަށް އުޑުވެއްޓުން" ފަދަ ކަމެއްގެ ގޮތުގައި ނުދެކޭށެވެ!
ބައިވެރިޔާއަށް ކުށެއް ކުރެވުމުން އިޞްލާޙްކުރަން ވާހަކަދައްކާއިރު އެފަހަރު ކުރެވުނު އެކުށް ނޫން ކަންކަމުގެ ވާހަކަ ނުދައްކާށެވެ. މާޒީގައި ކުރެވިފައިހުރި ކަންކަމުގެ ލިސްޓުކިޔަން ނުހަދާށެވެ! ކުށުގެ ލިސްޓު އެގޮތަށް ބަލާނަމަ ލިސްޓް އޮންނާނީ އެކެއްގެއެއް ނޫނެވެ. ދެމީހުންގެވެސް އޮންނާނެއެވެ. ވީމާ އެހުރިހާ ކަންކަމުގެ ވާހަކަ ދައްކާނަމަ ޖެހުނު މައްސަލަ ހައްލުވުމުގެ ބަދަލުގައި ކަންކަން ދާނީ ގޯހުން ގޯހަށެވެ.
ދެމީހުންގެ މެދުގައި އިޞްލާޙްކުރަންޖެހޭ ކަންކަން ހުރިނަމަ ރަނގަޅު ވަގުތެއް ހޯދައިގެން އެކަންކަމަށް މަޝްވަރާކުރާށެވެ! އެކަންކަން ތަކުރާރުނުވާނެ ގޮތްތަކަށް ދެމީހުން މަޝްވަރާކުރާށެވެ!
އިބިލީސް އެންމެ އުފާކުރާނީ ދެމަފިރިންގެ މެދުގައި މައްސަލަޖެހުމުންނެވެ. އިބިލީސް އެންމެ ހިތާމަކުރާނެ އެއްކަމަކީ ދެމަފިރިއަކު ޞުލްޙަވެ ލޯބިން އެކުގައި އުޅެންފެށުމެވެ. ހަމައެއާއިއެކު ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްކުރާނަމަ ﷲ ތަޢާލާ އެބައަކަށް ލޯބިވެވަޑައިގަންނަވާނެތެވެ! އެބައަކަށް ރަޙްމަތް ލައްވަވައި މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުވެ އުފާވެރިކަން އަލުން ލިބުމަކީ ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. ވީމާ އެފަދަ ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ ޝުކުރުވެރިވެ ހެޔޮ އަމަލެއް ކުރަން އަވަސްވެގަންނާށެވެ! އެގޮތުން ޞަދަޤާތެއްކުރުން، ނަމާދެއްކުރުން، ޛިކުރުކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން