ބޮޑެތި ފާފަތަކުގެ ލިސްޓް ކިޔައިދޭއިރު އެއިގެ ތެރޭގައި އަނެކާގެ ހިތުގައި ޖައްސުވައި ރޮއްވުން ނުކިޔައިފާނެއެވެ. ނަމަވެސް އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި މީސްތަކުންނަށް އަނިޔާވެރިވުން ކިޔާނެއެވެ. އެއިރުން އެއޮތީ އަނެކާގެ ހިތުގައި ޖައްސުވައި ކަރުނައަޅަން ޖެއްސުވުން ޖެއްސުވުން ހިމެނިފައެވެ.
ޝަރީކުކުރުމަކީ އެންމެ ބޮޑު ފާފައެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ޝަރީކުކުރާ މީހާ ތައުބާ ނުވެވި ހުއްޓައި މަރުވެއްޖެނަމަ އެމީހާގެ ފާފަ ﷲ ތަޢާލާ ނުފުއްސަވާނެތީއެވެ! އެމީހަކަށް ނަރަކަ ނޫންތަނެއް ނެތީތީއެވެ.
އަހަރެންގެ ނަޒަރުގައި ޝަރީކުރުމަށްފަހު އޮތް އެންމެ ބޮޑު ފާފައަކީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމެވެ.
މިހެން މިބުނަނީ ޝަރީކުކުރުންވަނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. ޝަރީކުކުރާ މީހާ ތައުބާވުމަށް އެއްވެސް ހުރަހެއް ނެތެވެ. ތައުބާވެއްޖެ ނަމަ ފާފަ ފުއްސަވައިދެއްވަވާނެތެވެ! އިން ޝާ ﷲ. އެހެން ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެފިނަމަ 3 ވަނަ ފަރާތުގެ ޙައްޤު އޭނާ މާފުކޮށްފުމަށްދާންދެން ﷲ ތަޢާލާ ޢަފޫކުރައްވަވައި ނުދެއްވަވާނެތެވެ! ވީމާ މީހެއްގެ ޙައްޤަކަށް އަރައިގަތުމުގެ ފާފައިގެ ބޮޑުކަން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!
ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވި ޝަހީދުންގެ ފުރާނަތައް ޤިޔާމަތާއި ހަމައަށް ވަނީ ސުވަރުގޭގައެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެބޭކަލުންވެސް ސުވަރުގެ ވައްދަވާނީ އެބޭކަލުން އެހެން މީހަކަށް އަދާކުރައްވަވަން ޖެހިވަޑައިގަންނަވާ ޙައްޤެއް އޮތްނަމަ އެކަމެއްގެ ހިސާބު ބައްލަވައި ނިންމެވުމަށްފަހުގައެވެ.
މީސްތަކުންނޭވެ! ބައެއް ޙާލަތްތަކުގައި ތިމާގެ ކިބައިން ކުރެވޭ ކަންކަމުގެ ސަބަބުން އެހެން މީހުންނަށް ލިބޭ މާޔޫސްކަމުގެ ސަބަބުން އެހެން މީހުންނަށް ދިރިނުއުޅެވޭ މިންވަރަށް އެބަ ކަންކަން ދެއެވެ. ވީމާ މީހެއްގެ ޙައްޤަކަށް އަރައިގަތުމަކީ ހަމައެކަނި މީހެއްގެ މުދަލަށް އަރައިގަތުން ކަމަށް ބަލައިގެން ނުވާނެއެވެ. ތިމާގެ ކިބައިން އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދެވުމަކީ ވެސް އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމެވެ.
އަނެކާގެ ހިތުގައި ޖެއްސުމަކީވެސް އެމީހާގެ ޙައްޤަށް އަރައިގަތުމެވެ. އެހެނީ ގިނަފަހަރު ހިތުގައި ޖައްސުވައި މީހުން ރޮއްވުމަކީ އޭނާގެ ޖިސްމަށް ކުރެވޭ އަނިޔާއަށްވުރެ މާބޮޑު އަނިޔާއަކަށް އޮންނަނީވެފައެވެ. ވީމާ ބިރުވެތިވާށެވެ! އަނެކާގެ ލޮލުން އޮހޮރޭ ކޮންމެ ކަރުނަ ތިއްކަކަށްވެސް ބަދަލުދޭން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ! އަނެކާގެ ލޮލުން އޮހޮރުވި ކޮންމެ ކަރުނަ ތިއްކަކަށް ހާސް ތިކި އޮހޮރަން ނުޖެހުނު މީހަކު ނެތެވެ. އަދި ނުވެސް ހުންނާނެއެވެ.
މުޞީބާތެއްގައިވާ މީހަކު އިތުރަށް މާޔޫސްވާން ފަދަ ވާހަކަތައް އެމީހާގެ ގާތުގައި ދެއްކުމަކީވެސް ހަމައެފަދަ ކަމެކެވެ. ވީމާ މީސްތަކުންގެ ގާތު ވާހަކަދައްކާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ހިތްވަރުދޭން ޖެހޭނެއެވެ. އެކަމަކުން އަރައިގަނެވޭނެ މަގު ބުނެދޭން މަސައްކަތްކުރަންވާނެއެވެ! ނޫންނަމަ އެފަދަ ކަންކަމުގެ ތެރެއަށް ނުވަންނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން