"ބޭސްކޭމަ މިހާރު ރަނގަޅު!"- މިދެވެނީ ރަނގަޅު މަގަކުން ނޫން! ވިސްނުން އިޞްލާޙްކުރަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
"ބޭސްކޭމަ މިހާރު ރަނގަޅު!"- މިދެވެނީ ރަނގަޅު މަގަކުން ނޫން! ވިސްނުން އިޞްލާޙްކުރަން އެބަޖެހޭ!

ﷲ ތަޢަލާ އާއިމެދު ބައެއް ކުށް ބަސްތައް ބުނެވެނީ ނުބައި ނިޔަތެއް އޮވެގެނެއް ނޫނެވެ. އަދި ގިނަ ބައަކަށް ތިމާމެންނަށް މިކުރެވެނީ ކޮންކަމެއްކަން ނުވެސ ވިސްނޭފަދައެވެ. ނަމަވެސް އެއީ ޤަޞްދުގައި ބުނި ބަހެއް ނޫން ކަމަށް ބުނެ ނިންމާލައިގެން ތިބެގެންވެސް ނުވާނެއެވެ. މިފަދަ ަބސްތައް އިޞްލާޙްކުރުވަން މަސައްކަތްކުރަންވެސް ޖެހެއެވެ.

"ބޭސްކޭމަ މިހާރު ރަނގަޅު!" – މިއީ ކުށް ޢިބާރާތެއް!: ޝައިޚް ޢަލީ ޒާހިރު

ބަލިވެއުޅޭ، ނުވަތަ ބަލިވެ އުޅުނު މީހުންނާއި ޙާލުގެވާހަކައިން ސުވާލުކުރުމުން "ބޭސްކޭމަ މިހާރު ރަނގަޅު!" ކަމަށް ބުނުމަކީ އަޅުގަނޑުމެންގެ އާދައިގައި ހުރި ކަމެކެވެ. އެހެން އެބުނަނީ ރަނގަޅު ނިޔަތުގައިވެސް މެއެވެ. ނަމަވެސް އެގޮތަށް ބުނުމުން އެބުނެވެނީ ހަމަ ކުށްބަހެކެވެ.

ރަނގަޅު ގޮތަކީ "ބޭސްކެއުން ﷲ ވާގިފުޅާއިއެކު މިހާރު ރަނގަޅެވެ." "ބޭސްކެއުމުން މިހާރު ރަނގަޅު! އިން ޝާ ﷲ" ފަދަ ޢިބާރާތެކެވެ. އެހެނީ ޝިފާ ލިބެނީ ބޭނުންކުރާ ބޭހަކުން ނޫނެވެ. ބޭހަކީ ހަމައެކަނި ސަބަބެކެވެ. ޝިފާ ދެއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ވީމާ މިއީ އިޞްލާޙްކުރުން ރަނގަޅު ބަސްތަކެވެ!" --ޝައިޚް ޢަލީ ޒާހިރު

"ބަލިވެގެން ޑޮކްޓަރަށް ދައްކަން ދަމުންވެސް، ދައްކާއިރުވެސް ޑޮކްޓަރަށް ތިމާގެ ބަލި ދެނެގަތުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވައި ތިމާއަށް ޝިފާލިބޭނެ ފަރުވާއެއް ދިނުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވާނދޭވެ! މިފަދަ ދުޢާތައް ކުރަންވާނެއެވެ! ޝިފާ ލިބެނީ ޑޮކްޓަރުގެ މޮޅުކަމުން ނުވަތަ ޑޮކްޓަރު ދޭ ބޭހުގެ މޮޅުކަމަކުން ނޫނެވެ! ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ!" --މުފްތީ މެންކް

ޝިފާ ލިބެނީ ޑޮކްޓަރުންނާއި ބޭހުން ކަމަށްވާނަމަ އެއްވެސް ބައްޔަކަށް ޝިފާދިނުން ނުވަތަ އެއްވެސް ބައްޔަކުން އެއްވެސް މީހަކު ސަލާމަތްކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެންވާނަމަ ދުނިޔޭގެ އެންމެ ބޮޑެތިވެރިން، އެންމެ މުއްސަނދި ބިލިއަނަރުންނަށް އެމީހުންގެ އެންމެ ޒުވާން އުމުރުގައި ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން އެންމެ އަގުބޮޑު ބޭހާއި ފަރުވާދެމުންދަނިކޮށް އެޑޮކްޓަރުންގެ ކުރިމަތީގައި ދުނިޔެ ދޫކޮށް މަރުވަނީ ކީއްވެގެން ހެއްޔެވެ؟

"ރަޙްމަތް ލެއްވެވީ ﷲ ތައާލާކަން ދުލުން ނުބުނި ނަމަވެސް ހިތުގައި އޮވެއެވެ." މިފަދައިން ބުނާ މީޙުން ވަރަށް ގިނައެއްވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި އެކަން ކުރަން އޮތްގޮތެއް ނޫނެވެ. އަދި ޤަބޫލުކުރެވޭނެ ވާހަކައެއްވެސް ނޫނެވެ. އަދި ހިތުގައި އޮންނަނަމަ ދުލުން ނުބުނެވެންވީ ކީއްވެގެންހެއްޔެވެ؟ އަހަރެމެންނަށް އޮތީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ޝުކުރުވެރިވުމެވެ. އެކަން ދުލުން ހާމަކުރަންޖެހޭނެއެވެ." މިއީ ވެސް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ.

 

މިއަދު އޮންލައިން