އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ފާސްކޮށްފި

އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ޤާނޫނަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިޞްލާހު ފާސްވެފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާޤުންނެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް މި އިޞްލާހު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ހަރުދަނާކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމެވެ. މި އިޞްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްޞީލުކޮށް، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ފޯރުކޮށްދިނުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.

މި އިޞްލާހުގެ ދަށުން، އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވަންސް ނުލިބޭ ކޮންމެ މެންބަރަކަށް 3،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެލަވަންސް ކަނޑައެޅުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މި އިނާޔަތް ދެއްވަން ފައްޓަވާނެ ކަމަށެވެ.

މި އިޞްލާހުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކުގެ މާލީ ދަތިތައް ޙައްލުވެ، ކައުންސިލްތަކުން ދޭ ފައިސާ ދިނުމާއި ޚަރަދުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން